ރިޕޯޓް

ޑަބްލިއުޓީއެމްގައި ދިވެހިންގެ އުންމީދު މިފަހަރު މާބޮޑު!

Nov 6, 2018

ޓޫރިޒަމް ފެއާތަކަށް އަންނަ ވިޔަފާރިވެރިންގެ ތާއަބަދުގެ ޝަކުވާ އެކެވެ. ޓޫރިޒަމް ފުޅާވެގެން ދިޔަނަމަވެސް ރާއްޖެ އިޝްތިހާރު ކުރަން ލިބޭ ތަންކޮޅު ބޮޑު ނުވުމެވެ. ހާއްސަކޮށް ފެއާ ބާއްވާ ތަނަށް އެ މީހުން ރީތި ސޫޓުލައިގެން ދާއިރު އެތަނުގައި އެކަށީގެންވާ ޖާގައެއް ނެތުމަކީ އެއް ޝަކުވާ އެވެ. މިވޭތުވެދިޔަ ހައެއްކަ އަހަރު ވެސް މި ޝަކުވާ އަޑު އެހީމެވެ. ނަމަވެސް މިހާރު ލަންޑަންގެ އެކްސެލް ލަންޑަންގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގެ ފުރަތަމަ ދުވަސް ނިމިގެން ދިޔައިރު ކުރީ އަހަރުތަކުގައި އިވުނު ޝަކުވާގެ ވަނީ މަޑުޖެހިފަ އެވެ. ފުރަތަމަ ދުވަހުގެ ގިނަ ބައިވެރިންގެ ފަރާތުން ފެނުނީ އުންމީދާއި ހިތްހަމަ ޖެހުމެވެ.

"މި ފެންނަނީ ރަނގަޅު ކުރެވޭނެކަން. ކުރިން މިތަނަކު ނޯވެ ހިންދެމިލާނެ ވަރު ވެސް. ފިތި ބާރުވެގެން ތިބެނީ. އެކަމަކު މި އަހަރު އެކަން ހަމަ ގައިމު ވެސް ރަނގަޅު،" ރާއްޖޭން 150 އެއްހާ މީހުން ބައިވެރިވެގެން އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ޑަބްލިޓީއެމް ފެއާގައި ބައިވެރިވެ ބައިވެރިއަކު ނަން ނުޖެހުމަށް ޝަތުރުކޮށް ހަމައެކަނި ބުނެލީ މިހެންނެވެ.

މި އަހަރުގެ ފެއާގައި ރާއްޖެ އެކި ގިންތިތަކުގެ ޓޫރިޒަމް 65 ކުންފުންޏެއް ބައިވެރިވެފަ އެވެ. މީގެތޭގައި ރާއްޖޭގެ ޓޫރިޒަމްގައި ނަން ހިންގާ އެންމެ މަޝްހޫރު ގިނަ ކުންފުނިތަކެއް ވެސް ހިމެނެ އެވެ. ކުންފުނިތަކުގެ އިތުރުން ދިވެހި ޓުއާ އޮޕަރޭޓަރުންނާއި ބައެއް އެއާލައިންތައް ވެސް ހިމެނެ އެވެ. މި ހުރިހާ ފަރާތް ތަކެއް ވެސް ތިބީ ޓޫރިޒަމް ތަރައްގީވެ، އަދި އަންނާނެ އާ ބަދަލުތަކާމެދު އުންމީދުގަ އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ޑަބްލިއުޓީއެމްގައި ހުންނަވާ "އަވަސް" އަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލް ފެންނީ ވަރަށް އުޖާލާކޮށް ކަމަށާ، އަދި އަލަށް އަންނަ ގިނަ ރިސޯޓުތަކާއެކު ކުރަންޖެހޭ ކަމަކީ ޑިމާންޑް މަތިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

