ވާހަކަ

މިންނުގެ ޑައިރީ

(14 ނޮވެމްބަރ 2017 އާ ގުޅޭ)
އެތަށް ދުވަހަކަށްފަހު އަހަންނަށް އަރާމު ނިންޖަކުން ނިދާލެވުނުހެން ހީވިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އެނދު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އޭގައި ނިދިޖެހިފައި ހައިކަލް އިނެވެ. އަހަރެންގެ އަތްތިލާގައި ހިފާލައިގެން އިނދެއެވެ. އަހަރެން އޭނާގެ އަތުގެ ތެރެއިން މަޑުމަޑުން އަތްތިލަ ނެގީމެވެ. ގިނައިރަކު ހިމޭންކަމުގައި ނޯވެވުނެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް އަހަންނަށް ރޮވުނީއެވެ. އަޒާންގެ މަތީން ހަނދާންވެފައެވެ. ރެއަކީ އޭނާގެ ކައިވެނީގެ ފުރަތަމަ ރެއެވެ.

އަޒާން އެރޭ ހޭދަކުރާނެ ގޮތް ހިތަށް އަރަނީއެވެ. އެ އަތުން އެހެން އަންހެން ކުއްޖެއްގެ ގައިގާ ފިރުމާނެކަން އެނގޭތީއެވެ. އެ ތުންފަތުން އެހެން އަންހެން ކުއްޖެއްގެ މޫނުގައި ބޮސްދޭނެކަން އެނގޭތީއެވެ. އަނގަމަތީ އަތްއަޅާލައިގެން އޮވެވުނެއްކަމަކު އަހަންނަށް ގިސްލެވުނެވެ. އެ އަޑު ހައިކަލްގެ ނިދިން އޭނާ ހޭލައްވާލިއެވެ. އަހަންނަށް ބަލަން ހައިކަލް އިނީއެވެ. އަހަރެންގެ ގާތުގައި ނުރޯށޭ އޭނާ ނުބުނެއެވެ. އަހަރެން ރޮނީ ކީއްވެކަން ފަހަރެއްގައި އޭނާއަށް އެނގެނީ ކަމަށް ވެސް ވެދާނެއެވެ.

* * * * *

ޑައިރީ ކިޔަމުން ދިޔަވަރަކަށް ޔާނާގެ އަރު ބެދެމުންދިޔައެވެ. އެ ދެ ލޮލަށް ވެސް ކަރުނަ ބޮނޑިވަމުން ދިޔައެވެ. އިތުރަށް ކުރިއަށްދާނެހާ ހިތްވަރުނެތި ޔާނާ ދެ ލޯ ފުހެން ފެށިއެވެ. އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވުނީއެވެ. ޔާނާއަށް މާބޮޑަށް އަސަރުކުރީއެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ހުޅުވާލާފައި އޮތް ޑައިރީގެ ސަފުހާގައި ފިރުމަމުން ދިޔައެވެ. އެ މަންޒަރު ބަލަން އިނދެފައި ޔާނާގެ ކޮނޑުގައި ހިފައި ގެނެސް ޒޭންގެ އަތުގެ ތެރެއަށް އޭނާ ލިއެވެ.

"ޕްލީޒް ޑޯންޓު ކުރައި ޔާން" ޒޭންގެ އަޑު ވެސް ހުރީ ކުރެހިފައިވާ ގޮތަށެވެ.

"ހައު ކެން ހީ... ޝީ ވޯޒް ސޯ އިނޮސެންޓު" ޔާނާއަށް ބުނެލެވުނެވެ.

ފުންއަސަރުތަކެއް ކުރުވީ ހަމައެކަނި ޔާނާއަކަށް ނޫނެވެ. ޒޭންގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. އޭނައަށް އެނދުގައި އޮތް ހައިކަލްއަށް ބަލާލެވުނެވެ. އެއީ އޭނާދެކެ އެންމެ ލޯބިވާ ބައްޕައެވެ. އެ ބައްޕަގެ ބޮލުގައި އެޅިފައި އެވަނީ ކިހާ ބޮޑު އިލްޒާމެއްހެއްޔެވެ. ޑައިރީގައިވާ މިންނުގެ ވާހަކަތައް ގަބޫލުކުރުމަށް އޭނާ އަދި އެކަކުގެ އެހީ ބޭނުންވެއެވެ. ޑައިރީގައި ބުނެފައިވާ ފަދައިން މިންނުއަށް ފަރުވާދިނީ ޑޮކްޓަރ ޖެމިންނެވެ. ޒޭނަށް އެއީ ކާކު ކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ޔާނާގެ ސުވާލުތައް އިތުރުވިއެވެ. ހުރިހާ ސުވާލެއްވެސް އަމާޒުވެފައިވަނީ ކޯމާގައި އޮތް ޒޭންގެ ބައްޕަ ހައިކަލްއަށެވެ.

