ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް އެންއައިސީ އިން ބުނެފި އެވެ.
އެންއައިސީގެ ރައީސް ޔޫސުފް މާނިއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މާނިއު އަވަސްއަށް ވިދާޅުވީ ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެެއް އެންއައިސީގައި އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އެ މައްސަލަތައް ބަލަން ވަރަށް ގިނަ ފަހަރަށް ސިޓީ ފޮނުވައިގެން އަދި ގުޅައިގެންވެސް ވާހަކަ ދައްކައިފިން، އެކަމަކު އަޅުގަނޑުމެން ބޭނުންވާ އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ނުލިބޭ، އެގޮތަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބެންޏާ އަޅުގަނޑުމެންނަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ނަމަވެސް މައްސަލަތައް ނިންމަން މަސައްކަތް ކުރާނަން،" މާނިއު ވިދާޅުވި އެވެ.
މާނިއު އިތުރަށް ވިދާޅުވީ އެންއައިސީގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ފުލުހުންނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ވެސް އަންގައިދީފައިވާނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުދެމިގެންދާތީ އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުން އަންނަ ކަމަށްވެސް މާނިއު ވިދާޅުވި އެވެ.
"ޕަބްލިކަކަށް ނޭނގޭ އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަޅުގަނޑުމެން ކުރާ މަސައްކަތެއް، ޕަބްލިކުގެ ހުރިހާ ފާޑު ކިޔުމެއް ކުރިމަތިވަނީ އަޅުގަނޑުމެންނަށް، އެ މަސައްކަތްތަކަށް ހިންހަމަނުޖެހިގެން ޕަބްލިކުން އެޓޭކްވެސް ކޮށްފި،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ އެންއައިސީގައި ހުރި މައްސަލަތަކަކީ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކަކަށްވާއިރު އެމައްސަލަތަކާ މެދު ގޮތެއް ނުނިމި އެންއައިސީގައި ހިފަހައްޓާފައިވާ ބޭއްވުމަކީ އެތައް ރައްޔިތެއްގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.