ދިވެހި ސިނަމާ

މުއާ ފިލްމު ކުޅުން ހުއްޓާލީތަ؟

ޔޫސުފް ޝަފީއު، އަލީ ސީޒަން މެން ފަދަ ތަރިން ލީޑު ރޯލުތައް ކުޅުން ހުއްޓާލުމުން ފިލްމީ ދާއިރާގައި ދެން ރަސްކަން ކުރާނެ ފިރިހެން ތަރިއަކީ އަބްދުﷲ މުއާޒް (މުއާ) އޭ ހީވި ދުވަސްވަރެއް ދިޔަ އެވެ. ފިލްމުތަކުންނާއި ގިނަ ލަވަތަކުން މުއާ ފެނިގެން ދިޔަ އެވެ. ނިކަން ބާރު ސްޕީޑެއްގައި މުއާ އަރައިގެން ގޮސް ގެއްލުނީ އެވެ. އެއީ މީގެ ތިން އަހަރު ކުރިންނެވެ.

އޭގެ ފަހުން މުއާގެ ފިލްމެއް ނުފެނެ އެވެ. ދޮގެކެވެ. މިދިޔަ އަހަރު އެޅުވި "ވީބޭވަފާ" ނަމަކަށް ކިޔާ ފިލްމަކުން މުއާ ފެނުނެވެ. އެހެން ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިން ޝޫޓްކޮށްފައިވާ ފިލްމެކެވެ. މި ފަހަކުން މުއާގެ ހިލަމެއް ފިލްމީ ދާއިރާއަކުން ނުވި އެވެ. ތިން އަހަރު ދުވަސްވީއިރު ފިލްމީ ދާއިރާއިން ފެނިނުލާ އެހެން ނަމަވެސް ފިލްމީ ދާއިރާ އާއި ގާތް ވަޒީފާއެއްގައި އޭނާ އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެގޮތުން ދާއިރާއަށް ހިދުމަތް ކުރަމުންނެވެ.

އެހެން ވީމަ މުއާ ފިލްމު ކުޅުން ހުއްޓާލީ ކަމަށް ބަލާފައި ފިލްމު ކުޅުން ހުއްޓާލާފައިވާ ތަރިންގެ ލިސްޓަށް މުއާގެ ނަންވެސް އިތުރުކުރަން ވީ ހެއްޔެވެ؟ އެ ސުވާލު ސީދާ މުއާ އާ ކޮށްލާނަމެވެ.

"ފިލްމު ކުޅުން ހުއްޓާލީކީ ނޫނޭ، އޭރުވެސް ބުނީމޭ މިދަނީ ބްރޭކަކަށޭ، ދަރިފުޅު ލިބުނީމަ ދަރިފުޅާ އެންގޭޖްވެލަން، އަންނަ އަހަރު ފެންނާނެ ވަރަށް ވަރުގަދަ ތަފާތު ރޯލަކުން،" މުއާ ބުންޏެވެ.

އަންނަ އަހަރުގެ މެދު ތެރެއަށް އެ ފިލްމުގެ މަސައްކަތް ނިންމާލާ ސްކްރީނަށް ދޫކޮށްލުމަށް މުއާ ވަނީ އަތުކުރި އޮޅާލައިގެން މަސައްކަތް ފަށާފަ އެވެ. ސްކްރީންޕްލޭގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ އެވެ. އަހަރު ދެބައި ވުމުގެ ކުރިން ފިލްމު އެޅުވުމަކީ މުއާގެ އަމާޒެވެ.

މުއާ ކުޅެފައިވާ ލަވައެއް. --

ފިލްމުގެ މަސައްކަތްތައް ފެށުމުގެ ކުރިން ހަށިގަނޑު ކުރީގައި ހުރި ރީތި ފިޒީކް ގެންނަން މުއާ މިހާރު ޖިމަށްވެސް ދާން ފަށައިފި އެވެ. ފިލްމުން ފެންނާނީ ވަރަށްވެސް ސްމާޓް މުއާ އެކެވެ.

