ހަބަރު

400 އަށްވުރެ ގިނަ ގައިދީން މިނިވަންކޮށްފި

މިދިޔަ ހަފުތާއެއް ތެރޭގައި 400 އަށްވުރެ ގިނަ ގައިދީން މިނިވަން ކޮށްފައިވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރިން ޒުވާނުން ދިޔައީ ބިކަވަމުން ކަމަށެވެ. ޖާގަ ހޯދަމުން ދިޔައީ ޖަލުގެ ތޭރިތަކުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވީ އެކަން ބަދަލުކުރުމަށް ކަމަށާއި ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ. ޖަލުގެ ތޭރިތަކުގައި ތިބި ޒުވާނުން އަލުން މުޖުތަމައުއަށް ނެރުމަށް މިދިޔަ ހަފުތާ ތެރޭގައި ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއަދު އުފަލާއެކު އަޅުގަނޑު ދަންނަވަން ޖެހެނީ މިދިޔަ ހަފުތާއެއްހާ ދުވަހަކު ތެރޭގައި މިދެންނެވި ޒުވާނުންގެ ތެރެއިން ގައިދީންގެ ތެރެއިން 429 ގައިދީން އެ ވަނީ މިންޖުކޮށް، އެމީހުން ވަޒީފާގެ ފުރުސަތު ހޯދުމަށް އެ ވަނީ މިންޖުކޮށްފަ، 429 ގައިދީން އެ ވަނީ ދޫކޮށްލެވިފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ގައިދީންގެ ތެރޭގައި ފަންނުވެރި، އާމްދަނީއެއް ހޯދޭނެ ޒުވާނުން އެބަ ތިބި ކަމަށެވެ. މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަ ކަމަށާއި ޒުވާނުންނަށް ހަމްދަރުދީވެ އަބްރުވެރި ބަޔަކަށް ޒުވާނުން ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް އެކުލަވާލައި އާގަވާއިދެއް މިދިޔަ އަހަރު ވަނީ ގެޒެޓުކޮށްފަ އެވެ. އެ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މި ގަވައިދުގެ ދަށުން ލުއި ދޭނީ ރައީސް އަމިއްލައަށްފުޅަށް އިސް ނަންގަވައިގެންނެވެ.

މީގެއިތުރުން ގިނަ ޒުވާނުންތަކެއްގެ ކުށުގެ ރިކޯޑް ސާފުކޮށްފައިވާކަން ވެސް ރައީސް މިރޭ ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން 15،752 މީހެއްގެ ކުށުގެ ރިކޯޑް ސާފުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެފަދަ ރިކޯޑްތައް ހުރުމަކީ ވަޒީފާ ހޯދުމުގައި ދަތިވާ ކަމެއް ކަމަށާއި ރިކޯޑް ސާފުކުރުމުގެ މަގުސަދަކީ އެ ޒުވާނުންނަށް ވަޒީފާ ހޯދުމުގެ ޖާގަ ހޯދައިދިނުން ކަމަށެވެ.

މިފަހުން ވަނީ ވާޒީފާގެ ބޭނުމަށް ކުށުގެ ރިކޯޑް ދޫކުރާއިރު ބޮޑެތި ކުށްތައް ނުހިމެނޭ މީހުންގެ ރިކޯޑް ސާފުކޮށްދޭން، ގަވައިދު އިސްލާހުކޮށްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން، ވަޒީފާގެ ބޭނުމަށް ރިކޯޑް ސާފުކުރާއިރު އެމީހާގެ ރިކޯޑް އޮތް ކަމަށް ބަލާނީ ބޮޑެތި ކުށުގެ ތުހުމަތުތަކެއްވާނަމަ އެކަންޏެވެ.