ނިއުކްލިއަ ހަތިޔާރު އުފައްދާތީ ދުނިޔޭގެ ގައުމުތަކުން އެކަހެރިކޮށްލާފައިވާ އުތުރުކޮރެއާއާ އޮންްނަ ގުޅުން އިތުރަށް ބަދަހިކުރަން މަސަައްކަތް ކުރާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން ފޮނުވި ހާއްސަ މަންދޫބަކު އުތުރުކޮޮރެއާގެ އިސް ވެެރިއަރަކާ ބައްދަލުކުރެއްވުމަށް ފަހު ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަކީ ދެގައުމުގެ ރައްޔިތުންނަށް އަގުހުރި ގުޅުމެއް ކަމަށެވެ. އުތުރުކޮރެއާއިން ނިއުކްލިއަ ހަތިޔާރު އުފައްދާ މައްސަލައާ ބެހޭ ގޮތުން ބަޔާނުގައި ބަހެއް ބުނެފައެއް ނުވެއެވެ.
ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ބައިނަލް އަގުވާމީ ގުުޅުންތަކާ ބެހޭ ބައިގެ ވެރިޔާ ސޮން ޓާއޯ މިހާރު ވަޑައިގެން އުޅުއްވަނީ އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންޔޮންްގައެެވެ. ޗައިނާގެ ނޫސްތަކުން މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ ސޮންޓާއޯ އުތުރުކޮރެއާއަށް ވަޑައިހގެންނެވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތަކާ ބެހޭ މައުލޫމާތު އުތުރުކޮރެއާ ސަރުކާރާ ހިއްސާކުރުމަށް ކަމަށެވެ. އެކަންތައްތައް ހިއްސާކުރެއްވުމަށް އޭނާ ބައްދަލުކުރެއްވީ އުތުރުކޮރެއާގެ އިސް އޮފިޝަލެއް ކަމަށްވާ ޗޯއީ ރިޔޮން ހާއީ އާއެވެ.
ދެބޭފުޅުން އެއްބަސްވެވަޑައިގެންފައި ވަނީ ދެގައުމާއި ދެ ޕާޓީގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޗައިނާގެ އިސް ބޭފުޅަކު އުތުރުކޮރެއާއަށް ވަޑައިގެންފައި މިވަނީ ނިއުކް ލިއަ ހަތިޔާރު އުފެއްދުމާއި އެހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ބިރު ދެއްކުން ހުއްޓައިލާތޯ އުތުރަށް ފިއްތުންތައް ކުރުމަށް އެމެރިކާއިން ޗައިނާގައި އެދިފައި ވަނިކޮށެވެ. އެމެރިކާގެ ފަރާތުން އެކަމަށް އެދިވަޑައިގެންނެވީ ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީިސް ޑޮނަލްޑް ޖޭ ޓްރަމްޕެވެ.
ޗައިނާގެ އިސް ބޭފުޅަކު އުތުރުކޮރެއާއަށް ވަޑައިގެންފައި މިވަނީ އެ ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވައިވާތާ ދުވަސްކޮޅެއްވީ ފަހުންނެވެ. ޗައިނާގެ އިސް ބޭފުޅަކު އުތުރުކޮރެއާއަށް އެންމެ ފަހުން ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުއެވެ.