ދުނިޔެ

ކޮރަޕްޝަނުގެ ތުހުމަތަށް ފަހު ޗައިނާގައި ސިހުރުގެ ތުހުމަތު

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ވަރަށް އިސް ބޭފުޅުންތަކެއް ކޮރަޕްޝަނުގެ ތުހުމަތަށް ޖަލަށް ލާފައި ވަނިކޮށް، އެގައުމުގެ އޮފިޝަލުންނާ ދެކޮޅަށް އަނެއްކާވެސް އާ ތުހުމަތެއް ފެންމަތިކޮށްފިއެވެ.

ޗައިނާގެ ވަރަށް އިސް ބައެއް ބޭފުޅުންނާ ދެކޮޅަށް މިފަހަރު ތުހުމަތު ކޮށްފައި ވަނީ ސިހުރު ހެދުމާއި ކޮމިއުނިސްޓް ޕާޓީގެ އަގީދާއާ ފުށުއަރާ އަގީދާތައް ގެންގުޅުއްވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ' ޕީޕަލްސް ޑެއިލީ' ނޫހުގައި އެގައުމުގެ ވަރަށް އިސް ވަޒީރަކު ލިއުއްވާފައި ވަނީ ސިހުރު ހެދުމާއި ކޮމިއުނިސްޓް ޕާޓީގެ ވިސްނުމުގެ ބަދަލުގައި ހުޅަނގުގެ ޑިމޮކްރަސީގެ ވިސްނުން ގަބޫލުކުރުން ފަދަ ކަންތައްތައް ބައެއް އޮފިޝަލުން ކުރައްވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ލިއުއްވި އެ ލިއުއްވުމުގައި އޭނާ ވަނީ އެފަދަ ކަންތައްތަކުގެ ސަބަބުން ޕާޓީގެ ދެމިއޮތުމަަށް ނުރައްކާވާނެ ކަމަށް ވިދާޅުވެ އިންޒާރުކުރައްވާފައެވެ.

އިސްލާމްދީނާއި ބުދުދީނާއި ނަޞާރާ ދީނަށް އުޅުމުގެ މިނިވަންކަން ޗައިނާގައި އޮތަސް، ކޮމިއުނިސްޓް ޕާޓީން ގަބޫލުކުރާ ގޮތުގައި އެޕާޓީގެ މެމްބަރުން ވާން ޖެހޭނީ ދީނެއް ގަބޫލު ނުކުރާ، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ ބަޔަކަށެވެ. ނަސީބު ހުރިގޮތް ކިޔައި ދިނުން ފަދަ ހުރާފާތުގެ ކަންތައްތައް ކުރާ މީހުންގެ ގާތަށް އެކަންކަމައިގެން ދިއުމަކީ ވެސް ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް މަނާ ކަމެކެވެ.

"އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އުޅުން ވަނީ ގޯސްވެފައެވެ. އެބޭފުޅުންގެ އަގީދާ ވަނީ ތެދުމަގުން އެއްކިބާވެފައެވެ،" ކޮމިއުނިސްޓް ޕާޓީގެ އިސް ބޭބޭފުޅުންގެ އަމިއްލަފުޅު ނިންމެވުންތަކުގެ ކަންތައްތައް ބަލަހައްޓާ ބާރުގަދަ ޑިޕާޓްމަންޓްގެ ވެރިއަކަށް ދާދި ފަހުން އައްޔަންކޮށްފައިވާ ޗެން ޒީ ލިއުއްވާފައި ވެއެވެ.

އޭނާ ލިއުއްވާފައިވާ ގޮތުގައި ކޮމިއުނިސްޓް ޕާޓީގެ ބައެއް އިސް ބޭފުޅުން މިހާރު މާކްސް އާއި ލެނިން ގެ ވިސްނުން ގަބޫލެއް ނުކުރައްވައެވެ.

" ... އޭގެ ބަަދަލުގައި އެބޭފުޅުން ގަބޫލުކުރައްވަނީ ރޫހުތަކާއި ކަލާންގެތަކެވެ. އެބޭފުޅުން ގަބޫލުކުރައްވަނީ ނަމޫނާއެއް ނޫނެވެ. އެކަމަކު ސިހުރެވެ،" ޗެން ލިއުއްވާފައި ވެއެވެ.

ޕާޓީގެ އިސް މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކިޔަވައިދޭ ސްކޫލުވެސް ހިންގަވާ ޗެން ލިއުއްވާފައިވާ ގޮތުގައި ބައެއް ބޭފުޅުން މިހާރު ސޯޝަލިޒަމްގެ އުސޫލުތަކަށް އިތުބާރެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އެބޭފުޅުން ބައްލަވަނީ ހުޅަނގެ ޑިމޮކްރަސީގެ އުސޫލުތައް ކަމަށްވާ ބާރުތައް ވަކިވެފައި އޮތުމާއި ގިނަ ޕާޓީތައް އޮތުން ފަދަ އުސޫލުތަކަށް ކަމަށް ވެސް ލިއުއްވާފައި ވެއެވެ.

ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް ތުހުމަތު ކުރައްވައި އޭނާ ލިއުއްވާފައިވާ އެ ލިއުމުގައި އެއްވެސް ބޭފުޅެއްގެ ނަމެއް ޗެން ފާހަގަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ކޮރަޮޕްޝަނުގެ ތުހުމަތަށް މަގާމުތަކުން ވަކިކޮށް ޖަލަށް ލާފައިވާ ބައެއް ބޭފުޅުންގެ ނަންތައް ފާހަގަ ކުރައްވާފައި ވެއެވެ.
އޭގެ ތެރޭގައި ކުރީގެ ޑޮމެސްޓިކް ސެކިއުރިޓީ ޗީފް ޒޫ ޔޮންކަން އާއި ޗޮންގިން ގައި ޕާޓީގެ ވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި ސަން ޒެންކާއީ ހިމެނެއެވެ. އެ ދެބޭފުޅުންނާ ބެހޭ ގޮތުން ލިއުއްވާފައި ވަނީ އެއީ ސިޔާސީ ގޮތުން ކުރިއެރުންތައް ހޯއްދަވަން ރޭއްވެވުންތައް ރޭއްވެވި ބޭފުޅުން ކަމަށެވެ.

" ސިޔާސީ މައްސަލަ ތަކަކީ ޕާޓީއަށް ކޮރަޕްޝަނަށް ވުރެ ވަކީން ނުރައްކާ ކުޑަ ކަމެއް ނޫނެވެ،" ޗެން ލިއުއްވާފައި ވެއެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގައި އެގައުުމުގެ ރައީސް ޝީޖިންޕިންއާ ވާދަކުރައްވަން ތިއްބެވި ގިނަ ބޭފުޅުންތަކެއް މިހާރު ވީ ޖަލުގައެވެ. ކޮރަޕްޝަނުގެ ތުހުމަތަށް ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައި ވާއިރު ޝީގެ ދަރަޖަ ޗައިނާގައި މިހާރު ވަނީ އެގައުމުގެ ބާނީ މާއޯ ޒޭޑޮން އާ އެއްވަރުކޮށްފައެވެ.