އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑްކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުމުން ކޯޗް ޖިއަން ޕޭރޯ ވެންޗޫރާ ވަކި ކޮށްފި އެވެ. ވެންޗޫރާ މަގާމުން ވަކި ކުރި ނަމަވެސް އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކާލޯ ޓަވޭކިއޯ އިސްތިއުފާ ދޭން ދެކޮޅު ހަދައިފިއެވެ.
ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދަފާއިވާ އިޓަލީ އަށް ވޯލްޑް ކަޕްގެ ޖާގަ ގެއްލުމުން ވެންޗޫރާ އާއި ޓަވޭކިއޯ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. ސްވިޑެން އަތުން އެގްރިގޭޓް ނަތީޖާއިން ބަލިވުމުން އިޓަލީގެ ސަޕޯޓަރުންނާއި ފުޓްބޯޅައިގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ވެންޗޫރާ އާއި ޓަވޭކިއޯ އިސްތިއުފާ ދޭން ގޮވާލާފަ އެވެ.
އިޓަލީއަށް ކުރިމަތިވި ނާކާމިޔާބަށް ފަހު، އެ ގައުމުގެ ފެޑްރޭޝަނުން ވަނީ ފުޓްބޯޅައިގެ ސްޓޭކް ހޯލްޑަރުންނާއެކު ސަމިޓެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިޓަލީގެ ޕްލޭޔާސް އެސޯސިއޭޝަންގެ ރައީސް ޑަމިއާނޯ ތޮމްމާސީ ވިދާޅުވީ، ޓަވޭކިއޯ އިސްތިއުފާ ދީ އިޓަލީގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ފެޑްރޭޝަންގެ އިންތިހާބުން ފަށަން ސަމިޓްގައި ބައިވެރި ފަރާތްކުން ހުށަހެޅި ކަމަށާއި ނަމަވެސް އިސްތިއުފާ ދިނުމަށް ޓަވޭކިއޯ ދެކޮޅު ހަދާ ކަމަށެވެ.
"ޓަވޭކިއޯ އަހަރެމެން ގާތު ބުނި އިސްތިއުފާ ދިނުމުގެ ވިސްނުމެއް އޭނާ ނުގެން ގުޅެމޭ، ހަގީގަތަކީ އަހަރެމެން ގަބޫލު ކުރާ ގޮތުގައި އިޓަލީގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފަށަށީ އިންތިހާބަކުން."
ބައްދަލުވުމަށްފަހު، ކޯޗް ކަމުން ވެންޗޫރާ ވަކި ކުރިކަން އިއުލާން ކުރުމަށް މިޑިއާ ބައްދަލު ކުރީ ޓަވޭކިއޯ އެވެ. ނޫސް ކޮންފެންސްގައި އޭނާ ބުނީ އިޓަލީއަށް ގެންނާނެ އާ ކޯޗަކާ މެދު ވަރަށް ބޮޑަށް ވިސްނަމުން ދާ ކަމަށާއި މިހާރުވެސް އޭނާ އަތުގައި އޮތް ލިސްޓްގައި މުހިންމު ނަންތަކެއް ހިމެނޭ ކަމަށެވެ.
އިޓަލީގެ މީޑިއާތަކުން ބުނީ އިޓަލީގެ ކޯޗަކަށް ކާލޯ އަންޗެލޯޓީ ގެނައުމަށް ފެޑްރޭޝަނުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި ސީނިއާ ޓީމުގެ ހެޑް ކޯޗް ކަމަށް ޕްރަމޯޓް ކުރާނީ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗް ލުއީޖީ ޑި ބިއާޖޯ އެވެ. ޒުވާން ޓީމުގައި އޭނާ ބޭނުން ކުރާ 4-3-3 ގެ ފޯމޭޝަންއަށް ގިނަ ބަޔަކު ތައުރީފް ކުރެ އެވެ.