"ޒޭންގެ ބައްޕައެއްކަމަކު އެ ކުރީ ހާދަ ބޮޑު ކުށެކޭ، މިންނުގެ މުޅި ދިރިއުޅުން ގެއްލުނީ، އެއީތަ ލޯބިވާ ގޮތަކީ؟ ޒޭން! އަހަންނަށް އެނގޭ ޒޭން އަދިވެސްތިއުޅެނީ މީގައިމިވާ އެއްޗެއް ޤަބޫލުކުރަން ދަތިވެގެންކަން، އަހަރެން މިންނުގެ މި ޑައިރީގައި ލިޔެފައިވާ ވާހަކަތަކާ މެދު އެއްވެސް ޝައްކެއް ނުކުރަން.... ހަޤީޤަތުގައި މިންނު ވަރަށް ކެތްގަދަ، އަހަރެންނަމަ އެ ފަންކާގައި މަޅިއެއްޖަހާ ކަރަށް ހެޔޮވަރު ކުރާނެތާ ކިތަންމެ ދުވަހެއް... އިންސާނަކު އެ ދަރަޖައަށް ވިސްނުންގެންދާވަރު ޒޭންގެ ބައްޕަ އެ ކުރީ" ޔާނާގެ ހިތުގައި އޮތް އެއްޗެއް ޒޭނަށް ހަމަ ރަނގަޅަށް އެނގެއެވެ. އެހެންވެ ވަކި އެއްޗެއް ނުބުނެ އިނީއެވެ.

"އަހަރެން ގެއަށްދާން ބޭނުންވަނީ... އައި ކާންޓް ރީޑް އެނީމޯ" ޔާނާ ދެލޯ ފޮހެލަމުން ބުނެލިއެވެ.

"އިޓްސް އޯކޭ... ހިނގާ އަހަރެން ގެންގޮސްދޭނަން" ޒޭން ބުނެލިއެވެ.

"ޒޭން ނަޔަސް ރަނގަޅުވާނެ. އަހަރެން ޓެކްސީއެއްގައި ހިނގައިދާނަން" ޔާނާ ތެދުވެ ލައްޕާލި ޑައިރީ ޒޭނަށް ދިއްކޮށްލިއެވެ. މިވަގުތު ޔާނާ އެ ހުރީ އެކަނިވެލަން ބޭނުންވެފައިކަން ޒޭން ވިސްނައިގަތެވެ. އެހެންވެ ޔާނާގެ ނިންމުން ބަދަލުކުރާކަށް އޭނާ މަސައްކަތެއް ނުކުރިއެވެ. ޑައިރީ އެއްފަރާތުގައި ބާއްވާލުމާއެކު ޔާނާގެ ކަނާތުގައި ހިފާ ޒޭންއާ ދިމާއަށް ދަމާލިއެވެ. ލޯބިން ޔާނާގެ ގައިގާ ބައްދާލުމާއެކު އޭނާގެ ނިތްކުރީގައި ޒޭން ބޮސްދިނެވެ.

"ޔާން! ދެން ނުރޮއްޗޭ... އަހަރެން ބޭނުމެއްނޫން ޔާން ދެރަވެފައި ހުންނާކަށް" ޒޭން ބުންޏެވެ. މަޑުމަޑުން ޔާނާ ބޯޖަހާލުމާއެކު އޭނާގެ އަތްދަބަސް ހިފައިގެން އެ ކޮޓަރިން ނުކުންނަން ދިޔައެވެ.

ޔާނާ އެ ކޮޓަރިން ނުކުތުމާއިއެކު ޒޭންގެ ޖީބުގައި އޮތް މޯބައިލް ފޯނު ނެގިއެވެ. ފޯނުގައިވާ ނަމްބަރު ލިސްޓު ހޯދަން ފެށިއެވެ. ބޭނުންވާ ނަންބަރު ފެނުމާއެކު ޑައިލްކޮށްލިއެވެ. އަދި ފޯނު ގެނެސް ކަންފަތުގައި ޖައްސާލައިގެން ހުރެ ދެކޮޅަށް ޒޭން ހިނގަންފެށިއެވެ.

