ދުނިޔެ

ގަތަރަށް އެޅި ފަދަ ފިޔަވަޅެއް އަޅައިފާނެތީ ލުބުނާނު ބިރުން

ލުބުނާނުގެ ސިޔާސީ ލީޑަރުންނާއި ބޭންކްތައް ހިންގާ މީހުން ގަބޫލުކުރަނީ ގަތަރަށް އެޅި ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް ސައުދީ އަރަބިއްޔާއިން އެގައުމަށް އަޅައިފާނެ ކަމަށެވެ. އެއީ ސައުދީން އެދޭ ކަންތައްތައް ނުކޮށްފި ހާލަތެއްގައެވެ.

ސައުދީން ގަތަށް އެޅި ފިޔަވަޅަކީ ހުރިހާ ގުޅުމެއް ކަނޑައިލުމާއި ސައުދީން ބާރު އަޅައިގެން އެހެން ގައުމުތައް ވެސް ގަތަރާ ގުޅުން ކަނޑައިލުމެވެ. ގުޅުން ކެނޑި ގައުމުތަކުގެ އެއްގަމާއި ވަަޔާއި ކަނޑުގެ ސަރަހައްދުވެސް ގަތަރަށް ވަނީ ބަންދުކޮށްފައެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ލިކްއިފަައިޑް ގޭސް އުއްފައްދާ އެއް ގައުމުކަމަށްވާ ގަތަރުގެ އާބާދީ އަކީ އެންމެ ތިން ލައްކައެވެ. ލުބުނާނުގައި އެފަދަ ގުދުރަތީ ނުވަތަ މާލީ ވަސީލަތްތަކެއް ނެތެވެ.

ލުބުނާނުގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ގަލްފުގެ ގައުމުތަކުގައި މަސައްކަތް ކުރެއެވެ. މުސާރައިގެ ގޮތުގައި އެމީހުން އަހަރަކު ހަތެއް ނުވަތަ އަށް ބިލިޔަން ޑޮލަރު ލުބުނާނަށް ގެންދެއެވެ.

" މިއީ މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތް ލުބުނާނުގެ އިގުތިސާދަށް ހުރި ނުރައްކާތައް. މުސާރަތައް ފޮނުވައިދިނުން އެމީހުން ހުއްޓާލައިފި ނަަމަ އެކަން ވާނީ ބޮޑު ކާރިސާއަކަށް،" ރޮއިޓާސްއާ ވާހަކަ ދެއްކި ލުބުނާނުގެ ސިޔާސީ ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ސައުދުލް ހަރީރީ އިންޒާރުކުރައްވާފައި ވަނީވެސް އެގޮތަށެވެ. ލުބުނާނުން ގަބޫލުކުރަނީ ސައުދީގައި ހުންވައިގެން އެގައުމުެގ ސަރުކާރުގެ ޓީވީ އެއް މެދުވެރިކުރައްވައި ހަރީރީ އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރުކޮށްގެން ކަމަށެވެ.

އާދީއްތަ ދުވަހު ސައުދީ ޓީވީން ދުރަށް ދެއްކި އިންޓަވިއުއެއްގައި ހަރީރީ އިންޒާރު ކުރެއްވީ އަރަބި ގައުމުތަކުން ( ސައުދީއަށް ތަބާވާ ގައުމުތަކުން) ލުބުނާނަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ލުބުނާނުގެ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ނުބައި އަސަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިޔަވަޅުތަކުން ސަލާމަތްވުމަަށް ކުރަންވީ ކަންތައް ވެސް ހަރީރީ ވަނީ ވިދާޅުވެފައެވެ. ކުރަން ޖެހޭ ކަމަކީ ލުބުނާނުގައި އަސްކަރީ އަދި ސިޔާސީ ގޮތުން ބާރުގަދަ، އެގައުމުގެ ސަރުކާރުގައި ވެސް ބައިވެރިވާ ހިޒްބުﷲ އިން މެދު އިރުމަތީގެ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓައިލުމެވެ. ވަކިން ހާއްސަކޮށް ޔަމަނުގެ މަޝްރަހުން ދުރަށް ދިއުމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ހިޒްބުﷲ އިން ދަނީ ސޫރިޔާ ހަނގުރާމައިގައި އަސަދުގެ ސިފައިންނާ އެކު ހަނގުރާ ކުރަމުންނެވެ. އެ ޖަމާއަތުން ވަނީ އެގައުމުގެ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ވެސް ހިންގާފައެވެ. އަދި ޔަމަނުގެ ހޫސީ ހަނގުރާމަވެރިންނަށް ވެސް އެޖަމާއަތުން ދަނީ މަދަދުކުރަމުންނެވެ.

ލުބުނާނުގެ ލީޑަރުން ގަބޫލުކުރައްވާ ގޮތުގައި ސައުދީން އެދޭ ކަންތައްތަކަށް ރިއާޔަތް ނުކޮށްފި ނަމަ ސައުދީން އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފާނެކަމުގެ އިޝާރާތް އެވަނީ ހަރީރީގެ އިންޓަވިއު އިން ލިބިފައެވެ. ނަމަވެސް ހިޒްބުﷲ އިން ސައުދީއަށް ދޫކުރާނެ ކަމަކަށް ނުބެލެވެއެވެ.