ކުޅިވަރު

ގައުމީ ޓީމަށް ކޯޗް ކޮށްދޭން ވެންގާ ބޭނުންވޭ

Nov 16, 2017

އާސެނަލް ކެރިއާ ނިންމާލުމަށްފަހު ގައުމީ ޓީމަކަށް ކޯޗް ކޮށްދޭން ބޭނުންވާކަން ހާމަކޮށް އާސެނަލްގެ ކޯޗް އާސެންވެންގާ ވާހަކަ ދައްކައިފި އެވެ.

ނަމަވެސް ވެންގާ މިހާރު ބޭނުން ވަނީ އާސެނަލްގައި ދެމި ހުންނާށެވެ. އޭނާ އަކީ ވޭތުވެދިޔަ 21 އަހަރުގައި އާސެނަލްގެ ކޯޗެވެ. އޭނާ ވަނީ މި ސީޒަން ފެށުމުގެ ކުރިން އާސެނަލް އާއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މީގެކުރިން ބައެއް މީޑިއާތަކުން ވަނީ އެކި ގައުމީ ޓީމުތަކާ ގުޅުވައި ވެންގާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ގައުމު ފްރާންސްގެ ކޯޗަކަށް ވެންގާ ޝައުގުވެރިވާ ކަމަށްވެސް މީޑިއާތަކުން ވާހަކަ ދެއްކި އެވެ. އަދި އިންގްލެންޑުން ވެސް އެގައުމުގެ ގައުމީ ޓީމަށް ވެންގާގެ އެހީ ހޯދަން ބޭނުންވާ ކަމަށްވެސް މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ.

"ފަހަރެއްގައި ވެދާނެ ކަމެއް ތީ، ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ގައުމީ ޓީމަކުން ފެނިދާނެ، ނަމަވެސް މިވަގުތު އަހަރެމެން ބޭނުމީ ކޮންމެ ދުވަހެއްގައި ކުލަބު ފުޓްބޯޅައިގައި ހަރަކާތްތެރި ވާން، ސަބަބަކީ ވާދަވެރިކަން އޮތީ ކުލަބު ފުޓްބޯޅައިގައި،" ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ވެންގާ ބުންޏެވެ. "ނަމަވެސް ކުލަބު ފުޓްބޯޅައިގައި އަބަދު އުޅެން އަހަރެންގެ ޖިސްމާނީ ބާރު ބަލިކަށިވާ ދުވަހެއް އަތުވެދާނެ އެހެންވެ އަހަރެން ގައުމީ ޓީމަކާ ހަވާލު ވެދާނަން، އެނގޭނެ ފަދައި އަހަރެންގެ ދިރިއުޅުން ގުޅިފައި ވަނީ ފުޓްބޯޅަ އަށް."

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި ގައުމީ ޓީމެއްގެ ބެންޗުން ފެނިދާނެތޯ ސުވާލު ކުރުމުން ވެންގާ ބުނީ އެއީ ވެދާނެ ކަމެއް ކަމަށެވެ.

ވެންގާގެ ކޯޗިން އެންމެ ފާހަގަ ކުރެވޭ ކެރެކްޓާ އަކީ ޒުވާން ކުޅުންތެރިން އުފައްދައި ފުޓްބޯޅައިގެ އެންމެ ޕީކް ހިސާބަށް ގެންގޮސްދިނުމެވެ.