ނައިޖީރިއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރި ކަމުގެ މެޗުގެ ފުރަތަމަ ހާފަށް ފަހު ޓީމު ޑްރެސިން ރޫމުގައި ތިއްބައި ފޯވަޑް ސާޖިއޯ އަގުއޭރޯ އަނބުރައި ގަނެގެން ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފި އެވެ.
ރޭ ގެ މެޗުގެ ނައިޖީރިއާ ކާމިޔާބު ކުރީ 4-2 ންނެވެ. ފުރަތަމަ ހާފުގައި ނައިޖީރިއާއިން ދެ ލަނޑު ޖެހިއެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަގުއޭރޯ އެވެ. ފުރަތަމަ ހާފަށް ނިމުމުން ޗޭންޖިން ރޫމުގައި އަނބުރައި ގަތުމުން އަގުއޭރޯ ހޮސްޕިޓަލަށް ގެންދިޔަކަމަށް އާޖެންޓީނާގެ އެފްއޭ (އޭއެފްއޭ) އިން ބުންޏެވެ.
އޭއެފްއޭއިން ބުނީ އަގުއޭރޯ ހޮސްޕިޓަލަށް ގެންގޮސް އޭނާ ހާލަތު ދެނެގަނެފައިވާ ކަމަށެވެ. ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އަގުއޭރޯގެ ކުލަބު މެންޗެސްޓާ ސިޓީން ބުނީ މެޗުގެ ތެރެއިންވެސް އެނބުރުން އަރާ ކަހަލަގޮތެއް ދިމާވި ކަމަށާއި، އަދި އޭނާ ވެއްޓުނީ އެކަން ކޮންޓްރޯލް ނުވުމުން ކަމަށެވެ. އަދި އޭނާ އެނބުރި މެންޗެސްޓާއަށް އައުމުން އޭނާގެ ސިއްހީ ހާލަތު ކުލަބުގެ ޑޮކްޓަރުން ދެނެގަންނާނެ ކަމަށްވެސް ސިޓީން ބުންޏެވެ. އަގުއޭރޯ އަކީ ސީޓިގެ ތާރީހްގައި އެ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ އެވެ.
ރަޝިއާގެ ކްރަސްނޯޑާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ނައިޖީރިއާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އާސެނަލްގެ އެލެކްސް އިވޯބީ އެވެ.