ހަބަރު

ރަށްރަށުގެ ފެނުގެ އަގު މާލޭއާ އެއްވަރަށް ހެޔޮ ކުރަނީ

ރަށްރަށުގައި ސަރުކާރުން ދެމުންދާ ފެނުގެ ހިދުމަތުގެ އަގު މާލޭގައި އެ ހިދުމަތް ދެމުންދާ އަގާ އެއްވަރަށް ހެޔޮކުރަން ނިންމައިފި އެވެ. އެކަން އިއުލާން ކުރެއްވީ މިރޭ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނުގެ އަގު ހެޔޮކުރުމަށް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެކަން ހާސިލުވެގެން ދާނެ ކަމަށެވެ.

"މިއަދު ރައްޔިތުން އަޅުގަނޑާ ކުރާ ސުވާލަކީ ބޯ ފެނުގެ އަގު ހެޔޮ ކުރެވިދާނެތޯ؟ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ރަށްރަށުގެ ގެދޮރުގައި ބޯފެން ބޭނުން ކުރާ ހުރިހާ ފަރާތްތަކަކަށް މާލޭއާ އެއް އަގެއްގަ އެ އަގު ހަމަޖެހިގެން ދާނެ، މީގެ ނަތީޖާއަކީ ކޮންމެ ދިހަ ގެއަކުން ނުވަ ގެ ނުވަތަ ޔޫޒަރުންގެ 92 ޕަސެންޓަށް ފެނުގެ އަގު 57 ޕަސެންޓަށް ތިރިވެގެން ދިޔައީ، އަނެއް އަށް ޕަސެންޓް މީހުންނަށް ފެނު އަގު ތިރިވެގެން މިދަނީ ދިހަ ޕަސެންޓާއި 22 ޕަސެންޓާ ދޭތެރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ހަތަރު އަހަރު ތެރޭގައި މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ބޮޑެތި ރަށްތައް ހިމަނައިގެން 36 ރަށަކަށް ފުރިހަމަ ނަރުދަމާ ގާއިމުކޮށްދެވިފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓުން އިތުރު ރަށްރަށުގައި އެ މަޝްރޫއުތައް ހިންގަން ބަޖެޓް ވެސް ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ކަރަންޓްގެ އަގަށް ވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިރޭ ވަނީ ދެއްވާފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް މިރޭ ރައީސް ހާމައެއް ނުކުރެއްވި އެވެ.

މީގެކުރިން 24 ގަޑިއިރު ރަށްރަށަށް ކަރަންޓު ނުލިބޭ ކަމަށާއި މި ސަރުކާރުން ވާނީ ހުރިހާ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދީފަ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރައްޔިތުން އަދިވެސް ތަހުޒީބު ބޭނުންވާ ކަމަށާއި ރަށްރަށުގައި މިހާރު ހުރި ޖަނަރޭޓަރުތައް ކުޑަވެގެން ބޮޑުކޮށްދޭން އެދެމުންދާ ކަމަށެވެ. އެފަދަ އެދުންތައް ސަރުކާރާ ހަމައަށް އަންނަނީ ކަންކަން ކޮށްދޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ކަމެއް ނުކޮށްދޭނަމަ އިތުރަށް ކަންކަމަށް ނޭދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.