ފިނިޕޭޖް

ޔުނާނާ ބެހޭގޮތުން ފެތުރުނު ވާހަކަތަކުގެ ހަގީގަތް!

މީހާ މަޝްހޫރުވުމަކީ ފެންވަރު އޮޅޭ ކަމެއް ކަމަށް ބުނެ އެވެ. ވަކި ދާއިރާއަކުން ނޫނެވެ. މުނިފޫހި ފިލުވުމުގެ ދާއިރާ ނުވަތަ ކުޅިވަރުގެ ދާއިރާއިން ނުވަތަ އެހެން ކޮންމެސް ދާއިރާއަކުން މަޝްހޫރުވެ މީހުންގެ ތެރޭގައި މަގުބޫލު މީހަކަށް ވުމުން ބައެއް މީހުންނަށް އެހެން ވެފައި އެބަހުއްޓެވެ.

މި ދުވަސްވަރު ވިދަމުން އަންނަ މުހައްމަދު ޔުނާނަށް ވެސް މިކަހަލަ ގޮތެއް ވެއްޖެ ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ސޯޝަލް މީޑިއާގައި އެ ވާހަކަތައް ފެންމަތިވި އެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ކައިވެނި ރޫޅި އެހެން އަންހެން ކުއްޖަކާ ރައްޓެހިވި ވާހަކަ އެވެ. އޭގެ ފޮޓޯތަކެއް ވެސް އުޅުނެވެ. ފުލުހަށް ހާޒިރުކޮށް ޔުނާންގެ މައްސަލައެއް ވެސް ބަލަމުން އަންނަ ވާހަކަ އެވެ.

އެ ވާހަކަތަކުގެ ހަގީގަތް ހޯދަން ބައެއް މީހުން މަސައްކަތް ކުރެ އެވެ. އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ކުރިން ޔުނާން ބޭނުމެއް ނުވި އެވެ. ފިލްމް "ބޮސް" ގައި އޭނާ ދެއްކި އެކްޓިން ކަމުގޮސްގެން އިތުރު ފިލްމަކުން ޖާގަ ލިބުނަސް ޔުނާން ފިލްމީ ދާއިރާއާ ދުވަސްކޮޅަކަށް ދުރަށް ދާން ވިސްނައިގެން ހުރީ އެހެންވެ އެވެ. މި އަހަރު ބާކީ އޮތް ދުވަސްކޮޅުގައި އިތުރު ފިލްމެއްގެ މަސައްކަތަށް ނުގޮސް އޭނާ އުޅެނީ އަމިއްލަ ދިރިއުޅުން ހަމަޔަކަށް އަޅުވާށެވެ.

"ދެކެވޭ ހުރިހާ ވާހަކައެއް އެއީ ތެދެއް ނޫން، އެކަމަކު ޝޫޓިން ތެރޭގައި ޑިވޯސްވީ، އެއީ ވަކި ފިލްމު ކުޅެން ފަށައިގެނެެއް ނޫން، ކުރިންވެސް މައްސަލަ ޖެހިފައި އޮތީ، އަސްލު ކުޑަ މިސް އަންޑަސްޓޭންޑިން އެއީ، އެހެން ކުއްޖަކާ ރައްޓެއްސެއް ވެސް ނުވަން، ހަގީގަތެއް އޮތް ވާހަކައެއް ނޫން އެއީކީ،" ޔުނާން ބުންޏެވެ.

"ކޮންމެ ކަމެއް ކުރިއަސް ޔުނާނަށް ޔުނާނެއް ނޯޅޭނެ، އެއީ ޔުނާނަށް އެނގޭ އެއްޗެއް، އެފްބީ އާ އެއްޗެހި ޑީއެކްޓިވޭޓް ކުރީ ގިނަ މީހުން މެސެޖުކޮށް ހަދާއިރު ޔުނާނަށް ރިޕްލައި ނުކުރެވޭތީ، އޭރަށް ބުނާނެ ދޯ ފޮންޏޭ، އެކަމަކު ޔުނާނު މީ ފޮނި މީހެއް ނޫން،"

ކައިވެނި ރޫޅުނު ފަހުން ޔުނާނު އެހެން އަންހެން ކުއްޖަކާއި ގުޅުން އޮންނަ ވާހަކަތަކެއް ފެންމަތިވިއިރު ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ވައިރަލްވި އެވެ. އެހެން އަންހެން ކުއްޖަކާއެކު ނަގާފައިވާ ފޮޓޯތަކެކެވެ. އަތުގައި އަނގޮޓިއެއް އަޅުވައިދީފައިވާ ފޮޓޯތަކެކެވެ.

"އެއީ އަސްލު މި މައްސަލަ ފެށުނު ހިސާބަކީ، އެއީ ޔުނާންގެ ފޭނެއް، އޭނަ ފޮޓޯއެއް ނަގަން ބޭނުންވީމަ ނެގީ، އެއީ ދެމެދުގައި ގުޅުން އޮވެގެންނެއް ނޫން، އޭގެ ފަހުން ރައްޓެއްސެއް، ވާހަކަ ވެސް ދައްކަން، އެ ފޮޓޯތައް ފޭސްބުކަށް އަޅާފައި ލިޔެފައި ހުރި ވާހަކަތައް އެއީ އަސްލު މިސް އަންޑަސްޓޭންޑިން އެއް،"

ޔުނާން ބުނީ ލޯބީގެ ގޮތުން އެހެން ކުއްޖަކާއި ގުޅި އިތުރު ކައިވެންޏެއް ކުުރުމުގެ ވިސްނުމެއް އަދި މިވަގުތަށް ނެތް ކަމަށެވެ.

"އަލުން އިތުރު ކައިވެންޏެއް ކުރުމުގެ ވިސްނުމެއް އަދިއެއް ނެތް، ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއްވެސް ދުރުގައި ހުއްޓަސް ކޮށްދޭނަން، އެކަމަކު މިހެން ބުންޏަސް ކައިވެންޏެއް ކުރަން ޖެހޭ ދުވަހެއް އަތުވެއްޖެނަމަ ކުރާނެ،"

މިހާރު ފެތުރިގެން އުޅޭ ވާހަކަތަކުގެ ހަގީގަތަކީ އެއީ ކަމަށް ޔުނާން ބުނެ އެވެ. އެކަންކަމަށް ޔުނާން މާފަށް އެދެ އެވެ.

އެވާހަކަތަކާއި ދުރަށްޖެހި ފިލްމީ ދާއިރާގެ ވާހަކައަށް ބަލާއިރު ފިލްމު ބެލި މީހުންގެ ތެރެއިން ބައެއް މީހުން ޔުނާނަށް ތައުރީފްވެސް ކުރި އެވެ. އޭނާގެ އެކްޓިން ބަލައިގަތެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާއަށް އެއްކޮށް ވަނުމުގެ ހިޔާލެއް ޔުނާން ނެތެވެ. ފިލްމު ކުޅޭނީ ވަޒީފާއަށް ދަމުން ލިބޭ ހުސްވަގުތުތަކުގައި ކަމަށް ޔުނާން ބުންޏެވެ. ޔުނާންގެ ކެރިއަރަކީ އެއީ އެވެ. އޭނާ ވަޒީފާ އަދާކުރަނީ ގައުމީ ފެން ކުންފުނީގަ އެވެ.

ޔުނާން އަކީ ހަމައެކަނި ފިލްމު ކުޅެ އެކްޓް ކުރަން ބޭނުންވާ މީހެއް ނޫނެވެ. އެއް ދުވަސްވަރެއްގައި ބޮޑުބެރު ގްރޫޕެއްގައިވެސް އުޅުނެވެ. ކުދިކުދި ޝޯތަކުގައި ނަށާލައި ހަދާލި އެވެ. ގިނައިން އުޅުނީ ޒުވާބު ކިއުމުގަ އެވެ. ސްކޫލް ދައުރުގައި ކޮންމެވެސް ވަރަކަށް ލަވަވެސް ކިއެވެ. މީގެ އިތުރުން އެއީ ގިޓާ ކުޅެންވެސް ޔުނާން ދަނެ އެވެ.