ކުޅިވަރު

ވޯލްޑްކަޕްގެ ފަހު ޖާގަ ޕެރޫ ހޯދައިފި

Nov 16, 2017

ޕްލޭއޮފްގެ ދެ ވަނަ ލެގްގައި އޯޝޭނިއާގެ އެއް ވަނަ ނިއުޒިލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވޯލްޑްކަޕްގެ އެންމެ ފަހު ޖާގަ ޕެރޫ އިން ހޯދައިފިއެވެ.

ދެކުނު އެމެރިކާ ސަރހައްދުގެ ފަސް ވަނަ ހޯދުމުން ޗިލީ އަށް ފުރުސަތު ލިބުނީ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް ބުރުން ނެވެ. ދެކުނު އެމެރިކާގެ ފަސް ވަނަ އަށް ދާ ޓީމު ޖެހޭނީ އޯޝޭނިއާ ސަރަހައްދުގެ އެއް ވަނަ ޓީމާ ދެކޮޅަށް ކުޅޭށެވެ. ދެ ޓީމު ނިއުޒިލެންޑްގައި ކުޅުނު ފުރަތަމަ ލެގް މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި ޕެރޫގެ ލަނޑުތައް ކާމިޔާބު ކުރީ ޖެފާސަން ފާފަން އާއި ކްރިސްޓިއަން ރާމޯސް އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗުގައި ފުރަތަމަ ލަނޑު ޖެފާސަން ކާމިޔާބު ކުރީ 28 ވަނަ މިނެޓްގައެވެ.

ދެ ވަނަ ހާފު ނިއުޒިލެންޑުން ފެށީ އިނގިރޭސި ޕްރިމިއާ ލީގްގެ ބާންލީއަށް ކުޅެމުންދާ ކްރިސްޓޯފާ ވުޑް ކުޅެން ނެރެގެންނެވެ. ނަމަވެސް އަވޭގޯލް ޖަހައި މެޗު އެއްވަރުކޮށްލުމުގެ ފުރުސަތެއް ނިއުޒިލެންޑަށް ނުލިބުނެވެ. އޭގެ ބަދަލުގައި ޕެރޫއިން ލީޑް ފުޅާ ކުރި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ދެ ވަނަ ލަނޑު ރާމޯސް ކާމިޔާބު ކުރީ 65 ވަނަ މިނެޓް ގައެވެ.

ޕެރޫ އަކީ ވޯލްޑްކަޕްގެ ތާރިހެއް އޮތް ގައުމެކެވެ. އެންމެ ފުރަތަމަ ބޭއްވި ވޯލްޑްކަޕްގައި ވެސް ޕެރޫ ބައިވެރިވި އެވެ. ވޯލްޑްކަޕްގައި އެޓީމު އެންމެ ރަނގަޅު ރެކޯޑެއް އޮތީ މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑްކަޕްގައެވެ. އެ ފަހަރު މުބާރާތުގެ ކްއާޓާ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ. އަންނަ އަހަރުގެ ވޯލްޑްކަޕަށް އެ ޓީމު ކޮލިފައި ވުމުން މިއީ 1982 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން އެ ޓީމަށް ވޯލްޑްކަޕްގެ ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕްގެ ވާދަ ކުރާ 32 ގައުމު މިހާރު ވަނީ ޔަގީން ވެފައެވެ. މިފަހަރުގެ ވޯލްޑްކަޕުން ފުޓްބޮޅައިގެ މަޝްހޫރު ގައުމުތަކަށް ވަނީ ފުރުސަތު ގެއްލިފައެވެ. އޭގެތެރޭގައި މަޝްހޫރު އިޓަލީ ހިމެނެއެވެ. އަދި ގިނަ ތަރިންތަކެއް ހިމެނޭ ޗިލީ އާއި ހޮލެންޑްވެސް ހިމެނެއެވެ.

ވޯލްޑްކަޕްގައި ވާދަ ކުރާނެ ގައުމުތައް

އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ ސައުދީ އަރަބިއްޔާ، އޮސްޓްރޭލިއާ

ދެކުނު އެމެރިކާ: ބްރެޒިލް، އުރުގުއޭ، އާޖެންޓީނާ، ކޮލަމްބިއާ، ޕެރޫ

އުތުރު އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ

އެފްރިކާ: ނައިޖީރިއާ، މިސްރު، ސެނަގާލް، މޮރޮކޯ، ޓިއުނީޝިއާ

ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، ޕޮލެންޑް، ސްޕެއިން، އިންގްލެންޑް، ފްރާންސް، ޕޯޗްގަލް، ސާބިއާ، އައިސްލެންޑް، ކޮރޭޝިއާ، ސްވިޒަލޭންޑް، ސްވިޑެން، ޑެންމާކް، ރަޝިއާ (މުބާރާތް ބައްވާ ގައުމުގެ ހައިސިއްޔަތުން)