ހަބަރު

އަންނަ ރޯދަ މަހު އުމްރާ އަށް ގެންދާ އަގުހެޔޮ ކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރުގެ ރޯދަ މަހު މީހުން އުމްރާއަށް ގެންދާ އަގު 37,965 ރުފިޔާއަށް ހެޔޮކޮށްފި އެވެ. އެއީ އެ ކޯޕަރޭޝަނުން މީގެކުރިން މީހުން އުމްރާއަށް ގެން ދާ އަގަށްވުރެ 2،000 ރުފިޔާ ހެޔޮ އަގެކެކެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ ރޯދަމަހު އެކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާން އަންނަ އޭޕްރިލް މަހުގެ 15 ގެ ކުރިން ރަޖިސްޓްރީ ކުރުމާއި ފައިސާ ދައްކަން ވާނެ ކަމަށެވެ. އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު އެކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ފޯމު ހުށަހަޅާއިރު މަދުވެގެން 5,000 ރުފިޔާ ދައްކައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި ބާކީ ފައިސާ 15 އޭޕްރީލް 2018 ގެ 14:30 ކުރިން މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އެ ކޯޕަރޭޝަންގެ އޮފީސް، ވެބްސައިޓް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތައް، އަތޮޅު ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ދޭންވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރުމުން ކޮންމެ މީހަކަށް 1،000 ރުފިޔާގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގްރޫޕަކުން ރަޖިސްޓްރީ ކުރުމުން ރަޖިސްޓްރީ ކުރާ ފަރާތަށް އަގުގެ 50 ޕަސަންޓު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށްވެސް ހާއްސަ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އުމްރާ ކިޓް ބޭނުންނުވާކަމުގައިވާނަމަ 1،000.00ރ އުމްރާ ކިޓުގެ ޑިސްކައުންޓުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

މި ޕެކޭޖްގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން ދަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ތަފާތު އުމްރާ ދަތުރުތަކެއް ކުރިއަށް ގެންދަމުންނެވެ. އަދު ކުރިއަށް ހުރި އަހަރު ތަކުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ.