ހަބަރު

ހިސާބުތަކުން ރައީސް އެހެން ލީޑަރުންގެ ސިކުނޑި ބަރުކޮށްލައިފި

މި ސަރުކާރުން ކޮށްފައިވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ދައްކަވައި، ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ލީޑަރުންނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ބޮޑު ދަރަންޏެއް އޮތްވާ ކަމަށާއި އެކަމާ ކުރިމަތީ ކެރިގެން ކަމަށެވެ. އެ ދަރަނި އަދާކުރަމުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވަމުންދާ ކަމަށެވެ. އެ ތަރައްގީ އިދިކޮޅު ލީޑަރުންނަށް ނުފެންނަ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫންކަން ތަފާސް ހިސާބުން ދައްކަވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އެކި ހިސާބުތައް ކިޔައިދެއްވާފަ އެވެ.

"އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށް ތަރައްގީ ފަހުމް ނުކުރެއްވޭތީ ފެނިވަޑައިނުގަންނަވާތީ ތަފާސް ހިސާބުން އެ ބޭފުޅުންގެ ސިކުނޑިފުޅަށް ބަރުކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމަށް މިރޭ ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ހަތަރު އަހަރު ތެރޭގައި މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ބޮޑެތި ރަށްތައް ހިމަނައިގެން 36 ރަށަކަށް ފުރިހަމަ ނަރުދަމާ ގާއިމުކޮށްދެވިފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓުން އިތުރު ރަށްރަށުގައި އެ މަޝްރޫއުތައް ހިންގަން ބަޖެޓް ވެސް ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަންނަ އަހަރު 3325 ސްކޮލާޝިޕް ފޯރުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެކުރިން 24 ގަޑިއިރު ރަށްރަށަށް ކަރަންޓު ނުލިބޭ ކަމަށާއި މި ސަރުކާރުން ވާނީ ހުރިހާ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދީފަ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރައްޔިތުން އަދިވެސް ތަހުޒީބު ބޭނުންވާ ކަމަށާއި ރަށްރަށުގައި މިހާރު ހުރި ޖަނަރޭޓަރުތައް ކުޑަވެގެން ބޮޑުކޮށްދޭން އެދެމުންދާ ކަމަށެވެ. އެފަދަ އެދުންތައް ސަރުކާރާ ހަމައަށް އަންނަނީ ކަންކަން ކޮށްދޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ކަމެއް ނުކޮށްދޭނަމަ އިތުރަށް ކަންކަމަށް ނޭދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރު ތަފާސް ހިސާބުތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 42 މިސްކިތް މި ސަރުކާރުން ހަދައި ނިންމާފައިވާނެ ކަމަށެވެ. އޭގެ އިތުރަށް 24 ހާފިޒުން ބިނާކޮށްފައިވާނެކަން ފާހަގަކުރެއްވި އެވެ. އިސްލާމީ އިލްމް އުނގައިދޭނެ ޔުނިވާސިޓީއެއް ހުޅުވައި އޭގެން ރައްޔިތުންނަށް ފައިދާވަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން މީގެކުރިން އުއްމީދު ވެސް ނުކުރާވަރުގެ ބޮޑެތި ކުރިއެރުންތައް ހޯދައިދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ރައްޔިތުންނަށް ފަރުދީ ގޮތުން މި ސަރުކާރުން ގެނެސްފައިވާ އެފަދަ ތަރައްގީތަކުގެ ފައިދާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީގެކުރިން ޒުވާނުން ދިޔައީ ބިކަވަމުން ކަމަށެވެ. ޖާގަ ހޯދަމުން ދިޔައީ ޖަލުގެ ތޭރިތަކުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވީ އެކަން ބަދަލުކުރުމަށް ކަމަށާއި ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި 429 ޒުވާނުންނަށް މާފުދީ ޖަލުން މިނިވަން ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ގިނަ ޒުވާނުންތަކެއްގެ ކުށުގެ ރިކޯޑް ސާފުކޮށްފައިވާކަން ވެސް ރައީސް މިރޭ ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން 15،752 މީހެއްގެ ކުށުގެ ރިކޯޑް ސާފުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެފަދަ ރިކޯޑްތައް ހުރުމަކީ ވަޒީފާ ހޯދުމުގައި ދަތިވާ ކަމެއް ކަމަށާއި ރިކޯޑް ސާފުކުރުމުގެ މަގުސަދަކީ އެ ޒުވާނުންނަށް ވަޒީފާ ހޯދުމުގެ ޖާގަ ހޯދައިދިނުން ކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއް ލައްކަ އެތައް ހާސް ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ.

"ތަރައްގީގެ މަޝްރޫތައް ފެނިވަޑައިނުގަންނަވާ ނުވަތަ ތަރައްގީގެ ވަސް ނުދުވާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ތަފާސް ހިސާބު ބައްލަވާށޭ، ހަމަ ގައިމު ވެސް މިހާރު ކުނިގޮނޑުން ދުވި ތަގައްޔަރު ވަހެއް ނުދުވާނެ، އެ ބޭފުޅުންނަށް އެ ވަހެއް މިހާރު އިހުސާސެއް ނުވާނެ، ތަރައްގީގެ ވަސް މިހާރު ހަމަ ގައިމު ވެސް މިހާރު ބަލަން ބޭނުންނަމަ އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަރާމާތުކުރުމުގެ މަޝްރޫއުތަކާ ނުލައި ސީދާ ތަރައްގީއަށް ކުރެވުނު ކެޕިޓަލް މަޝްރޫއުތަކަށް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 20،000 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. އޭގެ ނަތީޖާ 1800 މަޝްރޫއު ނިމިގެން ދިޔުން ކަމަށެވެ. އެއީ ކޮންމެ ރަށަކަށް ބަލާނަމަ ރަށަކަށް ނުވަ މަޝްރޫއު ކަމަށެވެ.

"އަޅުގަނޑު ހަމަ އަހާލަން ބޭނުން ވަނީ އަދިވެސް ތިޔަ ބޭފުޅުން ތިޔަބޭފުޅުންގެ ރައީސް އިމްތިހާނު ކުރައްވާނީތޯއޭ؟ އަދިވެސް އަޅުގަނޑަށް ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރައްވަންތޯއޭ، އަދިވެސް ކުރަން ހުރި މަސައްކަތްތައް މަދު ނުވާ ކަމަށް ހުސް ނުވާ ކަމަށް ގަބޫލުކުރައްވަންތޯއޭ؟ ޝައްކެއް ނެތް ގޮތުގައި އަދިވެސް ކުރަން ކަންކަން އެބަހުރި، އަޅުގަނޑު އިމްތިހާނު ކުރައްވަނީތޯއޭ؟ އަޅުގަނޑު އިމްތިހާނު ކުރައްވާނަމަ ނަތީޖާއަށް އިންތިޒާރު ކުރައްވާ،" ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވި އެވެ.