ހަބަރު

ރަށުގައި ތިބެ ޓީޗަރުން ކިޔަވާނެ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

ޓީޗަރުންނަށް ޓީޗަރުންނަށް މަތީތައުލީމާއި ތަމްރީނު ހޯދައިދިނުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ޔުނިސެފާއި ގުޅިގެން އެޑިޔު ދާލާގެ ނަމުގައި އީ ލާނިން ޕްލެޓްފޯމް އަދި އޭޣެ ސްޓްރެޓެޖީ އިފްތިތާހްކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް އިފްތިހާހް ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްލެޓްފޯމް މެދުވެރިކޮށް ތައުލީމީ ނިޒާމަށް ގެންނަ އާ މަންހަޖުތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ކުރު މުއްދަތު އަދި ދިގު މުއްދަތުގެ ކޯސްތައް ހިންގާނެ ކަމަށެވެ.

ރަށްރަށުގައި ހުންނަ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާން ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ކަނޑުދަތުރުފަތުރުކުރަން ޖެހުން ކަމަށާއި އެޑިޔުޑާލާ މެދުވެރިކޮށް ރަށުގައި ތިބެގެން އެ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

"ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ، ސްކޫލް ބޭރުން ދަރިވަރުންނަށް ލިބެން ހުރި ޒަމާޏީ ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާއި އެތަކެތީގެ ބޭނުން ރަނގަޅަށް ހިފަން ދަސްކޮށްދޭން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިޔު ޑާލާ މެދުވެރިކޮށް ޓީޗަރުންނަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭނެ އެވެ. އެ ޕްލެޓްފޯމްގެ އެކްސެސް ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭއިރު ލިބޭނެ އެވެ.

ތައުލީމީ ދާއިރާ ޒަމާނީ ޓެކްނޮލޮޖީ އާ އެކު ޑިޖިޓަލް ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ސްކޫލް ޓިޖިޓަލައިޒޭޝަން މަޝްރޫއަށް ފައިސާ ކަންޑައެޅިއިރު، މި މަޝްރޫއުގެ ދަށުން، ބައެއް ސްކޫލްތަކުގައި ތަޖުރިބާ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ދަނީ ހިންގަމުންނެވެ.