ދުނިޔެ

ޒިމްބާބްވޭގެ ކޮންޓްރޯލް ސިފައިން އަތުލައިފި، މުގާބޭ ހުންނެވީ ސަލާމަތުން

ޒިމްބާބްވޭގެ ނައިބު ރައީސް ކަމުން އެމާސަން މުނަންގަގްވާ ވަކިކުރުމުން އިންޒާރު ދިނުމަށް ފަހު އެގައުމުގެ ސިފައިންގެބާރުގެ ދަށަށް ވެރިރަށް ހަރާރޭ ގެންގޮސްފިއެވެ.

ޒިމްްބާބްވޭ ސިފައިން ބުނެފައި ވަނީ އެމީހުން ބާރުތައް އަތުލީ ރައީސް ރޮބަޓް މުގާބޭގެ ވަށައިގެން ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. އެމީހުންނަކީ ޒިމްބާބްވޭ މީހުންނަށް އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ވޭންތައް ދެމުންދާ ބައެއް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ރައީސް މުގާބޭއާއި އޭނާގެ އާއިލާ ތިއްބެވީ ސަލާމަތުން ކަަމުގެ ޔަގީންކަން ސިފައިން ވަނީ ދީފައެވެ.

ހަރާރޭގައި ހުރި ރޮއިޓާސްގެ މުރާސިލާ ހަވާލާދީ އެ އެޖެންސީން ބުނީ އެރަށުގައިވާ ސަރުކާރުގެ އޮފީސްތަކާއި ޕާލެމެންޓާއި ކޯޓުތަކަށް ދާން އޮންނަ މަގުތައް ސިފައިން ބަންދުކޮށްފައިވާ ކަަމަށެެވެ. އަދި ފައިސާ ނެގުމަަށް އެރަށުގެ ގިނަ ރައްޔިތުންތަކެއް ބޭންކްތަކުގެ ކައިރީގައި ކިއު ހަދާފައިވާ ކަމަށް ވެސް ބުންޏެވެ.
ސިފައިން ވަނީ ޒިމްބާބްވޭގެ ގައުމީ ޓީވީގެ އިދާރާވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

" އަހަރެމެން ހަމަ އެކަނި ހައްްޔަރު މިކުރަނީ އޭނާ( މުގާބޭ)ގެ ވަށައިގެން ތިބި މުޖުރިމުން. އެމީހުންނަކީ އިޖުތިމާއި އަދި އިގުތިސާދީ ގޮތުން ގައުމަށް ވޭން ދެމުންދާ މީހުން. އަހަރެމެން އެމީހުން މި ހައްޔަރު ކުރަނީ އިންސާފުގެ ކުރިމައްޗަށް ގެންނަން،" ޒިމްބާބްވޭ ސިފައިންގެ މޭޖާ ޖެނެރަލް އެސްބީ މޯޔޯ އެގައުމުގެ ގައުމީ ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތާބެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިން ކުރަން އައި ކަންތައް ކޮށް ނިމުމުން ވަރަށް އަވަހަށް ގައުމު އާއްމު ހާލަތަށް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


މުގާބޭ ސަރުކާރުގެ ވެރިންގެ ތެރެއިން ސިފައިންގެ އަތްދަށަށް މިހާރު ގޮސްފައިވާ އެންމެ އިސް ބޭފުކީ ފިނޭންސް މިނިސްޓަރު އިގްނޭޓިއަސް ޗޮމްބޯއެވެ.

ޒިމްބާބްވޭގައި ސިޔާސީ ހަމަނުޖެހުން އުފެދުނީ އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއަށް ފަހު އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ގެންނަވަން ފިޔަވަޅުތައް އެޅުއްވުމުންނެވެ. އެގޮތުން ނައިބު ރައީސް މުނަންގަގްވާ މަގާމުން ދުރުކުރުމަކީ ސިފައިން ރުޅި އަެި މައްސަލައެވެ. މުނަންގަގްވާ އަކީ ޒިމްބާބްވޭ މިނިވަންވުމުގެ ހަނގުރާމައިގައި ބައިވެރިވެޑައިގެންފައިވާ ބޭފުޅެކެވެ.