ދިވެހި ސިނަމާ

ހުޅުދާން: އޮލިމްޕަހުގައި ދެއްކުމަށް ފަހު ވެނިސް ފިލްމު ފެސްޓިވަލަށް

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަރުގެ ރިސްކު ނަގަން ކެރޭ ދެ ވަނަ ޕްރޮޑިއުސަރަކު ފިލްމީ ދާއިރާގައި ނެތޭ ބުނެވިދާނެ އެވެ.

އޭނާގެ ގިނަ ފިލްމުތަކަކީ ވިޔަފާރީގެ އުސޫލުން "ނަހޫ-ސްޓައިލްގެ" ކާމިޔާބީއެއް ހޯދި ފިލްމުތަކެއް ނޫނެވެ. އެންމެ ކާމިޔާބު ފިލްމެއްގެ ގޮތުގައި އޭނާ އަބަދުވެސް މަޝްހޫރުކުރަނީ ނަހޫ-ސްޓައިލަށް އުފެއްދި "ދިން ވޭނުގެ ހިތާމާގައި" އެވެ.

މިކަހަލަ ފިލްމު މަދުމަދުން އުފެއްދިޔަސް މޮގާ އަކީ "ނަހޫ-ސްޓައިލް" އާ ބީރައްޓެހި ފަޅިއަކުން ދިވެހި ސިނަމާ ތަރައްގީކުރަން މަސައްކަތްކުރާ ޕްރޮޑިއުސަރެކެވެ. ފަހަރެއްގައި އޮލިމްޕަހުގެ ބޮކްސް އޮފީހުގައި އޭނާގެ ބަދުނަސީބަކީ ވެސް މިއީ އެވެ.

ކޮންމެއަކަސް އޭނާގެ ސްޓޫޑިއޯގެ އާ ފިލްމު "ހުޅުދާން" އަކީ އޭނާ ނަގާ އަނެއް ރިސްކެވެ. "ހެޕީ ބާތު ޑޭ" އާއި ދިވެހިންގެ ފުރަތަމަ ތްރީޑީ ފިލްމު "ފަތިސްހަނދުވަރުގެ ފެށުން" އަކީ ވެސް މޮގާގެ ބޮޑު ދެ ރިސްކެވެ.

"ހުޅުދާން" އަކީ ވެސް ވަރަށް ތަފާތު ފިލްމެކެވެ. ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. އައިޝަތު ފުއާދަކީ ކާކުކަން ނޭނގޭ މީހުންނަށް އޭނާ އަކީ ކާކުކަން އެންމެ ފަސޭހައިން ބުނެދެވޭނީ މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ ނަން ގަނެގެންނެވެ. އައިޝަތު އަކީ މޫމިންގެ ކޮއްކޮ އެވެ.

އައިޝަތު ބުނީ ފިލްމު ލިޔެފައި ވަނީ މޮގާ ގެނެސްދިން ކޮންސެޕްޓަކަށް ކަމަށާއި ފިލްމުގެ ފައިނަލް ސްކްރިޕްޓް އެކުލަވައިލުމަށް ހަ މަސް ދުވަސް ނެގި ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ފުރަތަމަ ސްކްރިޕްޓެއް ނޫނެވެ.

ކްރިއޭޓިވް ރައިޓިން އިން ކިޔަވާފައިވާ އައިޝަތު ފުއާދުގެ ފުރަތަމަ ސްކްރިޕްޓަކީ ލޯބީގެ ފިލްމެއް ކަމަށްވާ "އޮއިވާލި" އެވެ. އެ ފިލްމުގެ މަސައްކަތް އަދި އޮތީ ކުރިއަށެވެ.

"ހުޅުދާން" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އައިޝަތު ފުއާދު ބުނީ މި ފިލްމަކީ އަސްލު ދިރިއުޅުމުން ސަލާމަތްވެވޭނެ ފިލްމެއް ނޫން ކަމަށެވެ.

"މި ވައްތަރުގެ ފިލްމު ކޮންމެ ތަނެއްގައި ވެސް ހިނގަނީ މަދުން. އެންމެން ވެސް ބޭނުންވަނީ ހަގީގަތް މަތިން ހަނދާން ނައްތާލެވޭ ވަރުގެ ފިލްމެއް. އެކަމަކު މި ފިލްމަކީ އަސްލު ދިރިއުޅުމުން ސިކުނޑި ސަލާމަތްކުރެވޭނެ ފިލްމެއް ނޫން،" އައިޝަތު ފުއާދު ބުންޏެވެ.

"މި ފިލްމަކީ މިހާރުގެ ދިރިއުޅުމުގެ ރިއަލިޓީ ޗެކެއް."

މާލޭގައި އެއްކޮށް ޝޫޓްކޮށްފައިވާ މި ފިލްމުގެ އެ މަސައްކަތަށް ވެސް ގާތްގަނޑަކަށް ނުވަ މަސް ނެގި އެވެ. ފިލްމުގައި ލިޕް-ސިންކްކުރާ ލަވަތަކެއް ނުހިމެނެ އެވެ. ބޭނުންކޮށްފައިވާ ތިން ލަވަ އަކީ އަމިއްލަ ރާގުގެ ތިން ލަވަ އެވެ.

ފިލްމަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލައިފަ އެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ.