ވާދަވެރި ލަންޑަން ކްލަބް ޓޮޓެންހަމް 0-2 ބަލިކޮށް އާސެނަލްއިން އިންގިރޭސި ލީގު ތާވަލުގައި ޓޮޓެންހަމް އާއި ޕޮއިންޓެއް ގާތަށް ޖެހިލައިފި އެވެ. އާސެނަލްއަށް 22 ޕޮއިންޓް ލިބިފައި އޮތްއިރު ޓޮޓެންހަމްއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ އާސެނަލްއިންނެވެ. ނަތީޖާ އަކަށްވީ މެޗުގެ 36 ވަނަ މިނިޓުގައި އާސެނަލްގެ ޖަރުމަން ޑިފެންޑަރު ޝޮކްރާން މުސްތާފީ އޭރިޔާ ތެރެއިން ބޯޅަ ގޯލްގެ ކަނަށް އޮއްސާލުމެވެ.
ލީޑު ނެގިތާ ފަސް މިނިޓު ފަހުން އާސެނަލްއިން ދެވަނަ ލަނޑު ޖެހިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިލަނޑު ޖެހުމަށް ސަންޗޭޒްއަށް ފުރުސަތު ތަނަވަސްކޮށްދިނީ ލަކަޒެޓް އެވެ.
މިމޮޅަކީ އާސެނަލްއަށް 2014 ވަނަ އަހަރުގެ ފަހުން ޓޮޓެންހަމް އަތުން ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. އާސެނަލްއިން ދެއްކި މޮޅު ކުޅުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ މިޑްފިލްޑަރު މެސަޓް އޮޒިލްއެވެ. ފަހަކަށް އައިސް އޭނާ ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު ފާޑު ކިޔަމުން އައިސްފައިވަނިކޮށް އޮޒިލް މިވަނީ އެފާޑުކިޔުންތަކަށް ފުރިހަމަ ޖަވާބެއް ދީފަ އެވެ.
ޓޮޓެންހަމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ހެރީ ކޭން އަނިޔާއިން ފުރިހަމައަށް ފިޓް ނުވެ ކުޅުނު މެޗުގައި އޭނާއަށް މާރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ކޭން އެކޭ އެއްފަދައިން މެޗުގައި ޓޮޓެންހަމްގެ ޑެލީ އަލީއަށްވެސް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު މޮރީސިއޯ ޕޮޗެޓީނޯ ވަނީ މެޗުގެ ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔާފައެވެ. މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އެކުޅުންތެރިންގެ ކުޅުމަށް މަރުހަބާ ކިޔާކަމައްވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
އާސެނަލްގެ ކޯޗު ވެންގާ ވަނީ އެނާގެ ޓީމުގެ ކުޅުމާއި ކުޅުންތެރިން މޮޅުވާން ކުރި ހިތްވަރަށް ތައުރީފްކޮށްފައެވެ. އަދި އޮޒިލްގެ މޮޅު ކުޅުމުގެ ވާހަކަވެސް ވެންގާ ވަނި މެޗަށް ފަހު ޕްރެސް ކޮންފަރެންސްގައި ފާހަގަކޮށްފަ އެވެ.