އިޓަލީގެ ގައުމީ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއީޖީ ބޮފޮން، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. އޭނާ ކުޅުން ހުއްޓާލީ، ރޭ ސްވިޑެންއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުން ނަތީޖާ ނުނެނެރެވި ވޯލްޑްކަޕްގެ ޖާގަ ގެއްލުމުން ނެވެ.
މިއީ 1958 ވަނަ އަހަރުގެ ފަހުން އިޓަލީއަށް ވޯލްޑްކަޕްގެ ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން އިޓަލީއަށް ހޯދައިދިން ކީޕަރު ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހުމުން އޭނާ ދެރަ ނުވާ ކަމަށާއި ނަމަވެސް ދެރަ ވަނީ ރޭގެ ނަތީޖާއިން އިޓަލީގެ ފުޓްބޯޅައަށް އޭގެ އަސަރު ކުރާނެތީ ކަމަށެވެ. ބުފޮން ވަނީ ގައުމީ ޓީމަށް 175 މެޗު ކުޅެފަ އެވެ.
އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ނިކުތީ ބަދަލު ކީޕަރެއްގެ ގޮތުގައެވެ. ފްރާންސްގައި 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފްގައި ރަޝިއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި އޭރުގެ ގޯލްކީޕަރު ޖަންލޫކާ ޕެލިއުކާ އަށް އަނިޔާ ވުމުން ބަދަލުގައި ކުޅެން ނެރުނީ ބުފޮން އެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. އޭނާ އަކީ ދެ ވަނަ ބޮޑު ހަނަގުރާމައިގެ ފަހުން، މިދިޔަ އަހަރާ ހަމަޔަށް އިޓަލީއަށް ކުޅުނު އެންމެ ޒުވާން ގޯލްކީޕަރެވެ. މިދިޔަ އަހަރު އިޓަލީގެ ގައުމީ ޓީމާއެކު ކުޅެން ނިކުމެ އެންމެ ޒުވާން ކީޕަރުގެ ޝަރަފު އޮތީ އޭސީ މިލާންގެ ޖިއާންލުއީޖީ ޑޮނަރުންމާ18 އަތުގައެވެ.
ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން ބުފޮން ބުނީ، ވޯލްޑްކަޕްގެ ޖާގަ ނުލިބުމަކީ އިޓަލީގެ ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. ވޯލްޑްކަޕްގެ ޖާގަ ހޯދުމަކީ އިޓަލީގެ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބުފޮން ސިފަ ކުރި އެވެ.
"މި ވަގުތު އަހަރެންގެ އޮތް ހަމައެކަނި ބޭނުމަކީ ވޯލްޑްކަޕްގެ ޖާގަ ހޯދުން، އަހަރެން މި ހުއްޓާލަނީ އެހެންވެއް ނޫން ނަމަވެސް އަހަރެން ހުއްޓާލާ ވަގުތު މިހާރު ޖެހިއްޖެ." ބުފޮން 38 ބުންޏެވެ. "އަހަރެންގެ އެންމެ ފަހު މެޗު މިކަހަލަ ގޮތެއް ވުމަކީ ވަރަށް ލަދުވެތި ކަމެއް."
އޭނާ ބުނީ އިޓަލީގެ ފުޓްބޯޅައިގައި ހަކަތައާއި ބާރު އަދި ކުރިމަގު އެބައޮތް ކަަމަށާއި ކޮންމެ އުނދަގޫ ވަގުތެއްގައިވެސް ކާމިޔާބު ހޯދަން އެނގޭނެ ކަމަށެވެ. ފްރާންސް ބަލިކޮށް އިޓަލީ ވޯލްޑްކަޕް ނެގި އަހަރަކީ އިތަލީގެ ފުޓްބޯޅައިގެ އުނދަގޫ ދުވަސްތަކެއް ތަހަންމަލު ކުރި ދުވަސް ވަރެކެވެ. މެޗު ފިކްސިންގެ ސަބަބުން ބޮޑެތި ބައެއް ކުލަބުތައް ދެ ވަނަ ޑިވިޝަނަށް ރެލީގޭޓް ކުރި އެވެ. ނަމަވެސް އެ އަހަރު ވޯލްޑް ކަޕް އިޓަލީން ނެގި އެވެ.