ރިޕޯޓް

ޑަބްލިއުޓީއެމްގައި ރާއްޖެ އަށް "އޭ" ރިޕޯޓެއް!

Nov 8, 2018
5

މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ޑަބްލިއުޓީއެމް ލަންޑަންގައި ފެށިއިރު ކަންތައް އޮތީ ތަފާތު ހާލަތެއްގަ އެވެ. ރާއްޖޭގެ "ވާހަކަ" ދުނިޔޭގައި ކިޔައި ނުދެވޭތީ ގިނަ ވިޔަފާރިވެރިން ތިބީ ނުތަނަވަސް ކަމުގަ އެވެ. ހިތްހަމަ ނުޖެހިފަ އެވެ. ދެން އޮތީ ޝަކުވާ އެވެ. ފެއާ އަށް ދާއިރު ތިބެން އޮތް ތަންކޮޅު ކުޑަވުމުން ތާއަބަދު ޝަކުވާ ކުރެ އެވެ. ނަމަވެސް މި އަހަރުގެ ފެއާ އިއްޔެ ނިންމައިލިއިރު އިންޑަސްޓްރީގެ ގިނަ މީހުން ތިބީ ހިތްހަމަ ޖެހިފަ އެވެ. އެ މީހުން ބުނާ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަންޖެހެ އެވެ. ނަމަވެސް މި އަހަރުގެ ފެއާ އަށް ސަރުކާރުގެ މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތައްޔާރީތަކާ މެދު އެމީހުން ވަރަށް ހިތްހަމަ ޖެހެ އެވެ. އެ ފަރާތް ތަކުން ރާއްޖޭގެ ތައްޔާރީ ތަކަށް މި ފަހަރު ދެނީ "އޭ" ރިޕޯޓެއް ކަމަށް ވަނީ ބުނެފަ އެވެ.

"މި ފަހަރު ވަރަށް ފުރިހަމަ އަށް އޮގަނައިޒްކޮށްފައި މިއޮތީ. މިތާ [ފެއާ ބާއްވާ ދިވެހި ސްޓޯލުގަ] ގައި ކުދިކުދި ކަންތައްތައް ރަނގަޅު ކޮށްލަން ހުރީ. އަޅުގަނޑަކަށް ހީވަނީ އިންޑަސްޓްރީ ބޭފުޅުންނާ އޮގައިޒާޒްއާ ތަންކޮޅެއް ކުރިން ރޭވިގެން މިކަން ކޮށްފިނަމަ އެ މައްސަލަތައް ވެސް ހައްލު ވާނެހެން. މިފަހަރުގެ ސްޓޯލްއަކީ ވެސް މިވޭތުވެދިޔަ 20 އަހަރު ދުވަހުގެތެރޭގައި ވެސް ފެނުނު އެންމެ ކޮންފަޓަބަލް ސްޓޯލް،" ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ޑަބްލިއުޓީއެމްގައި ހުންނަވާ ވިދާޅުވި އެވެ.

ލަންޑަންގެ އެކްސެލް ލަންޑަންގައި ކުރިއަށް ގެންދިޔަ ފެއާގައި ރާއްޖޭގެ 65 ކުންފުނި ބައިވެރިވި އެވެ. މީގެތޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާއި ކުދި އަދި މެދުފަންތީގެ ޓްރެވަލް ކުންފުނިތައް ވެސް ހިމެނެ އެވެ. މިގޮތުން މި ހުރިހާ ފަރާތްތަކުން ޖުމްލަ 160 ބައިވެރިން ވަނީ ފެއާގައި އިޝްތިހާރު ކޮށްފަ އެވެ.

ކުރިން ވާހަކަ ދެއްކެވި ރިސޯޓް ލައިފްގެ ވެރިޔާ ވަލީދު ވިދާޅުވި ގޮތުގައި މިހާރު އެމްއެމްޕީއާރުސީގައި އޮތް ޓީމަކީ ޑެސްޓިނޭޝަން މާކެޓިންއަށް ގާބިލް ޓީމެއް ކަމަށެވެ.

"އަދި ކިރިޔާ ޓީމެއް މިއޮތީ. ދެން ބޭނުންވަނީ އެހެން އެހީތެރިކަން. މިހާރު ކަނެކްޝަންވެސް ރަނގަޅު އިންޑަސްޓްރީއާ. ހާއްސަކޮށް އެކްޓިން އެމްޑީ ހާރިސް މުހައްމަދު ހިމެނޭ،" ވަލީދު ވިދާޅުވި އެވެ.

