ކުޅިވަރު

މިއީ ޓޯރޭޒްގެ އެންމެ ފަހު މެޑްރިޑް ޑާބީއަށް ވެދާނެ

Nov 18, 2017

އެތުލެޓިކޯ މެޑްރިޑް މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ސްޓައިކާ ފެނާންޑޯ ޓޯރޭޒް ކުޅެފިނަމަ އެއީ އޭނާގެ 21 ވަނަ މެޑްރިޑް ޑާބީ އެވެ. ނަމަވެސް މިއީ އޭނާގެ އެންމެ ފަހުގެ މެޑްރިޑް ޑާބީއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެތުލެޓިކޯގައި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޓޯރޭޒްއާ އެކު މިއަހަރުގެ ފަހުން ކުރިއަށް ނުދަން އެތުލެޓިކޯ ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެޓޭކިން ލައިންގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ދުސްވަސްވީ ކުޅުންތެރިޔަކީ ޓޯރޭޒް33 އެވެ. މިދިޔަ އަހަރު، އެތުލެޓިކޯ އިން ވަނީ އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފަ އެވެ. މާނަ އަކީ ޓޯރޭޒްގެ ކޮންޓްރެކްޓްގައި އަދިވެސް ބާކީ އެއް ސީޒަން އެބައޮތެވެ.

ނަމަވެސް ޖަނަވަރީ އެކަކުން ފެށިގެން ޑިއޭގޯ ކޯސްޓާ ވެސް ކުޅެން ނިކުންނާނެތީ ޓޯރޭޒްގެ ދައުރު އިތުރަށް އެތުލެޓިކޯގައި ކުޑަ ވާނެތީ ކުލަބުން ވެސް ބޭނުން ވަނީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ޓޯރޭޒް ދޫކޮށް ލުމަށެވެ. އޭނާ އާ ބެހޭގޮތުން އެންމެ ބޮޑަށް ވާހަކަ ދައްކަނީ ޗެލްސީގައި އޭނާ އަށް ކޯޗް ކޮށްދިން ރަފޭލް ބެނިޓޭޒްގެ މިހާރުގެ ޓީމު ނިއުކާސަލް ޔުނައިޓަޑާ ގުޅުވައެވެ.

ދެހާސް ފަނަރައިގައި އެތުލެޓިކޯއާ ގުޅުނު ފަހުން ޓޯރޭޒް ކުޅެފައި ވަނީ 332 މިނެޓެވެ. އެއީ ދިހަ މެޗެ. ފުރަތަމަ 11ގައި ކުޅެން ނިކުތީ މިސީޒަންގެ ފުރަތަމަ މެޗުގައި ޖިރޯނާ އާ ދެކޮޅަށް އެކަޏެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޓޯރޭޒްގެ އަށް އެންމެ ފުރުސަތެއްވެސް ލިބިފައެއް ނުވެއެވެ. ބަދަލު ކުޅުންތެރިންގެ ލިސްޓްގައި އޭނާގެ ނަން އަންނަނީ އެންމެ ފަހަތަށެވެ.

ދާދި ފަހުން، ޓޯރޭޒް ބުނެފައި ވަނީ އެތުލެޓިކޯގެ ޖޯޒީގައި އޭނާ ކުޅޭ ކޮންމެ މެޗެއްވެސް ކުޅެނީ އެ މެޗަކީ އޭނާގެ ބޯއީ ހުްޑް ކުލަބަށް ކުޅޭ އެންމެ ފަހު މެޗު ކަމަށް ދެކިގެން ކަމަށެވެ.

އެތުލެޓިކޯގެ އާ ސްޓޭޑިއަމް ވަންޑާ މެޓްރަޕޮލިޓާނޯގައި ކުޅޭ ފުރަތަމަ މެޑްރިޑް ޑާބީ އަކީ ޓޯރޭޒްގެ އެންމެ ފަހު މެޑްރިޑް ޑާބީ އަށް ވުން އެކަށީގެން ވެއެވެ. މެޑްރިޑް ޑާބީގައި އޭނާ ވަނީ ރެއާލް ކޮޅަށް ތިން ފަހަރަށް ލަނޑު ޖާހަފަ އެވެ. އޭނާގެ އެންމެ ފުރަތަމަ ލަނޑަކީ 2006/2007 ސީޒަންގެ އެންމެ ފަހު މެޑްރިޑް ޑާބީ އެވެ. އެ ސީޒަނަށް ފަހުން އޭނާ ބަދަލުވީ ލިވަޕޫލް އަށެވެ. އަނެއް ދެ ލަނޑު ޖެހީ އިޓަލީގެ އޭސީ މިލާން އަށް ކުޅުމަށްފަހު އަލުން އެތުލެޓިކޯ އަށް އެނބުރި އައިހެވެ.