ކުޅިވަރު

ޔުނައިޓެޑުން އަނެއްކާވެސް ތަފާތު ދައްކާލައިފި

Nov 19, 2017

އިންގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި 1-4 ނިއުކާސަލް ޔުނައިޓެޑު ބަލިކޮށް ޔުނައިޓެޑު އަނެއްކާވެސް އެޓީމުގެ ތަފާތު ދައްކާލައިފި އެވެ.

މިމޮޅާއެކު ޔުނައިޓެޑަށް 12 މެޗުން ލިބުނު 26 ޕޮއިންޓާއެކު އޮތީ ތާވަލްގެ ދެވަނަ މަގާމުގައެވެ. އެއްވަނައިގައި އޮތް ސިޓީ އާއި ޔުނައިޓެޑާއި ސިޓީ އާއި ދެމެދު އައް ޕޮއިންޓްގެ ތަފާތު އެބައޮތެވެ.

އަނިޔާއިން އެނބުރި އައިސް އަލުން ސްކޮޑާ ގުޅުނު ޕޯލް ޕޮގްބާ ފުރަތަމަ އެގާރައިން މެޗު ފެށިއިރު ކަކުލުގެ އޮޕަރޭޝަން ކުރިތާ ހަތް މަސްދުވަސް ފަހުން ޒްލަޓާން އިބްރަހިމްއޮވިޗް ވަނީ އަލުން ކުޅެފައެވެ. އިބްރަހިމްއޮވިޗް މެޗުގެ ފަހުކޮޅު ކުޅެން ނިކުތްއިރު ޕޮގްބާ ވަނީ ދެވަނަ ހާފްގައި އޭނާ ބަދަލުކުރުމާ ހިސާބަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ޔުނައިޓެޑުން މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ގޯލް ޖެހީ ނިއުކާސަލް އިންނެވެ. މިލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ކާމިޔާބުކުރީ ޑިނައިޓް ގެއިލް އެވެ. ނިއުކާސަލްގެ އަރިމަތިން ފަހަތަށް ކުޅޭ ޑެއަންދްރޭ ޔެޑްލިން ތިރިތިރިން ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ގެއިލް ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަނީ ގޯލުގެ ދުރު ދަނޑީގެ ތިރީގައި ޖެހިފަ އެވެ.

ކައުންޓާ އެޓޭކުގައި ނިއުކާސަލް އިތުރު ގޯލްތަކެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިޔާލް އެވެ. އަރިމަތިން ޕޮގްބާ ނަގައިދިން ހުރަހެއް މާޝިޔާލް ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން މެޗުގެ ލީޑު ނެގިއެވެ. އޭރިޔާ ބޭރުން އެޝްލީ ޔަންގް ނަގައިދިން ހުރަހެއް ވެއްޓުނީ ނިއުކާސަލް ގޯލުގެ ފަހަތު ދަނޑި ކާރިއަށެވެ. ފާޕޯސްޓްއަށް ދުވެފައި ވަން ޑިފެންޑަރު ސްމޯލިން ވަނީ ބޯޅަ ގޯލްގެ ތެރެއަށް ބޮލުން ޖައްސާލައިގެން މެޗުގެ ނަތީޖާ 1-2 ބަދަލުކޮށްލާފަ އެވެ.

ދެވަނަ ހާފްގެ 54 ވަނަ މިނިޓުގައި ޕޮގްބާ ޔުނައިޓެޑުގެ ލީޑު އިތުރަށް ފުޅާ ކުރިއެވެ. އޭރިޔާ ތެރެއަށް ޔުނައިޓެޑުގެ ކުޅުންތެރިޔަކު ނަގައިދިން ހުރަހެއް މާކަސް ރަޝްފޯޑް ބޮލުން ގޯލް ކުރިމަތީ ހުރި ޕޮގްބާއަށް ހުސްކޮށްލިއެވެ. ޕޮގްބާ ވަނީ ފަސޭހަކަމާއެކު ގޯލްގެ ތެރެއަށް މަޑުމަޑުން ބޯޅަ ފޮނުވާލާފަ އެވެ.

މެޗުގެ ނަތީޖާ 1-4 ބަދަލުކޮށްލީ ފޯވާޑް ރޯމިއޯ ލުކާކޫ އެވެ. ހުއާން މާޓާއާއި އެކު ޕާސް ބަދަލުކޮށްލުމަށްފަހު ނިއުކާސަލްގެ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ލުކާކޫ ފޮނުވާލީ ގޯލްގެ މެދަށެވެ.