"ހެލޯ! ޖެމިން އަންކަލް! އިޓްސް މީ ޒޭން" ޒޭން ފޯނުން ވާހަކަ ދައްކަން ފެއްޓިއެވެ.

"ޔެސް ޒޭން! މިވަގުތު.... އަނެއްކާ ކިހިނެއްވީ؟ އިޓްސް ބީން ސޯ ލޯންގު... ކޮންތާކު ތި އުޅެނީ، މިހާރު މާލެ އައީތަ؟" ފޯނުގެ އަނެއްކޮޅުން ޖެމިން ވާހަކަ ދެއްކިއެވެ.

ޒޭންގެ ޅައުމުރުގައި ޖެމިން އެ ގެއަށް އައިސް ހަދައެވެ. އަންނަ ކޮންމެ ފަހަރަކު ޒޭނަށް ހަދިޔާއެއް ގެނެސްދޭނެއެވެ. ޖެމިން އަންކަލްއަކަށްވީ ވެސް ހައިކަލްއާ އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. ޢާއިލީ ތިމާގެކަމެއް އޮވެގެނެއް ނޫނެވެ. ޖެމިން އޭނާގެ ފަސްކުދިންނާއި ދެ އަނބިން ގޮވައިގެން ސިންގަޕޫރަށް ބަދަލުވިތާ ފަނަރަވަރަކަށް އަހަރުވެދާނެއެވެ. ނަމަވެސް ދޭތެރެއަކުން ޒޭނަށް ގުޅާ ހާލު ބާލައެވެ. ޒޭނަށް އޭނަގެ ދާއިރާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. ޖެމިންއަކީ ވެސް ޑޮކްޓަރަކަށްވީމައެވެ.

"ޔެސް! މިހާރު ބައްޕަ ގާތަށް އެއްކޮށް ބަދަލުވެއްޖައިން، މިކޮޅުން ވަޒީފާ ވެސް ހަމަޖެހިއްޖެ، ޖެމިން އަންކަލް! ވާހަކަ އެއް އަހާލަންވެގެން މި ގަޑީގަ ގުޅާލަން ޖެހުނީ، ވަރަށް ބޮޑަށް ސޮރީ މި ގަޑީގަ އުނދަގޫ ކުރެވޭތީ..." ޒޭން މާފަށް އެދުނެވެ.

"ނޫނޭ! އެއީއެއްވެސް ކަމެއްނޫން! ދެން ގަޑިއާ މެދު ނުވިސްނާ، މިހާ ދުވަސްކޮއްލާފައި ޒޭނާ ދިމާވީމަ ވަރަށް އުފާވެއްޖެ، ހިތަށްއެރި ޒޭނަށް ކޮންމެވެސް ބޮޑުކަމެއް ޖެހިގެންނޭ މި ފަދަ ވަގުތެއްގައި ގުޅާނީ... ސޯ މައި ޗައިލްޑް! ބުނެބަލަ... ބައްޕަ މިހާރު ކިހިނެއްތަ؟ އެއްވެސް ކަހަލަ އިޝާރާތެއް ލިބިއްޖެތަ؟" ޖެމިން އަހާލިއެވެ.

"ނޫން! އަދިވެސް ހީވަނީ ފުންނިންޖަކުން ނިދާފައި އޮންނަހެން، ހޭލާނެ ދުވަހެއް އެނގެނީކީ ނޫން، ޖެމިން އަންކަލް ވެސް ތިހުންނަނީ މާދުރުގަ ވިއްޔާ" މާޔޫސް ރާގެއްގައި ޒޭން ބުނެލިއެވެ.

"ދެން އަނބިދަރިން ގޮވައިގެން އުޅެން ޖެހުނީމަ ވިސްނޭނީ ބޮޑަށް އެމީހުންނާއި ދޭތެރޭތާ ދޯ، ޒޭން ބޭބެ ގާތު އަހަން އުޅުނީ ކޮންވާހަކައެއްތަ؟ އަނެއްކާ އޮފަރޭޝަނެއް ކުރަން ޖެހުނީތަ؟" ޖެމިންގެ އަޑުން ސީރިއަސްވިކަން އެނގުނެވެ.

