ދުނިޔެ

އީރާން- އިރާގު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 450 އަށް ވުރެ މައްޗަށް

އީރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރަށް އިއްޔެރޭ އައި ބިންހެލުމުގައި އީރާނުން މަރުވި މީހުންގެ އަދަދު 450 އަށް ވުރެ މައްޗަށް ހިނގަައްޖެއެވެ.

އީރާނުގެ ޕްރެސްޓީވީން ބުނީ ބިންހެލުމުގައި 450 މީހުން މަރުވި އިރު 7000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަަމަށެވެ. އަދި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި ކަރްމަންޝާހް ޕްރޮވިންސްގެ ސަަރަހައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދައި ސަަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މަށީން ރާނާފައިވާ ގެތައް ހުންނަ ރަށްފުށު ހިސާބުތަކުން ވެއްޓުނު ގެތަކުގެ ގިނަ ކަމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސަައްކަތަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. ބިންހެލުމުގެ އަސަރު އީރާނުގެ 14 ޕްރޮވިންސަކަށް ކުރިއެވެ. އެންމެ ބޮޑު ގެއްލުމެއް ވީ 85000 މީހުންގެ އާބާދީއެއް އޮންނަ ސަރްޕޯލޭ ޒަހަމް ނަމަކަށް ކިޔާ ރަށަށެވެ. ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ މަރުކަޒު ހުރީ އެރަށުގެ ކައިރީގައެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވާން އުޅޭ ފަރާތްތަކުން ބުނެފައި ވަނީ ބޯފެނާއި ބޭހާއި ބްލެންކެޓާއި ކުޑަކުދިންގެ އަންނައުނު ފަދަ ތަކެތީގެ ދަތިކަން އެމީހުންނަށް ކުރިމަތިވެފައިވާ ކަމަށެވެ.

ބިންހެލުމުގައި އިރާގުން މަރުވީ ހަމީހުން ކަމަށާއި ޒަހަމްވީ 68 މީހުން ކަމަށް އެގައުމުން އިއްޔެ ބުންޏެވެ. ބިންހެލުމުގައި އެގައުމުން އެންމެ ބޮޑު ގެއްލުމެއްވީ އީރާނާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ދަރުބަންދިޚަމް ނަމަކަށް ކިޔާ ރަށަށެވެ.