"ޑިމާންޑާއެކު މިހާރު މަސައްކަތް ކުރަން ޖެހޭ އަނެއް ދާއިރާއަކީ އިންފްރާސްޓްރަކްޗާ ބިލްޑް ކުރުން. ހާއްސަކޮށް ޕޯޓާއި އެއާޕޯޓް. އެތަންތަން އަވަހަށް ޖެހޭ ނިންމަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި ފުޅާވަމުންދާއިރު މި ދާއިރާގައި އިތުރަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހޮޓެލްސް އަމިއްލަ އަށް ތަރައްގީކޮށް އޮޕަރޭޓް ވެސް ކުރާ ކުންފުންޏެއް. އެކަމަކު މިހާރު މިކުރަނީ ކުންފުނީގެ ތެރޭގައި ހުރި އެކި ކަހަލަ އުނދަގޫތައް ހައްލު ކުރުމުގެ މަސައްކަތް. ރީސްޓްރަކްޗާ ކުރުން ފަދަ މަސައްކަތްތައް މިދަނީ ކުރަމުން،" ސިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުޓީއެމް ފެއާގެ ސަބަބުން ޓޫރިޒަމް އެހެން ފަރާތްތަކާއި ޓުއާ އޮޕަރޭޓަރުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެންދާ ކަމަށެވެ.


"މީގައި [ޑަބްލިއުޓީއެމް] އިން ސީދާ ސިގްނިފިކެންޓް ބަދަލެއް ނައިސް ދާނެ. އެކަމަކު ހަމަ ގައިމު ވެސް ވަރުގަދަ ރިލޭޝަންޝިޕްއެއް ގްރޯވޭ،" ސިޔާދު ވިދާޅުވި އެވެ.

ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މޫސާ ޝިޔާމް ވިދާޅުވީ ޑަބްލިއުޓީއެމްއިން އެ ކުންފުންޏަށް އަބަދު ވެސް ރަނގަޅު ވިޔަފާރިއެއް ލިބޭ ކަމަށެވެ.

"ވަރަށް ކޮމްޕެޓިޓިވް. އެކަމަކު ދުނިޔޭގެ 2.2 ބިލިއަން މީހުންނަކީ ބީޗުގައި ޗުއްޓީ ހޭދަ ކުރަން ބޭނުންވާ މީހުން. އެހެންވެ ރާއްޖެ އަށް މި އަންނަނީ ވަރަށް ކުޑަ އަދަދެއް. ރާއްޖެ އަދި މި އަންނަނީ 1.5 މިލިއަން. އެވަރަށް ދާއިރަށް ބާރުބޮޑުވޭ. އެހެންވެ މީގެން އެނގެނީ ސަފާރީތަކާއި ގެސްޓްހައުސްތަކަށްވެސް ފުރުސަތު އޮތްކަން. މި އޮފާސްތައް މި ލިބެނީ ފެއާއަށް އައުމުން،" މޫސަ ވިދާޅުވި އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއު ނިންމައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. އަދި އޭގެ ކުރިން މިހާރު ވަނީ ރާއްޖެއަށް އާ އެއާލައިން ތަކެއް ފަށަން ތައްޔާރު ވަމުންނެވެ.

ޑަބްލިއުޓީއެމްގައި ހުންނަނާ އިނގިރޭސިވިލާތާއި އީޔޫ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއާން ވިދާޅުވީ ފިނި މޫސުމުގައި ހަމައެކަނި ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ ބްރިޓިސް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން މަޝްވަރާ ކުރަމުންދާއިރު އިތުރު ތިން އެއާލައިނެއްގެ ދަތުރުތައް ފަށަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ފިނި މޫސުމުގައި މި ކުރިއެރުން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް އާ އެއާލައިނެއް ފަށައި، ބްރިޓިޝް އެއާވޭސް ފަދަ އެއާލައިނެއްގެ ދަތުރުތައް އިތުރު ކޮށްފިނަމަ ދިވެހި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

"ބްރިޓިޝް އެއާވޭސް އިން ހުއްޓާލުމުން ޑްރޮޕްވި ހަ ޕަސެންޓް ވަރު. ދެން އަޅުގަނޑުމެން އެމްއެމްޕީއާރުސީ އާއި ބްރިޓިޝް އެއާވޭސް އަށް އިން ބެލިބެލުމުން އެބޭފުޅުން އޭރު ވިދާޅުވީ އޭރު އެކޮޅުން [އިނގިރޭސިވިލާތުން' އަންނަން އެވަރަށް މީހުން ނުލިބެނީ އޭ. މާލެއިން ދާން މީހުންވޭ. އެހެންވެ ގެއްލުންވީއޭރު. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ޓުއާ އޮޕަރޭޓަރުން އައިސްފި. އެހެންވެ ބްރިޓިޝް އެއާވޭސްއިން ވެސް ބޭނުންވޭ އެބަ ކޭޓާ ކުރަން،" މޫސަ ވިދާޅުވި އެވެ.

