ކުޅިވަރު

ގެބްރިއަލް ޖީސަސް ކުޅުމުގެ ސްޓައިލުން އޭނާ ހަނދާން ވަނީ ކެމެރޫންގެ ކުރީގެ ތަރި ސެމިއުލް އެޓޫ މަތިން ކަމަށާއި އަދި ގެބްރިއަލް އަކީ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ފަދަ ކުޅުންތެރިޔެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގެބްރިއަލް20 ދަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން ނެވެ. މި ސީޒަންގައި މިހަތަނަށް ސިޓީ އަށް ނުވަ ގޯލް އޭނާ ޖަހައިދީފި އެވެ. މިރޭ، ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންމެ ބޮޑު މައުލޫއަކަށް އޮތީ ގެބްރިއަލްގެ ވާހަކަ އެވެ.

"އޭނާ [ގެބްރިއަލް ޖީސަސް] ގެ ކުޅުމުން އަހަންނަށް ހަނދާން ވަނީ އެޓޫ މަތިން، އޭނާ [ގެބްރިއަލް] ބޯޅަ ނެތް ވަގުތުގައި އޭނާ އަހަރެމެންނަށް ވަރަށް ބޮޑަށް އެހީވޭ، އެހެން އެއްވެސް ކުޅުންތެރިޔަކު ބޯޅަ ހޯދަން ޕްރެސް ނުކުރާ ވަރަށް އޭނާ ބޯޅަ ހޯދަން ޕްރެސް ކުރޭ." ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "އޭރިއާ ތެރޭގައި ނަމަ އޭނާ އަކީ ގޯލްވެސް ޖަހާ ކުޅުންތެރިޔެއް."

ގާޑިއޯލާ ބުނީ އަދިވެސް ގެބްރިއަލްގެ ކުޅުން މިހާރަށްވުރެވެސް އިތުރު ކުރެވޭނެ ކަމަށާއި އޭނާގެ ކިބައިގައި އެ ފެންވަރު އެބަހުރި ކަމަށެވެ.

"އަހަރެން އަބަދުވެސް ވިސްނަން އޭނާ މާގިނައިން ބޯޅަ ހިފައިގެން ދުވަނީ އޭ، އޭނާ ބޯޅައާ އެކު ދުވުން މަދު ކޮށްފިނަމަ އޭނާ އަކީ ރޮނާލްޑޯ [ނަޒާރިއޯ] ފަދަ ކުޅުންތެރިޔެއް."

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ފަބިއަން ޑެލްފް އަށް ނުކުޅެވޭނެ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ނައިޖީރިއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ހާފްޓައިމްގައި އަނބުރައި ގަނެގެން ވެއްޓުނު ސާޖިއޯ ކުން އަގުއޭރޯ މެޗަށް ފިޓްވެފައިވާ ކަމަށް ގާޑިއޯލާ ބުންޏެވެ. ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ.