ރިޕޯޓް

އުނދަގުލާއި ދަތިތަކުގެ ތެރެއިން ރާއްޖޭގެ އިޝްތިހާރު!

މިއަދަކީ ނޮވެމްބަރު 2، 2018 އެވެ. ހުކުރު ދުވަހެކެވެ. ގަޑިން ހަވީރު 4.30 ވެއްޖެ އެވެ. އަހަރެން މި ފުރަނީ ދިވެހިންގެ ގިނަ ބަޔަކު ދާދިފަހަކާޖެހެދެން "އަރުވާލެވިގެން" ތިބި އިނގިރޭސިވިލާތަށެވެ. އެ ގައުމުގެ ވެރިރަށް ލަންޑަނަށެވެ. އެކަމު "އަރުވާލެވޭކަށް" ނޫނެވެ. ޓޫރިޒަމް އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވަލް މާރުކޭޓު (ޑަބްލިއުޓީއެމް) ކަވަރު ކުރާށެވެ. އެއާޕޯޓަށް ފައިބައި ހަމަޖެހިނުލެވިގެން އުޅެނިކޮށް ޓްރޯލީއެއް ބަރުކޮށް ފޮށި ތަކެއް އަރުވައިގެން މީހަކު އެބަ އާދެ އެވެ. އޭނާ އަހަރެން ފެނި މަށާދިމާލަށް ހަނާ އަޅާލައިފި އެވެ. މިއީ ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީގެ މުވައްޒަފެކެވެ. އެ ކުންފުނީގެ ސޯޝަލް މީޑިޔާ ކަންކަން ބަލަހައްޓާ މުވައްޒަފެވެ. އޭނާގެ އަތުގައި ހުރި ފޮށިތަކުގައި އެހުރީ ރާއްޖޭން ފެއާއަށް ގެންދާ ސާމާނެވެ.

"އެބަ އަންނަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ގޮސް ލިއުމެއް ހޯދައިގެން،" އެހެން ބުނެފައި އޭނާ ދިޔައީ އެއާޕޯޓް އެމްއެފްޑީއޭ އޮފީހަށެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕުގެ ގައުމަކަށް ވުމުން އެ ގައުމަށް ކޮންމެ ކޮންމެ އެއްޗެއް އެތެރެއެއް ނުކުރެވެ އެވެ. އެކަމަށް ހާއްސަ ސެޓިފިކެޓެއް ބޭނުންވާނެ އެވެ. އެހެންވެ އެ ދިޔައީ އެ ސެޓިފިކެޓް ހޯދާށެވެ. އިރުކޮޅެއް ފަހުން މި ދަތުރުގައި ބައިވެރިވާ އެމްއެމްޕީއާރުސީގެ އެހެން މުވައްޒަފުން ވެސް އެއާޕޯޓަށް އަތުވެއްޖެ އެވެ. އެކަމަކު އެ ލިއުން ނުލިބޭތީ ކުރިން ދިޔަ ކުއްޖާ އެ ތަނުގައި "ތާށިވީ" އެވެ. އަދި ނާދެ އެވެ. އިރުގަނޑެއް ފަހުން އައިއިރު އައީ ތެމިފޯވެގެންނެވެ. އޭރު ޗެކިން ކައުންޓަރު ބަންދު ކުރަން ވަގުތު ކުޑަތަން ވަނީ އެވެ. ލަސްވީ އެ ސެޓުފިކެޓް ލިބުން ލަސްވީމަ އެވެ. ތެމިފޯވެފައި ހުއްޓަސް އައީ އެ ލިއުން ހިފައިގެންނެވެ. ދެން މި ލަންޑަން ދަތުރު ފެށުނީ އެވެ.

ލަންޑަނަށް ކުރާ މި ދަތުރުރުގެ ދިގުމިނަކީ އަށް ގަޑިއިރެވެ. އެކަމަކު މި ދަތުރުކޮށް ޑަބްލިއުޓީއެމް މި ފެއާއާ ހަމަޔަށް މި މުވައްޒަފުން އެދަނީ މިއަށް ވުރެ ގިނަ ދުވަހުގެ މަސައްކަތުންނެވެ. ފުރަތަމަ އަހަރު ފެށޭއިރު އެކަމަށް ޕްލޭން ކުރަން ޖެހެ އެވެ. އެކަމަކު އެކަމަށް ލިބޭނީ ކިހާ ފައިސާއެއް ކަމެއް ޔަގީނެއް ނުވާނެ އެވެ. އަދި ފައިސާ ލިބޭނެ ކަމެއް ވެސް އޭރަކު ޔަގީނެއް ނުވާނެ އެވެ. އެހެންވެ ބައިވެރިވާނީ ކޮން ފެއާ ތަކެއްގައި ތޯ؟ ބައިވެރިވާނެތޯ ނުވަތަ ނޫންތޯއެއްވެސް ނޭނގޭނެ އެވެ. އަދި ރާއްޖެ އިޝްތިހާރު ކުރަން ކުރާނީ ކޮންކަމެއް ކަމެއް ވެސް ނޭނގޭނެ އެވެ. ދެން ކުއްލި އަކަށް ބަޖެޓު ލިބޭނެ އެވެ. މީގެންކަމެއް ކުރަން ބަލާއިރު ދީފައި ހުންނާނީ މަދު ފައިސާ ކޮޅެކެވެ. ދެން ޖެހޭނީ އެކަން ރާވާށެވެ.