ރާއްޖެ މާކެޓު ކުރުމުގައި އެމްއެމްޕީއާރުސީ އަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓު ނެތުމެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް ރާއްޖެ ޕްރޮމޯޓް ކުރަން ދީފައިމިވަނީ ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރެވެ. މިއީ ފަސް އަހަރު ތެރޭގައި 40 އަށްވުރެ ގިނަ ރިސޯޓު އިތުރުވެ، އެނދުގެ އަދަދު 40،000 ފަހަނައަޅައި ދާއިރު ޑެސްޓިނޭޝަން މާކެޓިން އަށް ބަލާއިރު ހުވަނދަކަށް ވެސް ނުވެ އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު ހުވާކުރާ އާސަކުރާވުން ވައުދުވެފައިވަނީ ބަޖެޓު ތިން ގުނަ ބޮޑުކޮ ށްދޭނެ ކަމަށެވެ. އެހެންވެ މިއީ ޓޫރިޒަމް ސިނާއަތަށް ލިބިގެންދާނެ އުފާވެރި ހަބަރަކަށް ނޫނީ ނުވާނެ އެވެ.

ތްރީއޭ ކުންފުނިން ވާހަކަ ދެއްކެވި މޫސަ ވިދާޅުވީ 1.5 މިލިއަން ޑޮލަރަކީ މިހާރު ކުޑަ ރިސޯޓަކުން ވެސް މާކެޓިން އަށް ހޭދަކުރާނެ ވަރު ކަމަށެވެ. އަދި ގިނަ ފެއާތަކެއްގައި ރާއްޖޭން ބައިވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން އޯވަ ތިން ބިލިއަން ޑޮލަރުގެ އިންވޮއިސްކުރޭ ޓުއާ އޮޕަރޭޓަރުންނަށް. އެހެންވެ އަޅުގަނޑުމެން ސްޕެންޑް ކުރަން ޖެހޭ 10 މިލިއަން ޑޮލަރު ވަރު. ރަނގަޅު ވާހަކައެއް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ކޮށްގެން ރިސޯޓު ހަދާ. އެކަމަކު އެބޭފުޅުން ވިއްކާނީ އެ ބޭފުޅުންގެ ރިސޯޓް،" މޫސަ ވިދާޅުވި އެވެ.

ރިއޯލޯ ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީލް ވިދާޅުވީ ޓޫރިޒަމްގެ ފިއުޗާ ރަނގަޅުކޮށް އޮތްނަމަވެސް ގޮންޖެހުންތައް ގިނަ ކަމަށެވެ.

"ހަމައެކަނި ބެޑްކެޕޭސިޓީ އިންގްރީޒްވެފައި ޑިމާންޑް މަތި ނުކުރެވޭނަމަ މި ޑިސްރިބިއުޓް ވެގެން މިދަނީ އިތުރުވާ ބެޑް ތަކަށް. އޭރުން ގައުމަށް ވަން އިންކަމް މަތިކުރެވޭނީ،" ހަލީލް ވިދާޅުވި އެވެ.

ޑެސްޓިނޭޝަން މާކެޓިން އިތުރު ކުރުމުގެ ވާހަކަ ދެއްކިނަމަވެސް ގިނަ ވިޔަފާރި ތިބީ އުންމީދުގަ އެވެ. އެއް ސަބަބަކީ ޓޫރިޒަމް މާކެޓިން ބަޖެޓު އިތުރު ކުރުމާއެކު ވީއައިއޭވެސް ނިމިގެން ދާތަން މުސްތަގުބަލްގައި ފެނިގެން ދިއުމެވެ.