ކުޅިވަރު

އެރިކްސަންގެ ހެޓްރިކުން ޑެންމާކު ވޯލްޑްކަޕަށް

ޕްލޭއޮފްގެ ދެވަނަ ލެގް މެޗުގައި، ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކްރިސްޓިއަން އެރިކްސަން ހެޓްރިކް ހަދައި ޑެންމާކް ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފި އެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ޑެންމާކު ކާމިޔާބު ކުރީ 5-1 ންނެވެ.

ރޭ އަޔަލޭންޑު ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަ ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. ނަމަވެސް، މެޗުގެ 29 ވަނަ މިނެޓްގައި ސައިރަސް ކްރިސްޓީ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވިއެވެ. ޑެންމާކުން ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލުމުން ކްރިސްޓީ މަސައްކަތް ކުރީ އެ ބޯޅަ ދިފާއު ކުރާށެވެ. ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ ފައިގައި ޖެހިފަ އެވެ.

ޑެންމާކުން ލީޑް ނެގީ ނަތީޖާ ހަމަ ކުރިތާ ތިން މިނެޓް ފަހުންނެވެ. އެ ލަނޑު ނިކޮލައި ޖޯޖެންސެން ދިން ބޯޅަ އަކުން ކާމިޔާބު ކުރީ އެރިކްސަން އެވެ. ކައުންޓަ އެޓޭކުން ޑެންމާކުން އުފެއްދި ހަމަލާ ޖޯޖެންސެން، އެރިކްސަން އަށް ދިނީ އޭރިއާގެ ރޮނގުމަތިންނެވެ. އެރިކްސަން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖެހުމަށްފަހުއެވެ. އެހެންވެ އަޔަލޭންޑްގެ ކީޕަރު ޑެރެން ރެންޑޮފް އަށް އެބޯޅަ ސަލާމަތް ކުރުމަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ޑެންމާކްގެ ލީޑް އެރިކްސަން ފުޅާކޮށް ދިނީ 63 ވަނަ މިނެޓްގައެވެ. އޭނާ ލަނޑު ޖެހީ އޭރިއާ ބޭރުން ޕިއޯނެ ސިސްޓޯ ދިން ބޯޅައިންނެވެ. އެރިކްސަން އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދީ އޭގެ 10 މިނެޓް ފަހުންނެވެ. ޑެންމާކްގެ ފަސް ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ނިކޮލަސް ބެންޓްނާ އެވެ.

ޑެންމާކް ވޯލްޑްކަޕަށް މިއައީ މެދު ކެނޑުމަކަށްފަހު އެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕަށް ޑެންމާކް ކޮލިފައި ނުވެއެވެ. އެ ޓީމުން އެންމެ ފަހުން ވާދަ ކުރީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގަ އެވެ. އޭރު އެރިކްސަންގެ އުމުރުން 18 އަހަރެވެ. އޭނާ އަކީ އެ އަހަރުގެ މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ރޭގެ މެޗުގައި ހެދި ހެޓްރިކަކީ ގައުމީ ޓީމުގައި އެރިކްސަން ހެދި ދެ ވަނަ ހެޓްރިކެވެ. ކުލަބު ލެވަލްގައި ޓޮޓެންހަމްގެ މިޑްފީލްޑަރަށް އަދި ހެޓްރިކެއް ހެދިފައެއް ނުވެއެވެ.