ކުޅިވަރު

އިޓަލީއަށް ފުރުސަތެއް ގެއްލި، ސްވިޑެން ވޯލްޑްކަޕަށް

Nov 14, 2017

ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިޓަލީ ކަޓުވާލުމަށް ފަހު ސްވިޑެން ވޯލްޑްކަޕުން ޖާގަ ހޯދައިފި އެވެ. މިއީ 1958 ވަނަ އަހަރުގެ ފަހުން އިޓަލީއަށް ވޯލްޑްކަޕްގެ ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.

ނަވަރަސްތޭކަ ފަންސާސް އަށް ވަނަ އަހަރު ވޯލްޑްކަޕް ބޭއްވީ، ސްވިޑެންގައެވެ. މިފަހަރު އިޓަލީ ފުރުސަތު ގެއްލިވާލީ ސްވިޑެން އިންނެވެ. އިޓަލީގެ މި ނަތީޖާއާއެކު އެޓީމުގެ ކޯޗް ވެންޗޫރަގެ މަގާމު ގެއްލޭނެ ކަމަށް ބެލެވެއެވެ. ގުރޫޕް ސްޓޭޖުގައި ސްޕެއިން އަތުން ބަލިވުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެން ނެވެ. ސްވިޑެން އަށް ހިތް ހަމަޖެހުމަކަށް އޮތީ އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ ލެގް މެޗު 1-0 ން ކާމިޔާބު ހޯދައިފައި ވުމުން ނެވެ. މެޗުގެ ކުރިން އެންމެންވެސް ގަބޫލު ކުރީ 1-0 ގެ ނަތީޖާ އަކީ އިޓަލީ ކަހަލަ ޓީމަކަށް އަނބުރާލެވިދާނެ ނަތީޖާއެއް ކަމަށެވެ. ނަމަވެސް ސްވިޑެން އިން އިޓަލީ ހިފަހައްޓާލި އެވެ.

މިއީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފަހުން ސްވިޑެން އަށް ވޯލްޑް ކަޕް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ވޯލްޑްކަޕްގެ ތާރީހްގައި އެ ޓީމުގެ އެންމެ ރަނގަޅު ނަތީޖާ އަކީ އެމެރިކާގައި 1994 ގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދުމެވެ.

ވޯލްޑްކަޕުން ޖަގަ ކަށަވަރު ކޮށްފައިވާ ގައުމުތައް

އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ ސައުދީ އަރަބިއްޔާ

ދެކުނު އެމެރިކާ: ބްރެޒިލް، އުރުގުއޭ، އާޖެންޓީނާ، ކޮލަމްބިއާ، ޕެރޫ

އުތުރު އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ

އެފްރިކާ: ނައިޖީރިއާ، މިސްރު، ސެނަގާލް، މޮރޮކޯ، ޓިއުނީޝިއާ

ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، ޕޮލެންޑް، ސްޕެއިން، އިންގްލެންޑް، ފްރާންސް، ޕޯޗްގަލް، ސާބިއާ، އައިސްލެންޑް، ކޮރޭޝިއާ، ސްވިޒަލޭންޑް، ސްވިޑެން، ރަޝިއާ (މުބާރާތް ބައްވާ ގައުމުގެ ހައިސިއްޔަތުން)