އިދިކޮޅު ފަރާތްތައް

"ވާވައްދަން ނޫޅޭ، ޓިކެޓަކީ ޔާމީންގެ އެއްޗެއް"

އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާ ވިސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވި ވާހަކަތަކަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

އިދިކޮޅުން ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅަށް ކޮޅު ބެދިފައިވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އިދިކޮޅުން ދަތުރުކުރަމުންދަނީ ރާސްތާ އަލި މަގެއް ފެންނަން އޮވެގެން ކަމަށެވެ. އަދި ޕީޕީއެމް / ޕީއެންސީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ހަރާންކޯރު" ވާނެ ހަމަ އެއްވެސް މީހަކު ނުހުންނާނެ ކަމަށާ އެ މެންބަރުން "ވާވައްދަން" މަސައްކަތް ނުުކުރުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ ޕީޕީއެމް އޮތީ ވަންވޭއަކަށް ވަދެ ބެދިފައޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ނޫނެކޭ، އަޅުގަނޑުމެންގެ ދެ ޕާޓީ ދަތުރު ކުރަމުން މިދަނީ އަޅުގަނޑުމެންނަށް ރާސްތާ އަލި މަގެއް ފެންނަން އޮވެގެނޭ، އެ މަގުންނޭ. އަޅުގަނޑުމެންނަށް ވަދެގެން މި އުޅޭ މަގުގެ ކޮޅެއް ނުބެދޭ." އުމަރަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭތޯ ބައެއް ބޭފުޅުން ހަގީގަތެއް ނެތް ކުލަ ހުވަފެންތައް ދެކެމުންދާ ކަމަށެވެ. ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ހައްގެއް ކަމަށާ 2023 ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން ނޫން ބޭފުޅަކަށް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް އެކަންޏެއް ނޫން، އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ 2023 ގައި ރައީސް ޔާމީން މިގައުމުގެ ވެރިކަމަށް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތެއް." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރު ވެސް އެޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށެވެ.

އިދިކޮޅަށް މިއަދު ކުރިއަށް ދެވޭކަށްވެސް އަދި ފަހަތަށް ޖެހެވޭކަށް ވެސް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން." މާބޮޑު ތަފްސީލެއް ނުދެއްވާ އުމަރު ވިދާޅުވެފައިވެއެވެ.