"ނޫން! ނޫން! އެކަހަލަ ކަމަކު ނޫން... އަހަން މިއުޅެނީ ވަރަށް ކުރީގެ ވާހަކައެއް، މީގެ ވިއްސަކަށް އަހަރު ކުރީގެ ވާހަކައެއް" ޒޭންގެ ޖުމްލަ މެދު ކެނޑުނީ ފޯނުން ޖެމިން ވާހަކަ ދައްކަން ފެށުމުންނެވެ.

"މާތް ކަލާކޯ، އަނެއްކާ އެހާ ކުރިއަށް ދާން ޖެހުނީ ކިހިނެއްވީ؟ ބޭބެ ހަނދާން ހުންނާނެ ބާ" ޖެމިން ބުނެލީ ސަމާސާ ގޮތަކަށެވެ.

"ޖެމިން އަންކަލް ހަނދާން ހުންނާނެ، އެއީ ޖެމިން އަންކަލްގެ ވެސް ޅަދުވަސްވަރެއްނު، އެކަކުވެސް އެމީހެއްގެ ޒުވާން ދުވަސްވަރުމަތިން ހަނދާނެއް ނުނެތޭނެ.... ޖެމިން އަންކަލް ހަނދާންކޮއްބަލަ، މީގެ ވިއްސަކަށް އަހަރު ކުރިން ބައްޕަގެ އެދުމަކަށް އެއްރެއެއްގެ ދަންވަރު ފިހިފައިވާ އަންހެން ކުއްޖަކަށް ފަރުވާދޭން އައިންތަ؟ ފިހުނީ އެއަންހެން ކުއްޖާގެ ބަނޑު. އެއީ މިންނު ކިޔާ ކުއްޖެއް. ޑޫ ޔޫ ރެމެނމްބާ ދެޓް އިންސިޑެންޓް؟ ޖެމިން އަންކަލް ޕުލީސް ބުނެދީބަލަ! އެއީ ހަމަ އަސްލު ވެސް ހިނގި ހާދިސާއެއްތަ؟" ޒޭން އެހިއެވެ.

"މިންނު... މިންނު... ކިހިނެއް އޭނާ މަތިން ހަނދާން ނެތޭނީ، ހައިކަލް އެންމެފަހުން އިނީ ވެސް އެ އަންހެން ކުއްޖާޔާއެއްނު، އެރޭ އަހަންނަށް އެންމެ ފުރަތަމަ އެ އަންހެން ކުއްޖާ ފެނުނީ، އޭނަގެ ބަނޑުގައި ފިހިފައިވާ ތަންފެނިފައި އަހަރެން ވަރަށް ހާސްވި، ހޮސްޕިޓަލަށް ނުގެން ގޮސް އޭނާއަށް ފަރުވާދޭން ވެސް ޖެހިލުންވި. ތިއެއްނޫނޭ! ޒޭންއަށް އެކަން އެނގުނީ ކިހިނެއް، ކާކު ޒޭން ގާތު އެވާހަކަ ދެއްކީ؟ އެރޭގެ އެ ކަންތައް ސިއްރުކުރުމަށް ހައިކަލް އަހަރެންގެ ގާތުން އެދުނު، އަދި އަދަށް ދާންދެން ވެސް އަހަރެން އެ ވާހަކައެއް ނުދައްކަން" ޖެމިން ކަންބޮޑުވިއެވެ. ޒޭންގެ އަޑުގައި ހަރުލާފައިވާ ހާސްކަން ވެސް ޖެމިންއަށް ދެނެގަނެވުނެވެ.

"ޖެމިން އަންކަލްއަށް އެނގޭތަ އޭރު އެ އަންހެން ކުއްޖާ ޕުރެގްނެންޓުކަން؟" ޒޭން އިތުރަށް ހާސްވާންފެށިއެވެ.

"ޒޭނަށް ތި ވާހަކަތައް ކިޔާދިނީ ކާކު؟ ބޭބެއަކަށް ތިކަމަށް އެއްވެސް އެއްޗެއް ނުބުނެވޭނެ، ހައިކަލް އަހަރެންގެ ކައިރިން އާދޭސްކޮށްފަ ބުނި އެއްވެސް ކަމެއް މީހެއް ގާތުގައި ނުބުނެ ސިއްރުކޮށްދިނުމަށް" ޖެމިން ދެކޮޅު ހެދިއެވެ.

