އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރޭނަމަ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު މިއަދު އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެއް ކެންޑިޑޭޓެއް ނެރުމަށް އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ފޯމިއުލާއަކީ އެއް ކެންޑިޑޭޓެއް ނެރެވޭނެ ފޯމިއުލާއެއް ނޫން ކަމަށެވެ. އެމްޑީޕީއިން ނިންމާފައިވަނީ ޕާޓީތަކުން ގަބޫލުކުރާ ޕްރައިމެރީއަކުން އެއް ކެންޑިޑޭޓެއް ނެރުމަށެވެ.
"މިނިވަން އިންސާފުވެރި ޕްރައިމެރީއެއް އެއްވެސް ޕާޓީއަކަށް މިހާ ހިސާބަށް ބޭއްވިފައެއް ނެތް، ކޮންމެ ޕާޓީއަކުން ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަކާލާތުކުރެއްވި ނަމަވެސް އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް އައުމުން މިނިވަން އިންސާފުވެރި އިންތިހާނުތައް ބޭއްވޭނެ ތަން ފެނިފައެއް ނެތް،" ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ގެއްލިފައިވާ ހާލަތެއްގައި އެއް ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބޭއްވާއިރު އޮޅުވާލުމާއި މަކަުރު ހެދުން ޕްރައިމަރީގައި ވަރަށް ގާތް ކަމަށެވެ. އޭގެ ސަބަބުން މަސްލަހަތު ގެއްލި ބައިބައިވެ އެއް ކެންޑިޑޭޓެއް ނެރުމުގެ ރޫހު ގެއްލިގެން ދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މިއަދުގެ ހާލަތުގަ ހަތަރު ލީޑަރުންގެ ތެރެއިން އެއް ކެންޑިޑޭޓެއް ނެރޭނަމަ އެ ކެންޑިޑޭޓަކަށް ވުމަށް އެންމެ ހައްގުކަން ބޮޑީ ގާސިމް އިބްރާހިމް، އެީ އެމްޑީޕީގެ ކެންޑިޑޭޓަކީ ވެރިކަން ކުރުމުގެ ފުރުސަތު ލިބި އެ ފުރުސަތު އަމިއްލަފުޅަށް ދޫކޮށްލައްވާފައިވާ ބޭފުޅަކަށްވުމާއި އަދާލަތު ޕާޓީއަކީ ޗެރިކަމަށް ކެންޑިޑޭޓެއް ނެރޭ ޕާޓީއަކަށް ނުވުމާއި ރައީސް މައުމޫންއަކީ ވެރިކަން އަލުން ކުރެއްވުމަށް ޝައުގުވެރިކަން ނެތް ބޭފުޅަކަށް ވާތީ،" އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި ނަމަވެސް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުން ގާސިމަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. އުމަރުން 65 އަހަރުގެ މަތީގެ ބޭފުޅަކަށް ރައީސް ކަމަށް ކުރިމަތިލެއްވޭނީ ގާނޫނު އަސާސީ ބަދަލުކުރުމަށްފަހު އެވެ.
އުމަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއި އިދިކޮޅަށް ތާއިދުނުކުރި ނަމަވެސް ސަރުކާރާމެދު ހިތްހަމަނުޖެހި ތިބި ފަރާރްރަކާއި ދައުލަތުގެ ބާރުތަކާމެދު އެއްވެސް ތަފާތު ކުރުމެއް ނެތި މުޅި ގައުމު މަސަލަސް ކުރެވޭނެ ހަމައެކަނި އިއްތިހާދީ ލީޑަރަކީ ގާސިމް ކަމަށެވެ.
އެއް ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނެރުވުމަށް އުމަރު ތާއިދު ކުރައްވާފައިވާއިރު އުމަރު މިހާރު ގެންދަވަނީ ރައީސް ކަމަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި މެނިފެސްޓޯ ނޯޓްތަކެއް ވެސް ވަނީ އާންމުކުރައްވާފަ އެވެ. ސަރުކާރާ ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވައިގެން ހުންނެވި ނަމަވެސް އިދިކޮޅު ފަރާތްތަކާ އުމަރު ގުޅިވަޑައިނުގަންނަވަ އެވެ.