ދުނިޔެ

ހަރީރީ ފްރާންސަށް ވަަޑައިގަންވަން މެކްރޮން ދައުވަތު ދެއްވައިފި

ލުބުނާނުގެ ބޮޑުވަޒީރުކަމުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވާފައިވާ ސައުދުލް ހަރީރީއާއި އޭނާގެ އާއިލާ ފްރާންސްގައި ދުވަސްކޮޅެއް ހޭދަކޮށްލައްވަން އެގައުމުގެ ރައީސް އިމެނުއަލް މެކްރޮން ދައުވަތު ދެއްވައިފިއެވެ.

ރޮއިޓާސް ބުނީ މެކްްރޮން ގެ ދައުވަތު ގަބޫލުކުރައްވާ ހަރީރީއާއި އާއިލާ ފްރާންސަށް ވަޑައިގަންނަވާނެ ކަމަށް ފްރާންސްގެ ރިޔާސީ އޮފިޝަލަކު އެ އެޖެންސީއަށް ވިދާޅުވި ކަމަށެވެ. ކްލައިމެޓް ކޮންފަރެންސްގަައި ބައިވެރިވަޑައިގެންނެވުމަށް ފަހު ޖަރުމަނުގެ ބޮން ނަމަކަށް ކިޔާ ރަށުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން މެކްރޯން ވިދާޅުވީ ހަރީރީ ފްރާންސަށް ވަޑައިގަަންނަވަން ދައުވަތު ދެއްވީ އަރުއްވައިލެއްވިގެން ހުންނަވާކަށް ނޫން ކަމަށެވެ.

ހަރީރީ ފްރާންސަށް ވަޑައިގަންނަވަން މެކްރޮން ދައުވަތު ދެއްވީ އޭނާގެ އިސްތިއުފާއާ ގުޅިގެން ލުބުނާނާއި ސައުދީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެއްވޭތޯއެވެ. ނަމަވެސް ލުބުނާނު ސަރުކާރުން އިއްޔެ ވަނީ ސައުދީން ހަރީރީ ރަހީނުކޮށްގެން އުޅޭކަމަށް ގަބޫލުކުރާކަން ރަސްމީކޮށް ހާމަކޮށްފައެވެ. އެވާހަކަ ކުރިން ހާމަކޮށްފައި ވަނީ ނަން ހާމަ ނުކުރާ ނުރަސްމީ މަސްދަރުތަކުންނެވެ.

ނަމަވެސް ލުބުނާނުގެ ރައީސް މިޝެލް އަޔޫން އިއްޔެގައި ވިދާޅުވީ ސައުދީން ހަރީރީ ރަހީނުކޮށްގެން އުޅޭ ކަމަށާއި އެއީ ލުބުނާނާ ދެކޮޅަށް ހިންގާ ދެކޮޅުވެރިކަމުގެ އަމަލެއް ކަމަށެވެ.

ލުބުނާނަކީ ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައާ ދެމެދު ފްރާންސްގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އެހެންވެ ލުބުނާނާ ފްރާންސާ ދެމެދު މިހާރުވެސް ގާތް ގުޅުމެއް އޮވެއެވެ. ސައުދުލް ހަރީރީ ވަނީ ކުރިންވެސް ފްރާންސްގައި އެތައް އަހަރެއް ހޭދަކުރައްވާފައެވެ. ފަރަންސޭސިބަހުން ފަރިތަކަކާ އެކު ވާހަކަފުޅު ދައްކަވާ ހަރީރީގެ ގެއެއް ވެސް އެގައުމުގައި ވެއެވެ.