ރިޕޯޓް

ރާއްޖޭގެ ރިސޯޓް ފާލަން ޑަބްލިއުޓީއެމަށް!

ަލަންޑަނުން: މުހައްމަދު އަފްރާހު
Nov 6, 2019
2

ރާއްޖެ ސިފަކޮށްދޭ އެކައްޗަކަށް ފާލަން ވެއެވެ. ރަށް ރަށާއި ރިސޯޓްތަކުގައި ފިލާ އަޅައިގެން ހަދާފައި ހުންނަ ފާލަމަކީ ދިވެހިން ރަށްރަށަށް އަރާ ފައިބަން ބޭނުންކުރާ ވަސީލަތެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދިއުމާއެކު ފިލާ ފާލަންތައް ވެގެން ދިޔައީ ޓޫރިޒަމްގެ ރަމްޒެއްގެ ގޮތުގަ އެވެ. ކޮންމެ ރިސޯޓެއްގައި ވެސް ފިލައިއިން ފާލަމެއް އަޅަ އެވެ. މި ފާލަން މިހާރު މިވަނީ ޔޫރަޕާ ހަމައަށް ދަތުރުކޮށްފަ އެވެ. މިހާރު ލަންޑަންގައި ކުރިއަށްދާ ޑަބްލިއުޓީއެމްގައި ރާއްޖޭގެ ސްޓޯލް މިފަހަރު ފަރުމާ ކޮށްފައި ވަނީ ފިލާ ފާލަމުގެ އިހުސާސް ފެއާ އަށް ވަންނަ މީހުނަށް ކުރެވޭ ގޮތަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޑަބްލިއުޓީއެމް ކުރިއަށް ދާ އެކްސެލް ލަންޑަންގައި ހުރި ރާއްޖޭގެ ސްޓޯލަށް ވަދެގެންދާއިރު، ކުރެވެނީ ވެސް އެ އިހުސާސެކެވެ. ރާއްޖޭގެ ސްޓޯލުގެ ވޯކްވޭ ހަދާފައިވަނީ ފާލަމެއްގެ ގޮތުގަ އެވެ.

މިއަހަރުގެ ފެއާގައި ރާއްޖެއިން 160 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ސްޓޯލް ހެދުމުގައި ދިވެހި ޓޫރިޒަމްގެ ވަންތަ ސިފަ ގެންނަން މަސައްކަތް ކޮށްފައިވެ އެވެ.

ސްޓޯލްގެ ފްލޯގައި ރާއްޖޭގެ ވިލު ނޫކުލައިގެ ރީތި މޫދެއްގެ މަންޒަރު ގެނެސްދީފައިވާއިރު، ދެ ބުރިއަށް ހަދާފައިވާ ސްޓޯލުގެ ކަނެއްގައި "ފަން" ފުރާޅެއް ބޭނުންކޮށްގެން ފުރިހަމަ ގެއެއް ހަދާފައިވެ އެވެ. މަތީގައި މީޓިންތައް ބޭއްވޭނެ ގޮތަށް ވަނީ ފަރުމާކޮށްފަ އެވެ. އެތަނުގައި ވެސް ގިނަ އަދަދެއްގެ މީޓިންތައް ކުރިއަށް ދެ އެވެ.

ސްޓޯލުގެ ތިރީގައި ރާއްޖޭގެ ރިސޯޓުތަކުގެ ރީތި މަންޒަރުތައް ފެންނަން ހުރެ އެވެ. އެތާނގައި ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ޑިޓިއުންސްގެ ލަވަތައް ހުށަޙަަޅައި ދެއެވެ. އަދި އެ ތާނގައި ދިވެހިން ކެއުމުގައި ބޭނުންކުރާ ބައެއް ބާވަތްތައް ލިބެން ހުންނަ ސްޓޯލްތައް ހިމަނާފައި ވެއެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ބައިވެރިވި ގިނަ ވިޔަފާރިވެރިން ބުނި ގޮތުގައި މި އަހަރުގެ ރާއްޖޭގެ ސްޓޯލު ފުރިހަމަ އެވެ. އަދި ވިޔަފާރީގެ އޭންގަލުން ބަލާ ނަމަވެސް ކާމިޔާބު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި ފުޅާވެގެންދާ ވަރަށް ރާއްޖޭގެ ސްޓޯލުން ޖާގަ ހަދަންޖެހޭ ކަމަށް ގިނަ ވިޔަފާރި ތަކުން ވަނީ ބުނެފަ އެވެ.

"ސްޓޯލްއާ މެދު ހިތްހަމަ ޖެހޭ. އެކަމަކު ޖާގަ ބޮޑު ކުރަންޖެހެނީ. ސްޓޭސް ކުޑަކޮށް ލިމިޓްކޮށް އުޅެނީ. ރާއްޖޭގެ މާކެޓިން ބަޖެޓު ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ. އެހެންވެ އުންމީދު ކުރަނީ މިހާރަށް ވުރެ ސްޓޯލް ކުރިއަށް އޮތް އަހަރު ބޮޑުވާނެ ކަމަށް،" ލަންޑަންގައި މިހާރު ކުރި އަށް ދާ ޑަބްލިއުޓީއެމް ފެއާގައި އަވަސް އަށް ވާހަކަ ދައްކަވަމުން ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މޫސާ ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ސްޓޯލުގައި ހުންނަވާ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ފެއާއަކީ ވިޔަފާރިތަކާއި ވިޔަފާރިތައް ބައްދަލުވުންތައް ކުރިއަށްދާ ފެއާއެއް ކަމަށާ، ފެއާގެ ސްޓޯލްތައް އިންތިޒާމު ކުރުމުގައި އެކަމަށް ވިސްނާފައި ވާނެ ކަމަށެވެ.

"ސްޓޭންޑުގެ ހެދުމުގައި ބެލިން ތަފާތެއް ދައްކާލަ ދެވޭ ތޯ. އިންޑަސްޓްރީ ޕާޓްނާސް ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް މިހުރީ. މިއީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. އާއްމުކޮށް ކުރާ ހުރިހާ ކަމެއް ފެއާގެ ތެރޭގައި ކުރިއަށް ގެންދަން ބެލިން،" ތޮއްޔިބު ވިދާޅުވި އެވެ.

މި އަހަރު ރާއްޖޭގެ ސްޓޯލަށް ވަންނަ މީހަކަށް ވެސް އިހުސާސް ކުރެވިގެންދާނެ އެންމެ ބޮޑު އެއް ތަފާތަކީ ރާއްޖޭގެ ސްޓޯލުގައިވާ ފާލަމެވެ. ޑަބްލިއުޓީއެމް ފެއާގެ ހިތްގައިމު އެ ސްޓޯލުގެ ތެރޭގައި މިއަދުގެ ނިޔަލަށް، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުން ކުރިއަށް ދާނީ ރާއްޖެ ވިއްކުމުގެ މަސައްކަތެވެ.

ޑަބްލިއުޓީއެމް ފެއާ އެންމެ ފުރަތަމަ ބާއްވަމުން އައީ ހަތަރު ދުވަހަށެވެ. ނަމަވެސް ފެއާ އިންތިޒާމުކުރާ ކުންފުނިން ވަނީ ފެއާ ބާއްވާ މުއްދަތު ވަނީ ތިން ދުވަހަށް ކުޑަކޮށްފަ އެވެ.