ލަންޑަން ފެއާގައި ބައިވެރިވެ މޫދު ހޮލިޑޭސް ކުންފުނީގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން މަރިޔަމް ހަސަން ހުސެއިން ވިދާޅުވީ ފެއާއަކީ ކާމިޔާބު ފެއާއެއް ކަމަށެވެ. އަދި ކުދިކުދި ކަންތައްތައް ރަނގަޅު ކޮށްލަނިކޮށް މި ފެއާއަކީ އެންމެ ކާމިޔާބު އެއް ފެއާ އަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަހަރު ޖާހަ ވަރަށް ބޮޑުތަން ވަނީ ރަނގަޅުވެފަ. ދެން މި ރަނގަޅު ކޮށްލަން ޖެހެނީ ވައިފައި އިންޓަނެޓް. ދެން އަދި އެބަޖެހޭ އެކްޓިވިޓީސްތަކެއް ކުރިއަށް ގެންދަން. އޭރުން މީހުން އެޓްރެކްޓް ކުރެވޭނީ،" ސުކައިނާ ވިދާޅުވި އެވެ.

ވިލާ ކުންފުނީގެ ޑިރެކްޓަރު މާކެޓިން އެންޑް ސޭލްސް އަލީ ރަޝީދު އާދަމް ވިދާޅުވީ ފެއާއަކީ ކާމިޔާބު ފެއާއެއް ކަމަށެވެ.

"އިންތިޒާމު ވަރަށް ރަނގަޅު. އެއްވެސް އިޝޫއެއް މި ފަހަރު ނެތް. ސްޓޭންޑް އޮގަނައިޒް ކޮށްގެން އެމްއެމްޕީއާރުސީ އިން އަދާކުރި ޖޮބަށް ބުނަން ޖެހޭނީ އެއްވެސް މައްސަލައެއް ނެތޭ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުޓީއެމްއަކީ މިހާރު ޑެސްޓިނޭޝަން މާކެޓިން އެކްޓިވީއެއްގެ ގޮތުގައި ބަދަލުވެފައިވާ ކަމަށެވެ.

"މިހާރު ބިޒްނަސް ކުރިއަށް މި ގެންދަނީ އޮންލައިންކޮށް. ނަމަވެސް މިފަދަ ފެއާތަކުގެ ސަބަބުން މި އަންނަ އެންމެ ބޮޑު ފައިދާއަކީ ޑެސްޓިނޭޝަން މާކެޓިންއަށް ލިބޭ ފުރުސަތު. މިހާރު ބޮޑެތި ކުންފުނިތައް މި އަންނަނީ އާ ބިޒްނަސް ހޯދާކަށް ނޫން. ގުޅުން ބަދައިކޮށްލައި އެގްރިމެންޓްތައް ރިނިއުކޮށްލާ ހަދާލަން. އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ ޕާޓްނަރުންނާ ފެނިލާ ހަދާލަން،" އަލީ ވިދާޅުވި އެވެ.

މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މަހުދީ ވިދާޅުވީ ރާއްޖެ އިން މި ފެއާ އަހަރުން އަހަރަށް ރަނގަޅު ކުރަމުންދާ ކަމަށެވެ.

"ބައިވެރިން އިތުރުވިއިރު ޖާގަ ބޮޑުވެއްޖެ. އެހެން އަހަރުތަކުގައި ކައުންޓަރު މަދުވަނީ. ޖުމްލަކޮށް އޯވަރޯލްތައް ވަރަށް ހިތްހަމަ ޖެހޭ،" މަހުދީ ވިދާޅުވި އެވެ.

ގިނަ ތައްޔާރީތަކާއެކު ބައިވެރިވި ފެއާ ނިމިއްޖެ އެވެ. ފެއާ ނިމުނުއިރު މިފަހަރު އޮތް ހިތްހަމަ ޖެހުމަކީ ރާއްޖެއިން އޮގަނައިޒް ކުރާ އެމްއެމްޕީއާރުސީ އަށް އިންޑަސްޓްރީއިން "އޭ" ރިޕޯޓެއް ދިނުމެވެ.