ދުނިޔެ

ޕްރިންސް ވަލީދުގެ ދެ ހޮޓަލެއް ލުބުނާނުން ވިއްކާލަނީ

ކޮރަޕްޝަނުގެ ތުހުމަތަށް ސައުދީ އަރަބިއްޔާގައި ބަންދުކޮށްފައިވާ ޕްރިންސް ވަލީދު ބިން ތަލާލުގެ ދެ ހޮޓަލެއް ވިއްކާލަން މަސައްކަތް ފަށައިފިއެވެ.

ލުބުނާނުގެ ޑެއިލީ ސްޓާ ނަމަކަށް ކިޔާ ނޫހަކުން ބުނީ އެގައުމުގެ ވެރިރަށް ބައިރޫތުގައި ހުންނަ ފޯސީޒަން ހޮޓަލާއި މުވެންޕިކް ހޮޓާ ގަންނާނެ ބަޔަކު ހޯދަން އެގައުމުގެ ކޮމާޝަލް ބޭންކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވަލީދުގެ ދެހޮޓާ ވިއްކައިލަން މަސައްކަތް ފަށާފައި މިވަނީ އިރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގަމުން އަންނަ އަރައިރުމުގެ މެދަށް ލުބުނާނު ވެއްޓި، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ވަގުތެއްގައެވެ. ނުތަވަސްކަން އުފެދުނީ އެގައުމުގެ ބޮޑުވަޒީރުކަމުން ސައުދުލް ހަރީރީ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަވާފައި ކުއްލި ގޮތަކަށެވެ.

ހަރީރީ އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރު ކޮށްގެން ކަމަށް ލުބުނާނާއި އެހެން ބައެެއް ގައުމުތަކުން ތުހުމަތު ކުރި ނަމަވެސް ހަރީރީއާއި ސައުދީން އެކަން ދޮގު ކުރެއެވެ.

ލުބުނާނުގެ ހިޒްބުﷲ ބަލިކުރުމަށް ސައުދީން ވަރަށް އަވަހަށް އަސްކަރީ ފިޔަވަޅު އަޅައިފާނެ ކަަމަށް ވަނީ ބެލެވިފައެވެ. އެގައުމުގައި ތިބި ސައުދީ ރައްޔިތުންނާއި ސައުދީ އިއްތިހާދުގެ އެހެން ބައެއް ގައުމުތަކުގެ ރައްޔިތުން ގައުމު ދޫކޮށްދާން މިހާރު ވަނީ އަންގާފައެވެ.

ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންގެ އަމުރަކަށް ބިލިޔަނަރު ޕްރިންސް އަލްވަލީދު ގެ އިތުރަށް ޝާހީ އާއިލާގެ އިތުރު 10 ބޭފުޅަކު ވެސް ވަނީ ހައްޔަރުކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ، ދެ ވަޒީރަކު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.