ފިނިޕޭޖް

17 އަހަރު ފަހުން މިސް ވޯލްޑްގެ ތާޖު އިންޑިއާއަށް

ސަތާރަ އަހަރު ފަހުން ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ތާޖު ނުވަތަ މިސް ވޯލްޑު އަނެއްކާވެސް އިންޑިއާގެ އަންހެނަކަށް ލިބިއްޖެ އެވެ. މިއީ އިންޑިއާ އެ ލަގަބު ހޯދި ހަ ވަނަ ފަހަރެވެ.

މި އަހަރު އެ ލަގަބު ހޯދާފައިވަނީ އުމުރުން އެންމެ 20 އަހަރުގެ މަނޫޝީ ޗިއްލާ އެވެ. އެންމެ ފަހުން އިންޑިއާއަށް މިސް ވޯލްޑު ލިބިފައިވަނީ 2000 ވަނަ އަހަރެވެ. އެ ފަހަރު އެ ލަގަބު ހޯދާފައިވަނީ މިހާރު ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ.

މިއީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ހޮވި 54 ވަނަ ފަހަރެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނާއަށް މި އަހަރު ހޮވުނު މަނޫޝީ އަންނަނީ މެޑިކަލް ދާއިރާއިން ތައުލީމް ހާސިލް ކުރަމުންނެވެ. މަނޫޝީ ވަނީ މިސް ވޯލްޑްގެ ހެޑް ޓު ހެޑް އަދި ބިއުޓީ ބައިވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ބައެއް ސުވާލުތަކަށް އޭނާ ދިން ޖަވާބުތަކުން ޖަޖުންވެސް ހައިރާން ކޮށްލާފަ އެވެ.

އެގޮތުން އެންމެ ބޮޑު މުސާރައެއް ހައްގުވާ ވަޒީފާއަކީ ކޮބައިތޯ އެހުމުން މަނޫޝީ ވަނީ ޖަޖުން ހައިރާން ކޮށްލާފަ އެވެ. މަނޫޝީ ބުނެފައިވަނީ އެންމެ ބޮޑު މުސާރައެއް ލިބެންޖެހޭ ބަޔަކީ މައިން ކަމަށެވެ.

"އަހަރެންގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ މަންމަ، އެހެންވީމަ އަހަރެން ބުނަނީ މަންމައިންނަށޭ އެންމެ ބޮޑު މުސާރަ ދޭން ޖެހޭނީ، އެއީ ހަމައެކަނި ފައިސާއަކުން ނޫން، ލޯތްބާއި އަޅާލުމާއި އިހްތިރާމް އެމީހުންނަށް ލިބެންޖެހޭ،" މަނޫޝީ ބުންޏެވެ.

މި އަހަރުގެ ވިސް ވޯލްޑު އިންޑިއާ ގެންދިޔަ އިރު ފުރަތަނަ ރަނަރަޕް ގެންގޮސްފައިވަނީ މެކްސިކޯގެ އެންޑްރިއާ އެވެ. އަދި ދެ ވަނަ ރަނަރަޕަކަށް ހޮވިފައިވަނީ އިނގިރޭސިވިލާތުގެ ސްޓެފަނީ ހިލް އެވެ.