ސަރުކާރެއްގެ ފަސް އަހަރެއް ނިމުނުއިރު ރާއްޖޭގެ އިޝްތިހާރު ބަޖެޓަކީ އެންމެ 1.5 މިލިއަން ޑޮލަރެވެ. އެކަމަކު ޓޫރިޒަމްގައި ރާއްޖެއާ ވާދަވެރި އަވައްޓެރިންގެ ބަޖެޓު އުޅެނީ 21 މިލިއަން ޑޮލަރުގަ އެވެ. ނޫނީ އެއަށްވުރެ މަތީގަ އެވެ. ނަމަވެސް މާކެޓިން ކުންފުނީގައި ހުރި ވަސީލަތްތަކާއެކު "ފިތިފައި" ތިބެގެން 100 ޕަސެންޓް ދިވެހިން މި މަސައްކަތް ކުރަނީ ގައުމަށްޓަކަ އެވެ. މި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި އަންހެން ބޭކަނބަލުން ގިނަ އެވެ. އެއީ މަންމައިންނެވެ. ބައެއް މީހުންގެ އަހަރު ދެ އަހަރު ތިން އަހަރުގެ ކުދިން އެބަތިއްބެވެ. އެ ކުދިން ދޫކޮށް އެ މީހުން ދުނިޔޭގެ ހަތަރު ބިތަށް ގޮސް މަސައްކަތް ކުރަނީ ގައުމީ ލޯބީގަ އެވެ. އެގޮތުން މި އަހަރުގެ ޖެހުއަރީ މަހު އެކަނި މި މުވައްޒަފުން ދުނިޔޭގެ އެކި ހިސާބުތަކުގައި އޮތް ފަސް ފެއާ އަކަށް ދިޔަ އެވެ.

ޓޫރިޒަމް ސިނާއަތުން ގައުމު އިޝްތިހާރު ނުކުރެވޭތީ އުކާހާ ގަލެއް ބޮލުގައި ޖެހުނަސް ވަރިހަމަ ކަމަށް ބަލައިގެންނެވެ. އެކަމަކު ޝައުގުވެރިކަމުގަ އެވެ. ފެއާ ފަށާ ދުވަހު ގައުމީ ހެދުމުގައި އަބަދު ވެސް ތިބޭނީ މި މުވައްޒަފުންނެވެ. ފިނި ގަދަޔަސް ފިރިހެން މުވައްޒަފުން ތިބޭނީ ފެން ފައިވާނުގަ އެވެ. އަންހެން މުވައްޒަފުން ތިބޭނީ ދިވެހި ލިބާހުގަ އެވެ. މިކަމުގައި ކުންފުނީގެ އެމްޑީ އިން ފެށިގެން އެންމެ ޖޫނިއާ މުވައްޒަފު ވެސް ބައިވެރިވާނެ އެވެ.

ޓޫރިޒަމްގެ އަވަސް ކުރިއެރުމާއެކު ރާއްޖޭގެ ޓޫރިޒަމް އެނދު ބައިލައްކަ އަށް އަރަން ކައިރިވެއްޖެ އެވެ. އެހެންވެ ގައުމު ޕްރޮމޯޓް ކުރުން ވަރުގަދަ ކުރުމުގެ ވަގުތު ކުޑަތަން ވަނީ އެވެ. އަދި ޓޫރިޒަމްގެ ވާދަވެރިކަމާއެކު ވިޔަފާރި ތަކުން ފެއާތަކުގައި ބައިވެރިވުން އިތުރުވެސް ކޮށްފި އެވެ. ކުރިން ބައިވެރިންގެ އަދަދު 15 އިން މަތީގައި އުޅުނުނަމަވެސް މިހާރު މި އަދަދު 100 އިން މަތިވެ، ކުންފުނިތަކުގެ އަދަދު ވެސް ފަސް ފޮޅަހުން ސަތޭކަ އަށް އިތުރުވެއްޖެ އެވެ. ނަތީޖާއަކީ މާކެޓިން ކުންފުނީގެ މުވައްޒަފުންގެ ބޮލަށް ބާރުވުމެވެ. "ޕްރެޝަރު" މަތިވަމުން ދިއުމެވެ.

