ދުނިޔެ

މެކްރޮންއާ ބައްދަލުކުރައްވަން ހަރީރީ ފްރާންސަށް

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައިވާ ސައުދުލް ހަރީރީ ހުންނެވީ ސައުދީގައި ބަންދުކޮށްފައި ކަމަށް ވާހަކަ ފެތުރޭތާ ދުވަސްތަކެއް ފަހުން އޭނާ ފްރާންސްގެ ވެރިރަށް ޕެރިހަަށް ވަޑައިިގެންފިއެވެ.

ހަރީރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ފްރާންސަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް އިމެނުއަލް މެކްރޮން އާ މަޝްވަރާ ކުރެއްވުމަށް ކަަމަށެވެ. މިއަދުގެ ވަގުތެއްގައި ދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހުކުރު ދުވަހު މެކްރޮން ވިދާޅުވީ ހަރީރީއަށް މަރުހަބާ ވިދާޅުވާނީ ލުބުނާނުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ކަމަށާއި މަދު ދުވަސްކޮޅަކަށް ފަހު ހަރީރީ ލުބުނާނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާފައި ހަރީރީ އިސްތިއުފާ ދެއްވުމުން ލުބުނާނުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގައުމުގެ ލީޑަރުން ގަބޫލުކުރައްވަނީ ހަރީރީ އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރުކޮށްގެން ކަަމަށެވެ. އޭނާ ސައުދީގައި ހުންނެވީ ބަންދުކޮށްފައި ކަމަށް ވެސް ލުބުނާނުން ވަނީ ތުހުމަތުކޮށްފައެވެ. އޭނާ ފްރާންސަށް ވަޑައިގެންނެވުމަކީ މަޝްރަަހު ހަމަޖެހުމަަށް މަގުފަހިވާނެ ކަމެކެވެ.

ލުބުނާނަކީ ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައާ ދެމެދު ފްރާންސްގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އެހެންވެ ލުބުނާނާ ފްރާންސާ ދެމެދު މިހާރުވެސް ގާތް ގުޅުމެއް އޮވެއެވެ. ސައުދުލް ހަރީރީ ވަނީ ކުރިންވެސް ފްރާންސްގައި އެތައް އަހަރެއް ހޭދަކުރައްވާފައެވެ. ފަރަންސޭސިބަހުން ފަރިތަކަކާ އެކު ވާހަކަފުޅު ދައްކަވާ ހަރީރީގެ ގެއެއް ވެސް އެގައުމުގައި ވެއެވެ.