ދުނިޔެ

މުގާބޭ ވެއްޓުނީ އަނބިކަނބަލުންނާ ހެދި!

ޒިމްބާބްވޭއަށް މިހާރު ކިޔާ ނަންވެސް ދެއްވީ ރޮބަޓް މުގާބޭ އެވެ. ވެރިރަށް ހަރާރޭގެ ނަންވެސް މެއެވެ. އިނގިރޭސީންގެ އަޅުވެތިކަމުން 1980 ވަނަ އަހަރު މިނިވަން ވީއްސުރެ، އެ ގައުމު މީހުންނަށް އިނގެނީ ވެސް މުގާބޭގެ ގައުމުގެ ގޮތުގަ އެވެ. އޭރުއްސުރެ ވެރިޔަކީ އޭނާއެވެ.

ނަމަވެސް އިއްޔެރޭ އެ ގައުމުގެ ސިފައިން ގެނައި، ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައި މުގާބޭގެ ބާރު ވަނީ ކަނޑުވާލާފަ އެވެ. އޭނާ ރައީސްކަމުން ދުރު ކުރިކަން ރަސްމީކޮށް އިއުލާނު ނުކުރިޔަސް ހުންނެވީ ގޭ ބަންދުގަ އެވެ.

މުގާބޭގެ ބާރު ކެނޑުނީ ކިހިނެތް؟

ނުތަވަސްކަމާއި ތަފާތު އަޑުތައް އެރުމަށް ފަހު ޒިމްބާބްވޭ ސިފައިން ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ މޭޖާ ޖެނެރް ސިބޫސިސޯ މޯޔޯ ޓީވީއަށް އަރާ ވަޑައިގެން ވިދާޅުވީ ބަޣާވާތެއް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިން އެޅި ފިޔަވަޅަކީ ރައީސް މުގާބޭގެ ވަށައިގެން ތިބި މުޖުރިމުންތަކެއްގެ އަތްދަށުން ގައުމު ސަލާމަތް ކުރުން ކަމަށެވެ.

މުގާބޭ އާއި އޭނާގެ އާއިލާ ތިއްބެވީ ސަލާމަތުން ކަމަށާއި އެމީހުންނަށް ރައްކާތެރިކަމުގެ ކަށަވަރުކަން އެބަ އޮތް ކަމަށް ވެސް މޯޔޯ ވިދާޅުވިއެވެ.

އޭގެ ފަހުން ވެރިރަށް ހަރާރޭގެ މަގުތަކުން ފެންނަމުން ދިޔައީ އަސްކަރީ އުޅަނދުތަކުގައި ހަރަކާތްތެރިވާ ސިފައިންނެވެ. މުގާބޭއާއި ސަރުކާރުގެ އިސް އެތައް ބޭފުޅުުންނެއް ދިރިއުޅުއްވާ ސަރަހައްދުން ދެން އިވުނީ ބަޑީގެ އަޑާއި ބައެއް ގޮވުންތަކުގެ އަޑެވެ.

މުގާބޭ ހުންނެވީ ގޭބަންދުގައިކަން އިއުލާނު ކުރެއްވީ އަވަށްޓެެރި ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ އެވެ. މުގާބޭއާ ފޯނުން ވާހަކަފުޅު ދެއްކެވުމަށް ފަހު ޒޫމާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ހެޔޮހާލުގައި ކަމަށެވެ. ނަމަވެސް ގޭބަންދުގައި ހުންނެވިކަން އެނގި ވަޑައިގެންނެވި ކަމަށް ވެސް ޒޫމާ ވިދާޅުވެފައި ވެއެވެ.

ކަންތައް އެހިސާބަށް ދިޔައީ ކީއްވެ؟

މުގާބޭގެ ބާރު ކެނޑުނު މައްސަލަ ގަނޑުގެ އަސްލަކީ ބާރާއި މެދު އުފެދުނު ކޯޅުމެކެވެ. އެއީ މުގާބޭ އާއި އަޅާ ބަލާއި އެތައް ތަނަކުން ޒުވާން އަނބިކަނބަލުންނާއި ދާދި މިދާކަށް ދުވަހު ނައިބު ރައީސްކަމުގެ މަގާމުން ދުރުކުރި އެމާސަން ނަންގަގްވާއާ ދެމެދު އުފެދުނު ކޯޅުމެކެވެ. ދެ ބޭފުޅުން ވެސް އެދިވަޑައިގަންނަވަނީ މުގާބޭއަށް ފަހު ގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވުމަށެވެ. ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީ ވަނީ އެކަމާ ހެދި ދެބައިވެފަ އެވެ.

ނަންގަގްވާ ނައިބު ރައީސް ކަމުން ދުކުރުމުގެ ނިންމެވުން މުގާބޭ ނިންމެވީ އަނބިކަނބަލުން ގްރޭސް މުގާބޭ އެކަމަށް ގޮވައިލެއްވުމުންނެވެ.

ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓަންޓީނޯ ޗިވެންގާ އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވީ އެހިސާބުންނެވެ. ނަންގަގްވާއާއި ޗިވެންގާ އަކީ ވެސް މުގާބޭ ފަދައިން ޒިމްބާބްވޭ މިނިވަން ކުރުމުގެ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވަޑައިގެންނެވި ބޭފުޅުންނެވެ. އެހެންވީމާ އޮންނަނީވެސް ގާތް ގުޅުމެކެވެ.

މައްސަލަ ހައްލު ކުރަންް ސިފައިން އެކަމުގެ ތެރެއަށް ވަންނާނެކަން އިއުލާނު ކުރެއްވިތާ 24 ގަޑި އިރު ނުވަނީސް ސިފައިން އެވަނީ ފިޔަވަޅު އަޅާފައެވެ. އެންމެ ފުރަތަމަ ވެސް ހައްޔަރު ކުރި އެއް ބޭފުޅަކީ ގްރޭސް މުގާބޭ ފެކްޝަނުގައި އިސްކޮށް އުޅުއްވާ، ފިނޭންސް މިނިސްޓަރު އިގްނޭޓިއަސް ކޮމްބޯއެވެ.

ބަދަލު އައީ އޮމާންކޮށް

މުގާބޭއަކީ ބަޣާވާތްތައް ގިނަ އެފްރިކާ ކޮންޓިނެންޓުގެ ވެރިންގެ ތެރެއިން ހަަރުކަށި ކަމަށް މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ވެރިކަން ފަސޭހައިން ވެއްޓިދާނެ ކަމަށް ދުނިޔެއިން ކުރިން ގަބޫލެއް ނުކުރެއެވެ. ބެލެވިފައި އޮތީ އެފަދަ ކަމެއް ހިނގާ ނަމަ ހިނގާނީ ލޭ އޮހޮރުވުންތަކަކަށް ފަހުގައި ކަމަށެވެ. ނަމަވެސް "މުގާބޭގެ ވަށައިގެން ތިބި މުޖުރިމުން ހޯދައި ހައްޔަރު ކުރަން" ސިފައިން ހިންގި އޮޕަރޭޝަން ކުރިއަށް ދިޔައީ ލޭ އޮހޮރުވުމަކާ ނުލައެވެ. ސިފައިން ބުނެފައި ވަނީ މިޝަން ނިމުމުން ގައުމު އަލުން އާއްމު ހާލަތަށް އަންނާނެ ކަަމަށެވެ.