ކުޅިވަރު

ހޮންޑޫރަސް ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑްކަޕަށް

Nov 16, 2017

ޕްލޭޮފްގެ ދެ ވަނަ ލެގް މެޗުގައި ހޮންޑޫރަސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އޮސްޓްރޭލިއާ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ އެވެ.

އަމިއްލަ ދަނޑު ސިޑްނީގެ އޭއެންޒެޑް ސްޓޭޑިއަމްގައި 80000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އޮސްޓްރޭލިއާގެ ތަރިއަކަށްވީ ކެޕްޓަން މިލޭ ޔެޑިނެކް އެވެ. އޮސްޓްރޭލިއާއިން ޖެހި ތިން ލަނޑުވެސް ޖަހައި އެ ޓީމު ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ ވެ ވޭތުވެދިޔަ ފަސް މަހު އަނިޔާގައި ހުރި ޔެޑިނެކް އެވެ. އޭނާ ޖެހި ތިން ލަނޑުގެ ތެރެއިން ފަހު ދެ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ.

ފުރަތަމަ ހާފް އެއްވަރު ވެގެން ނިމުމުން އޮސްޓްރޭލިއާ އަށް މާޔޫސްކަން ލިބުނެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ޔެޑިނެކް33 ލަނޑު ކާމިޔާބުކޮށް އޮސްޓްރޭލިއާ އަށް އުންމީދު ހޯދައިނެވެ.

އޮސްޓްރޭލިއާ އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕުން ޖާގަ ހޯދަމުން ނެވެ. އެންމެ ފަހުގެ ދެ މުބާރަތަށް އޭޝިއާގެ ކޮލިފައިންގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ވޯލްޑްކަޕް ޖާގަ ހޯދި ނަަމަވެސް މިފަހަރު އެޓީމަށް ގަދަ ހަތަރކުން ޖާގަ ނުލިބެއެވެ. އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީ މެންބަރެއްގެ ގޮތުގައި ހިމެނޭ އޮސްޓްރޭލިއާ ވޯލްޑަކަޕް ޕްލޭއޮފްއަށް ދިޔައީ އޭޝިއާގެ ކޮލިފައިންގެ ތިން ވަނަ ބުރުން ގުރޫޕް "ބީ" ގެ ތިން ވަނައިގައި ނިންމާލަން ޖެހުމުންނެވެ.

ވޯލްޑްކަޕަށް ކޮލިފައިވީ ދެ ގުރޫޕުންވެސް އެންމެ ގަދަ ދެ ޓީމެވެ. ދެ ގުރޫޕުންވެސް ތިން ވަނަ ހޯދާ ދެޓީމު ދާނީ ޕްލޭޮފްއަށެވެ. އެގޮތުން ޕްލޭއޮފްގައި އޮސްޓްރޭލިއާ ވާދަ ކުރީ ގުރޫޕް "އޭ" ގެ ތިން ވަނަ ސީރިއާ ދެކޮޅަށެވެ. ސީރިއާ ބަލިކޮށް އެ ޓީމު އިންޓަކޮންޓިނެންޓް ޕްލޭޮފް ބުރަށް ދަތުރު ކުރީ އެވެ. އޭޝިއާގެ މެންބަރެއްގެ ގޮތުގައި އެޓީމު ހިމަނާފައި ވަނީ 2006 ވަނަ އަހަރު އެވެ. އޮސްޓްރޭލިއާ އިން ވަނީ 2015 ވަނަ އަަހަރު އަމިއްލަ ގައުމުގައި ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ވޯލްޑްކަޕުން އެޓީމަށް ފުރުސަތު ލިބިފައި ވަނީ ފަސް ފަހަރުއެވެ. ވޯލްޑްކަޕްގައި އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބަކީ 2006 ވަނަ އަހަރު ދެ ވަނަ ބުރަށް ދަތުރު ކުރުމެވެ.

ވޯލްޑަކަޕްގައި ބާކީ މިހަރު އޮތީ އެންމެ ޖާގަ އެކެވެ. އެޖާގައަށް ވާދަ ކުރަނީ އޯޝޭނިއާ ސަރަހައްދުގެ ނިއުޒިލެންޑާއި ދެކުނު އެމެރިކާ ސަރހައްދުގެ ޕެރޫ އެވެ. އެ ދެޓީމު ކުޅޭ ޕްލޭއޮފްގެ ފަހު މެޗު އޮންނާނީ މާދަމާ ޕެރޫގައެވެ. ނިއުޒިލެންޑްގައި ކުޅުނު ފުރަތަމަ ލެގް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ވޯލްޑްކަޕުން ޖާގަ ކަށަވަރުކޮށްފައިވާ ގައުމުތައް

އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ ސައުދީ އަރަބިއްޔާ، އޮސްޓްރޭލިއާ

ދެކުނު އެމެރިކާ: ބްރެޒިލް، އުރުގުއޭ، އާޖެންޓީނާ، ކޮލަމްބިއާ

އުތުރު އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ

އެފްރިކާ: ނައިޖީރިއާ، މިސްރު، ސެނަގާލް، މޮރޮކޯ، ޓިއުނީޝިއާ

ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، ޕޮލެންޑް، ސްޕެއިން، އިންގްލެންޑް، ފްރާންސް، ޕޯޗްގަލް، ސާބިއާ، އައިސްލެންޑް، ކޮރޭޝިއާ، ސްވިޒަލޭންޑް، ސްވިޑެން، ޑެންމާކް، ރަޝިއާ (މުބާރާތް ބައްވާ ގައުމުގެ ހައިސިއްޔަތުން)