"އެކަމަކު އަހަންނަށްވެސް އެނގެންވާނެއެއްނު" ޒޭން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އޭރު ޖެމިންއަށް ހުރިހާ ކަމެއް އެނގޭކަން ޒޭނަށް ޔަގީންވެއްޖެއެވެ. ޖެމިން ފަސްޖެހެނީ އެހެންވެއެވެ.

"ޒޭން! ތިހާ ޕުޝް ނުކޮށްބަލަ، ރަނގަޅު ރީޒަންއެއް އޮވެދާނެއެއްނު ހައިކަލް މާޒީ ފޮރުވަން ބޭނުންވާ، އިތުރަށް ހައިކަލް އާއި މިންނުގެ މާޒީ ނިއުޅަން ނަހަދާ، އަހަރެން އެމީހުންގެ ވާހަކަ އެކަކު ކައިރީ ވެސް ދައްކާކަށް ބޭނުމެއްނޫން، ޒޭން ވެސް ބޭބެގެ ފަރާތުން އެހެން ކަމަށް އެދެންޏާ ކޮށްދީފާނަން، އެކަމަކު އެމީހުންގެ އެއްވެސް ވާހަކައަކަށް ދެނެއް ޖަވާބެއް ނުދޭނަން" ޖެމިން ބުނެލިއެވެ. އޭނާ އެންމެ ކަންބޮޑުވީ އެ ހުރިހާ ކަމެއް ޒޭނަށް އެނގެންވީ ގޮތެއް ނުވިސްނިފައެވެ.

ކުރިނުލިބުމުން ޒޭން ފޯނު ކަނޑާލިއެވެ. ވަރަށް ބޮޑަށް މާޔޫސްވެ ހުރެގެންނެވެ. އޭނާގެ ސިކުނޑިވަނީ ހާސްވެފައެވެ. ފޯނު އަތަށް ލައިގެން ހައިކަލްއާ ދިމާއަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނެވެ. މިއަދު އޭނައަށް ޔަގީންވެއްޖެއެވެ. މިންނުގެ ވާހަކަތަކުގެ ތެދުކަމެވެ. ޒޭނަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ސޯފާގައި އިށީނދެވުނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ހައިކަލްގެ ޢަމަލުތައް ލޯކުރިމަތިން ފެންނަމުން ދިޔަ ކަހަލައެވެ. އޭނަ އެންމެ ކުޑައިރުއްސުރެއް ވާން ބޭނުންވީ އޭނަގެ ބައްޕަދަ މީހަކަށެވެ. އެބައްޕަގެ ކޮންމެ ކަމެއް ނަކަލުކުރަމުން އައި ޒޭންގެ ދެލޮލުން ކަރުނަ އައިއްސިއެވެ. ހައިކަލް އާއިމެދު އޭނަ މިއަދު ފަހުރުވެރިއެއްނުވެއެވެ. އެފަދަ ޢަމަލެއް ހައިކަލް ހިންގީތީ ޒޭން ލަދުގަނެއްޖެއެވެ. މިހާ ދުވަސްވަންދެން ދޮންމަންމަ އާއިދޭތެރޭ ޒޭންއަށް ހީކުރެވުނު ހީކުރުން މުޅިން ބަދަލުވެއްޖެއެވެ. އެއީ ހިތްވަރުގަދަ އަންހެން ކުއްޖަކަށް ވެއްޖެއެވެ. މިންނުގެ ހާލާމެދު ޒޭންގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ.

ހައިކަލްގެ އެނދުކައިރީ ހުރި ގޮނޑީގައި ޒޭން އިށީނެވެ. ހައިކަލްގެ އަތުގައި ބޯއަޅާލައިގެން އިނދެ ޒޭން އެކިއެކި ސުވާލު ކުރަމުންދިޔައެވެ. އެފަދަކަމެއް ކުރީ ކީއްކުރަންތޯ ސުވާލު ކުރަމުންދިޔައެވެ. މިރޭ އޭނާއަށް އެ ޑައިރީގައި އެވަނީ ތެދުކަން ޔަގީން ވެއްޖެކަމުގައި ބުނަމުންދިޔައެވެ.

