ރިޕޯޓް

ހދ. އަތޮޅަށް ކުލަ ނުވާ އުއްމީދެއް!

Nov 16, 2017
2

އެޑިޓަރުގެ ނޯޓް

މި މަޒުމޫނަކީ އުތުރުގެ ހދ. އަތޮޅުގެ އާންމު ފަރާތަކުން ލިޔެ އަވަސް ގައި ޝާއިއުކޮށް ދިނުމަށް އެދި ފޮނުވާފައިވާ މަޒުމޫނެކެވެ. މި މަޒުމޫނު ނޫހުގައި ޝާއިއުކޮށްފައި މިވަނީ ލިޔުނު ފަރާތުގެ އެދުމަށް އޭނާގެ ނަން ނުހިމަނަ އެވެ. މަޒުމޫނު ޝާއިއު ކުރީ އަވަސް އިން ގެންގުޅޭ ހަމައިގެ ތެރެއަށް ގެނައުމުގެ ގޮތުން އެޑިޓް ކުރުމަށްފަހު ބައެއް ކުދި ކުދި ބަދަލުތަކާއެކު ލިޔުނު ފަރާތުން އެގޮތް ގަބޫލު ކުރުމުންނެވެ.
--
ދިވެހި އިގްތިސޯދުގެ ރަންބިސް އަޅާ ކުކުޅު ކަމަށްވާ ފަތުރުވެރި ކަމުގެ މަސައްކަތް 1972 ވަނަ އަހަރު އުފަންވެ މި އަހަރާ ހަމައަށް އުމުރުން 45 ވަނަ އަހަރު ގުނަމުން ދަނީ އެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް 123 ރިސޯޓު ހުޅުވި 28،194 އެނދު އޮަޕަރޭޓް ކުރަމުން އަންނަ ކަމަށް ރަސްމީ ހިސާބުތަކުން ކަށަވަރު ކޮށްދެ އެވެ. ހަގީގަތަކީ ފަތުރުވެރި ކަމަކީ މިއަދު ދިވެހިންނަށް ލިބިފައިވާ އިްގތިސޯދީ އެންމެ ބޮޑު ނިއުމަތް ކަމެވެ. މި މަސައްކަތާ ގުޅިފައި ނުވާ އާއިލާއެއް ރާއްޖޭގައި ވާނެ ކަމާމެދު ސުވާލެއް ނެތެވެ.

ނަމަވެސް ރާއްޖޭގެ ރާއްޖޭގެ 26،000 ރައްޔިތުން ދިރިއުޅުމެން އަންނަ އަދި އެ އަތޮޅެއްގެ ރައްޔިތުންގެ ބޮޑު ޕަސެންޓެއ ފަތުރުވެރި ކަމުގެ ދާއިރާގައި ހިއްސާކުރާ ހދ. އަތޮޅުގައި ރިސޯޓެއް ހުޅުވި، އެކަމުގެ މަންފާ އަތޮޅުގައި ތިބެގެން ލިބޭނެ ދުވަހެއް "އިބިލީހު ކައިވެންޏަށް" ވެފައިވާކަން އެއީ އެންމެންދަންނަ ކަމެކެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރި އެތައް ހާސް އެނދެއް އޮޕަރޭޓް ކުރަމުންދާއިރު ހދ. އަތޮޅުގައި ރިސޯޓެއް ނުހުޅުވި، އެ އަތޮޅުގެ ރައްޔިތުން އާއިލާ އާއި ކައިރި ވަޒީފާ އަދާކޮށްލުމަށް ފުރުސަތު ފަހިކޮށް ދޭނެ ސަރުކާރެއް ވެސް ނުފެނުނެވެ. އެ އަތޮޅުތަކުގައި ރިސޯޓުތައް ހުރުމުން އިޖުތިމާއީ، މާލީ އަދި އުމްރާނީ އެތައް މަންފާއެއް އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިދީފައިވާއިރު، ހދ. އަތޮޅު އަދިވެސް އޮތީ އެކަމަށް އެދި ގޮވާލަ ގޮވާލަ އެވެ.

ހދ. އަތޮޅުގެ ޒުވާނުން މިއަޑު އެބަ އުފުލަ އެވެ. ނިމިދިޔަ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި މިހާރުގެ ކައުންސިލްތަކުން އެކި ސިފަސިފައިގައި އެވާހަކަ ދައްކައި ދައްކަމުން އެބަދެ އެވެ. އަތޮޅު ތަމްސީލު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން މިކަމަށް ވަކާލާތު ކުރައްވާފައި ވެއެވެ. އަތޮޅުގެ ކުދި ބޮޑު އެންމެން އެމީހަކަށް ލިބުނު ފުރުސަތެއްގައި މިކަމަށް އެދި އާދޭސް ކުރަމުން އެބަދެ އެވެ. ނަމަވެސް ނަތީޖާ ސުމެކެވެ.

ހދ. އަތޮޅުގައި ފަތުރުވެރި ކަމަށް ދޫކުރެވިފައިވާ ރަށްތަކާއި، ދޫކުރުމަށް އިއުލާން ކުރި ރަށްތަކުގެ ވާހަކަ އަތޮޅުގެ ދަރިން އެތައް ގޮތަކަށް އެބަ ދައްކަ އެވެ. އަތޮޅުގެ އަޑު ވަކިން ގަދަކޮށް ސޯޝަލް މީޑިއާގައި އެބަ ގުގުމަ އެވެ. އެކަންކަމުގެ ހަނދާން އާކޮށްލަން ޖެހެ އެވެ.

ގޯލްފް ކޯސްއަކާއި، 200 އެނަދާއެކު ތަރައްގީ ކުރުމަށް މެއި 5، 2005 ގައި ދޫކުރެވި، އިމާރާތް ކުރުމުގެ ހުއްދަ ފެބްރުއަރީ 12، 2006 ގައި ދީފައިވާ އަތޮޅުގައި އޮތް އެންމެ ރީތި އެއް ފަޅު ކަމުގައިވާ ހޮނޑާފުށި މިއަހަރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެކި ތާރީޚްތައް މީޑިއާ އަށް ކުރިން ތިލަވި އެވެ. ނަމަވެސް ތާރީޚްތައް ފަސްދީފައި ދިޔައީ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ހަތް މިނިޓުން ސްޕީޑް ލޯންޗުގައި ދެވޭ މިރަށަކީ އެންމެ އަވަހަށް ހުޅުވިދާނެ ކަމަށް އަތޮޅު މީހުން ހުވަފެން ދެކެމުން އަންނަ ރަށެކެވެ. ކުއްޔަށް ދެވުނުއިރު ހުޅުވުމަށް ކަނޑައަޅާފައިވަނީ ޖެނުއަރީ 21، 2011 ގަ އެވެ.

އޭޕްރިލް 16، 2010 ގައި ހުޅުވުމަށް އެގްރިމެންޓްގައިވާ 250 އެނދުގެ ހދ. ކުޑަމުރައިދޫ އަކީ ޖޫން 25، 2006 ގައި ކުއްޔަށް ދެވި އޭޕްރިލް 8، 2007 ގައި އިމާރާތް ކުރުމުގެ ހުއްދަދެވިފައިވާ ރަށެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަށޭނަ ނަތީޖައެއް ނުފެނެ އެވެ.

ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އަށް ސެޕްޓެމްބަރު 17، 2006 ގައި 600 އެނދު ތަރައްގީ ކުރުމަށް ދެވުނު ހދ. ނާގޯށި ނިންމުމަށް އޭޕްރިލް 17، 2010 ގައި އެގްރިމެންްޓް ކުރެވިފައިވިޔަސް އެރަށުގައި ކުރެވުނު އިމާރާތްތައް ވީރާނާވަމުން ދަނީ އެވެ. މިރަށް ތަރައްގީކުރުމަށް ތްރީއޭ އަށް 2008 ވަނަ އަހަރު ދެވުނެވެ.

އޭގެ ފަހުން ކާލެސަން ހޮޓެލްސް ރެޑިސަން ބްރޭންޑްގެ ރިސޯޓެއް ތަރައްގީ ކުުރުމަށް ފަހުން ހަމަޖެއްސި ކަމަށް އިވުނެވެ. އޭގެ އެތަށް ދުވަހެއް ފަހުން ހަތަރެއް ޖެނުއަރީ 2017 ގައި އެމްއައިޓީޑީސީ އިން އެރަށް ތަރައްގީ ކުރުމަށް ވާހަކަ ދެކެވެމުން ދާކަމަށް އެކުންފުނިން އިއުލާނު ކުރެއްވި އެވެ.

އެމްޓީޑީސީ އަކީ ސަރުކާރުން މެދު ފަންތީގެ ޓުއަރިޒަމަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ވުޖޫދުކުރި ކުންފުންނެކެވެ. ނަމަވެސް މިހާތަނަށް އިތުރު ކުރިއެރުމެއް ލިބުނު ކަމަށް ތިލަވެފައެއް ނުވެ އެވެ.

ހދ. ނޮޅިވަރަމްފަރުގައި ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް ވެސް ދެވިފައިވާތާ އަހަރުތަކެއްވީ އެވެ. އަދިވެސް މަސައްކަތް ފެށިފައެއްނުވެ އެވެ. ދެހާސް ސާދަ ވަނަ އަހަރު ދިއްޕަރުފުއްޓާއި ކަނަމަނަ އާއި ކުޑަފަސްގަނޑާއި ވައިކަރަމުރައިދޫ އާއި ހދ. ކޭލަކުނު (އިންޓަގްރޭޑެޑް ޓްއަރިޒަމަށް އަށް) ފަތުރުވެރި ކަމަށް ދޫ ކުރުމަށް ހުޅުވާލައި، ޝައުގުވެރިކަން ހުރި ބަޔަކު ނުލިބިގެން ބާތިލް ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި 2017 ވަނަ އަހަރު ދިއްޕަރުފުށްޓާއި، މުއިރި ވަނީ ކުއްޔަށް ދޫކުރާ ލިސްޓަށް އިތުރުވިކަން އިއުލާން ކުރެވި ޝައުގުވެރިވާ ފަރާތެއް ނުލިބި އެވެ.

ހދ. އަތޮޅުގެ ރައްޔިތުން ކުރިމަގަށް ކުރާ އުންމީދަކީ އަތޮޅުގައި ރިސޯޓެއް އޮންނާނެ ދުވަހަކަށެވެ. އެއީ މިއަދު ހދ. އަތޮޅުގެ ރައްޔިތުންގެ ވިންދެވެ. ހުވަފެނެވެ. އުންމީދެވެ. އެކަމަކު ކުލަނުވެދާ އުއްމީދެވެ.