ދުނިޔެ

މުގާބޭގެ ޕާޓީ އޭނާއާ ދެކޮޅަށް ނުކުންނަނީ

ޒިމްބާބްވޭގެ ވެރިކަމުން މުގާބޭ އިސްތިއުފާ ދިނުމަށް ގޮވައިލުމަށް ފަހު، އޭނާއާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަަން ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން ތައްޔާރުވެއްޖެއެވެ.

ޒިމްބާވްގޭގެ އެންމެ ބޮޑު ނޫސް އެޖެންސީ، ' ދަ ހެރަލްޑް' އިންް އިއްޔެ ބުނީ ޒާނޫ ޕީއެފް ޕާޓީގެ ޕްރޮވިންޝަލް ގޮފިތަކުން އިއްޔެގަައި ބޭއްވި ބައްދަލުވުމެއް ބޭއްވުމަށް ފަހު މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި ޕާޓީގެ އަންހެނުންގެ ގޮފީގައި ފަސްޓް ލޭޑީ ގްރޭސް ބުގާބޭ ފުރުއްވަމުންް ގެންދަވާ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށް ވެސް ޕާޓީން ވަނީ ގޮވާލާފައެވެ.

މުގާބޭގެ އިސްތިއުފާއަށް ގޮވައިލުމަށް އެއްބަސްވި ބައްދަލުވުމުގައި ޒިމްބާބްވޭގެ 10 ޕްރޮވިންސެއްގައިވާ ޒާނޫޕީއެފްގެ ގޮފިތަކުން މަންދޫބުން ބައިވެރި ވިއެވެ.

އުމުރުފުޅުން 93 އަހަރު ވެފައިވާ މުގާބޭއަށް މިހައިތަނަށް އެންމެ ވަފާތެރިކޮށް ތިއްބެވީ އިނގިރޭސީންގެ އަޅުވެތިކަމުން އެގައުމު މިނިވަންކުރުމުގެ ހަނގުރާމައިގައި މުގާބޭ އަރިހުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުންްނެވެ. ނަމަވެސް އެބޭފުޅުން ވެސް މިހާރު ވަނީ މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވައިލައްވާފައެވެ.

ޒިމްބާބްވޭގެ ސިޔާސީ އޮއިވަރު މިހާ ބޮޑަށް ބަދަލުވީ އެގައުމުގެ ސިފައިން ގައުމުގެ ކޮންޓްރޯލް އަތުލައި، މުގާބޭ ގޭގައި ބަންދުކުރުމުންނެވެ. ޒިމްބާބްވޭ ސިފައިންް ވެރިރަށް ހަރާރޭގައިވާ ސަރުކާރުގެ އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެނައީ މިދިޔަ އަންގާރަދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ އެގައުމުގެ ނައިބު ރައީސް ކަމުން އެމާސަން ނަންގަގްވާ ވަކިކުރުމާ ގުޅިގެން އިންޒާރު ދިނުމަށް ފަހުގައެވެ. ނަންގަގްވާ ވަކިކުރުމުގެ ފިޔަވަޅު މުގާބޭ އެޅުއްވީ އަނބި ކަަނބަލުން ގްރޭސް އެކަމަށް ގޮވައިލެއްވުމުންނެވެ.

ސިފައިން ގައުމުގެ ކޮންޓްރޮލް އަތުލި ފަހުން މުގާބޭ ވަނީ އިއްޔެގައި ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެވެ. އޭނާ ވަނީ ވަނީ ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގެންފައެވެ.

ޒިމްބާބްވޭގައި ސިޔާސީ ހަމަނުޖެހުން އުފެދުނީ އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއަށް ފަހު އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ގެންނަވަން ފިޔަވަޅުތައް އެޅުއްވުމުންނެވެ. އެގޮތުން ނައިބު ރައީސް ނަންގަގްވާ މަގާމުން ދުރުކުރުމަކީ ސިފައިން ރުޅި އައި މައްސަލައެވެ. ނަންގަގްވާ އަކީ ޒިމްބާބްވޭ މިނިވަންވުމުގެ ހަނގުރާމައިގައި ބައިވެރިވެޑައިގެންފައިވާ ބޭފުޅެކެވެ.