އަންނަ އަހަރު މުއާގެ ކަމްބެކް އޮންނާނެ އެވެ. އެހެން ނަމަވެސް އަހަރަކު ތިން ހަތަރު ފިލްމު ނެރޭކަށް މުއާ ބޭނުމެއް ނޫނެވެ. މުއާ ބުނީ އޭނާ ކުރާނީ އަދި މީގެކުރިންވެސް ކޮށްފައި ހުންނާނީ ތަފާތު ކްރިއޭޓިވް މަސައްކަތްތައް ކަަމަށެވެ. މެލޮޑްރެމެޓިކް ފިލްމުތަކުގައި ލޯބީގައި ޖެހި ދީވާނާވާފަދަ ފިލްމުތަކަށް މާބޮޑު ޝައުގުވެރުކަމެއް ނެތެވެ. އެހެން ނަމަވެސް "ހިތް ރޮއްވާނުލާ"ގައި މުއާ ފެނިގެން ގޮސްފައިވަނީ ލޯބީގައި ނާކާމިޔާބު ވެފައިވާ އަމިއްލަ އެދުން ބޮޑު މީހެއްގެ ރޯލުންނެވެ.

އެއަށްވުރެ ބޮޑަށް މުއާގެ ޝައުގުވެރިކަން ހުރީ ކެމެރާގެ ފުރަގަހުން ޓެކްނިކަލް މަސައްކަތް ތަކަށެވެ. މާ ފަސޭހަ މަސައްކަތަކަށް އެ މަސައްކަތްތައްވެސް ނުވާތީ އެވެ.

އެ ވާހަކަތަކަށްވުރެ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާނީ މީގެ 12 ވަރަކަށް އަހަރު ކުރިން ރާއްޖެ ސިއްސުވާލި މަރުގެ ހާދިސާއެއް ކަމުގައިވާ، އަޒްލީނާ ނަފީސު މަރާލި ހާދިސާ ކޮށާ މަށައިގެން މުއާ ހަދަން އިއުލާނު ކުރި ޑްރާމާ ސިލްސިލާ އަށެވެ. އޭގެ ވާހަކަތައް އިއުލާނު ކުރުމަށްފަހު ފަހުން ހަބަރެއް ދަބަރެއް ނުވެ އެވެ. މުއާ އާ ގުޅުނު ފަހަރު އޭގެ ވާހަކަވެސް އަހާލީމެވެ. މުއާ ބުނާ ގޮތުންނަމަ އަންނަ އަހަރު އެ ފިލްމުވެސް ފެންނާނެ އެވެ. މުއާ މިހާރު ނިންމާފައި އޮތީ ފީޗާ ފިލްމަކަށް ބަދަލުކޮށްލާށެވެ.

"ލީނާ ދޯ، މިހާރު ކާސްޓުން ފައިނަލް ކުރަނީމި، ގައުމީ ފިލްމު އެވޯޑް ނިންމާފައި ޑިސެންބަރުގައި ޝޫޓިން ފަށާނަން، އަންނަ އަަހަރުގެ ކުރީކޮޅު މި ފިލްމު ފެންނާނެ،" މުއާ ބުންޏެވެ.

އެ ފިލްމުގައި އަޒްލީނާގެ ގާތިލްގެ ރޯލަށް މީގެކުރިން މުއާ ވަނީ ތަރިއެއް ކަނޑައަޅާފަ އެވެ. އެއީ އަހްމަދު އަޒްމީލް (އަޒޭ) އެވެ. އެހެން ނަމަވެސް މިހާރު އެ ރޯލަށް އެެހެން ތަރިއަކު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މުއާ ބުންޏެވެ. ނޫނީ ފަހަރުގައި އަޒޭވެސް ފެނިދާނެ އެވެ.

އެ ރޯލުން ފެނިގެންދާނީ އަޒޭ ކަމަށް ބުނުމުން ގިނަ ބަޔަކު އޭރުވެސް ފާޑު ކިއެވެ. އަޒޭއަށް އެންމެ ފުރިހަމައަށް ގާތިލު ޒުހޭރުގެ ރޯލު ދެއްކިދާނެތޯ ސުވާލު އުފެއްދި އެވެ. އޭރުވެސް މިހާރުވެސް މުއާ ބުނަނީ އަޒޭއަށް އެ ކެރެކްޓާ ދެއްކޭނެ ކަމަށެވެ. އެ ހުނަރު އެބަހުރި ކަމަށެވެ.

އެހެން ވީމަ އަންނަ އަހަރު މުއާގެ ވަރުގަދަ ދެ މަސައްކަތް ފެންނާނެ އެވެ. "ލީނާ" ފިލްމުގައި މުއާ ނުފެނުނު ނަމަވެސް އޭގެ ޑައިރެކްޓަރަކީ މުއާ އެވެ. ދެ ފިލްމުވެސް އަހަރު ދެބައިވުމުގެ ކުރިން ސްކްރީނަށް އަންނާނެ އެވެ. ދާއިރާއަށް މުއާވެސް އެނބުރި އަންނާނެ އެވެ.