ޓޫރިޒަމް ވިޔަފާރި ތަކުން ޕްރޮމޯޝަނަށް ހެސްކިޔާފަ މިލިއަން ޑޮލަރު ހަރަދު ކުރާއިރު ގައުމުގެ ޑެސްޓިނޭޝަން މާކެޓިން އަށް ކުރާ ހޭދަ ވަނީ މަދެވެ. ނަތީޖާއަކީ ގައުމުގެ ނަން ގެއްލުމުގެ ބިރު ހީވުމެވެ. "ބްރޭންޑިން" އަތުން ދޫވުމެވެ. ނަމަވެސް މި މުވައްޒަފުން އެންމެ ފުކެއް ވެސް ދޫނުދީ ހިފަހައްޓާލަނީ "އާނދޮގޭ މަމެންތިއްބާ ތިޔާހެއްނޭ ނުވާނެއޭ ބުނަމުންނެވެ" ނަތީޖާއަކީ ޓޫރިޒަމް އެރައިވަލް ވެސް އިންޑަސްޓްރީއާ ގުޅިގެން ކުރާ މަސައްކަތުން ހިފެހެއްޓިފައި ހުރުމެވެ.

މި މުވައްޒަފުން ފުރަތަމަ ފެއާ އޮންނަ ގައުމުގައި ފައި ޖެހުމާއެކު ދާން ޖެހެނީ އެ ފެއާ ގްރައުންޑަށެވެ. އެތަން އޮތް ގޮތް ބަލާށެވެ. ފިނިކަމުން ގަނޑުވިއަސް ނޫނީ ހޫނުކަމުން ފިހެވުނަސް މިކަމުގައި އުޒުރެއް ނޯންނާނެ އެވެ. ޖެހޭނީ ކުރާށެވެ. އެ ތަނަށް ގޮސް ކުންފުނި ތަކުން ފެއާ އަށް ގެންދާ ސާމާނު އެ މީހުން އަތުރާލާނެވެ. އެކަމުގައި ކުންފުނީގެ އެމްޑީ ވެސް އެހެން މުވައްޒަފުންނެކޭ އެއްގޮތަށް މަސައްކަތް ކުރާނެ އެވެ.

މި މުވައްޒަފުން އެ ދުވަހުން ފެށިގެން ކުރާނީ ތަފާތު އެކި ހިޔާލުތަކުގެ، އެކި މިޒާޖުގެ މީހުން އުޅޭ ޓޫރިޒަމް ސިނާއަތުގެ މީހުން އެންމެ ބޭނުންވާ ގޮތަށް ދިވެހި ސްޓޯލް އަތުރާ ދިނުމުގެ މަސައްކަތެވެ. މި އަހަރުގެ ޑަބްލިއުޓީއެމް އަށް ބަލާއިރު ރާއްޖޭގެ ރަސްމީ ކެމްޕޭން މެޓީރިއަލް ނުލައި ކޮންމެ ކުންފުންޏަކުން އެވްރެޖުކޮށް 15 ކިލޯގެ އެއްޗިހި ގެންދިޔަ ކަމަށްވެ އެވެ. މިކަމުގައި ހިސާބެއް ޖަހަން 60 ކުންފުނިން އެއްޗި ގެނައިކަމަށް ބެލިނަމަވެސް އެއީ ނުވަ ސަތޭކައެއްހާ ކިލޯގެ ސާމާނެވެ. މީގެތެރޭގައި ލީފްލެޓާއި ބްރޯޝާ ފަދަ ސާމާނު ހިމެނެ އެވެ. މިތަކެތި ކަނޑައި ސްޓޯލްތަކުގައި ބަރާބަރަށް އެތުރުމަކީ މި މުވައްޒަފުން ކޮންމެ ފެއާއެއްގައި ކުރާ ކަމެކެވެ.

ބޭރުގެ ފެއާއެއްގައި ބައިވެރިވުމޭ ބުނީމަ މީހުން ބުނަނީ އެ މީހުން ދަނީ ޗުއްޓީ ހޭދަކުރާށެވެ. ބޭރަށް ގޮސް ރަނގަޅަށް ކާލައިގެން ޝޮޕިން ކޮށްލަނީ އެވެ. ހަރާން އެއްކަމެއް ވެސް ކުރާ ބައެއް ނޫނެވެ. އެކަމަކު އުޅެލީމަ އެނގެނީ މިކަމަކީ ފިސާރި ހައްޓަށް ބުރަ، ބުރަ ކައްޓަން ވާން ކުރާ ކަމެއް ކަމެވެ. ފެއާގެ ދުވަސް ނިންމާފަ ހޮޓަލާ ހަމަ އަށް ދެވޭއިރު ހުންނަނީ ހަފުސްވެފަ އެވެ. ހޮޓަލަށްދާ މަގުމަތީގައި ކާރުގައި ނިދާ މުވައްޒަފުން މަދެއްނޫނެވެ. ފެއާގެ ފޯރީގައި އެއް ފަހަރު ކާލައިގެން އުޅޭ މުވައްޒަފުން ތިބެ އެވެ. ކޮންމެއަސް މިބުރަކަމުގައި މި އަހަރުގެ ޑަބްލިއުޓީއެމް މި އަހަރަށް މުވައްޒަފުން ނިންމައިލަނީ އެވެ. ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގައުމުން ބޭރަށް ގޮސް އުޅެލުމަކީ ކިހާވަރެއްގެ މަސައްކަތެއްކަން އެނގޭނީ ހަމަ މިމީހުންނަށެވެ.