* * * * *

އެނދުގައި ދެއަތަށް ފުރޮޅިފުރޮޅި ވެސް ޔާނާއަށް ނިދޭގޮތެއް ނުވިއެވެ. އޭނައަށް ހީވަނީ މިންނުގެ ޑައިރީގައި ލިޔެފައިވާ އެކިއެކި މަންޒަރުތައް ލޯކުރިމަތީ ސިފަވާހެނެވެ. ޔާނާއަށް ނޭގިނަމަވެސް ހައިކަލްއާ މެދު ޝަކުވާކުރެވުނެވެ. ޔާނާގެ ދެލޮލުން މިންނުއަށްޓަކައި ހަމްދަރުދީގެ ކަރުނައައެވެ. އެދުލުން މިންނުއަށް ރަހުމަތްލެއްވުމަށް ދުޢާކުރިއެވެ. އަޒާންގެ ލޯބި އެހާ އަވަހަށް ބަދަލު ވާނެކަމަށް ޔާނާގެ ހިތެއް އެއްބަހެއް ނުވިއެވެ. އަޒާންއާއި މިންނު އެކަކު އަނެކަކުދެކެވީ ހަޤީޤީ ލޯބިކަމުގައި ޔާނާ ޤަބޫލުކުރެއެވެ. މިންނުގެ އަޒާން މިހާރު ކޮބާ ބާއޭ ޔާނާގެ ހިތަށްއަރަމުންދިޔައެވެ. އަޒާން ދުނިޔޭގައި ސަލާމަތުން ހުރި ނަމަ މިހާރު އޭނާގެ ވެސް ޢާއިލާއެއް އޮންނާނެއޭ ޔާނާގެ ހިތް ބުންޏެވެ. މިފަދަ ޚިޔާލުތަކުގައި އޮއްވައި ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުނެވެ. އަވަސް އަވަހަށް ދެލޯ ފޮހެލާފައި އިސްތަށިގަނޑު ރަނގަޅުކޮއްލަމުން ވަންނާށޭ ޔާނާ ބުންޏެވެ.

ދޮރު ހުޅުވާލާފައި ކޮޓަރިއަށްވަނީ އަޒާނެވެ. ނިދާބޮކީގެ އަލިފަނޑުކަމުން ދޮރުކައިރީ ހުރި ސުވިޗު ޖައްސާލިއެވެ. އެއާއެކު ކޮޓަރިތެރެ ހުދުއައްޔަކުން އަލިވެގެންދިޔައެވެ.

"ދަރިފުޅު މިރޭ ހާދަލަސްވީ... މަންމަ ބުނި ނުވެސް ކައި އައިގޮތަށް ކޮޓަރިއަށް ދިޔަވާހަކަ، ހުރިހާ ކަމެއް އަނެއްކާ ރަނގަޅުތަ" އަޒާން އޭނާގެ ދަރިފުޅުގެ އެނދުގައި އިށީންނަމުން އަހާލިއެވެ.

"ހޫމް! އައިމް އޯކޭ، އެހާ ބަނޑުހައި ނުވާތީ ނުކެއި" ޔާނާ ބުނެލިއެވެ.

"ދަރިފުޅު ކަމަކާ ދެރަވެގެންތަ ތިއުޅެނީ... ބައްޕައަށް ހާދަ ހީވެޔޭ ދަރިފުޅު ރޮނީހެން... އަނެއްކާ ޒޭން" އަޒާންއަށް ޔާނާގެ ރަތްވެފައިވާ ދެލޮލާ ނޭފަތްކޮޅު ފެނުމުން އަހާލިއެވެ.

"ނޫން ބައްޕާ! އެއްވެސް ކަމެއް ނުވެޔޭ" ޔާނާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.

"ބައްޕަ ގާތުގައި ދޮގު ނުހައްދައްޗޭ" އަޒާނަށް އަދިވެސް ޝައްކުވަނީއެވެ. އޭނައަށް ޔާނާގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ.

"ބައްޕާ! ޒޭން އެއްވެސް ކަމެއް ނުކުރޭ، ހިތްވަރުގަދަ ބަދުނަސީބު އަންހެން ކުއްޖެއްގެ ހަޔާތުގެ ވާހަކަ ކިޔާލުމުން ދެރަވީ، އެ އަންހެން ކުއްޖާއަށް ވެސް ތިކަހަލަ ބައްޕައެއް ލިބުނުނަމަ ދޯ" ޔާނާ ދެރަވެލާފައި ބުންޏެވެ.

"އެހެންތަ! ދެން އެ އަންހެން ކުއްޖާ ކޮބާތަ މިހާރު؟ އޭރުންތާ އެހީއެއް ވެސް ވެދެވޭނީ" އަޒާން ޔާނާގެ ހިތްހަމަޖައްސާލަން ބުނެލިއެވެ. (ނުނިމޭ)