(16 ނޮވެމްބަރ 2017 އާ ގުޅޭ) -- "އެހެންތަ! ދެން އެ އަންހެން ކުއްޖާ ކޮބާތަ މިހާރު؟ އޭރުންތާ އެހީއެއް ވެސް ވެދެވޭނީ" އަޒާން ޔާނާގެ ހިތްހަމަޖައްސާލަން ބުނެލިއެވެ.
"އެ އަންހެން ކުއްޖާވީ އެނބުރިއައުމެއްނުވާ ތަނެއްގައި، އަހަރުމެންނަށް އޮތީ ހަމައެކަނި ހެޔޮދުއާ ކުރުން" ޔާނާ ފެންކަޅިވެފައިވާ ދެލޮލުން އަޒާނަށް ބަލާލިއެވެ.
"ދަރިފުޅު ކޮން ވާހަކައެއް ކިޔާފަތަ ތިހާ ދެރަވެގެން ތިއުޅެނީ" ޔާނާއަށް ކޮއްފައިވާ އަސަރު އަޒާނަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ. ޔާނާއަކީ ފޮތްކިޔާ ކުއްޖެކެވެ. އެކަމަކު މި ނޫނީ އޭނާ ދުވަހަކު ވެސް ފޮތަކުން މީހެއްގެ ހަޔާތާ ބެހޭ ވާހަކަތަކެއް ކިޔާފައި ދެރަވެގެން އުޅެނިކޮށް އަޒާން ނުދެކެއެވެ. ދަރިފުޅުގެ ކޮނޑުގައި ފިރުމާލަމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް އަޒާން މަސައްކަތްކުރިއެވެ. ޔާނާ ގާތު ދުނިޔޭގައި އުޅޭއިރު އެކިމީހުންނާ ކުރިމަތިވާނީ އެކިވަރުގެ އިމްތީހާނުތަކާކަން އަޒާން ބުނެދިނެވެ. ކޮންމެ މީހަކީ ވެސް އެ ކަންތައްތަކަށް ކެތްކުރަންޖެހޭނެ ބައެއްކަމުގައި ބުންޏެވެ.
މިދުނިޔެއަކީ ވަގުތީ ގޮވެއްޗަކަށްވާއިރު އިންސާނުންނަށް އޮތީ ދިމާވާ ހިތްދަތި ކަންތައްތަކަށް ކެތްތެރިވުމެވެ. ފާއިތުވާ ދުވަހަކީ އަނބުރާ ލިބޭނެ ދުވަހެއް ވެސް ނޫނެވެ. އަޒާން އޭނާގެ ދަރިފުޅަށް ނަޞޭޙަތްތެރިވިއެވެ. ހެޔޮ ގޮތް ވިސްނައިދިނެވެ. ޔާނާ ވެސް ދެ ލޯ ފުހެލަމުން އަޒާން ދެއްކި ވާހަކަތައް ޤަބޫލުކުރިއެވެ. ޔާނާގެ ކޮޓަރިން އަޒާން ނުކުންނަން ދަމުން އަނެއްކާ ވެސް ޔާނާއާ ދިމާއަށް އެނބުރިލީ ކަމެއް ހަނދާންވި ހެންނެވެ.
"ޔާނާ!... ބައްޕަ ކިޔާލަން ތިބުނާ ވާހަކަ ފޮތް ދޭންވީނު" އަޒާން ހިނިތުން ވެލަމުން ބުނެލިއެވެ.
"އަދި އެއްކޮށް ކިޔާ ނުނިމޭ... އެ ކުއްޖާ ދިނީ ހަމައެކަނި އަޅުގަނޑު ކިޔާލަން" ޔާނާއަށް ހަޤީޤަތް ހާމަކުރާން ނުކެރުނީއެވެ.
އަޒާން އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލާފައި އޭނާ ނުކުތެވެ. އެއާއެކު ކޮޓަރީގެ އަލި ފަނޑުކޮށްލާފައި ޔާނާ ވެސް އެނދަށް އަރާ އޮށޯތީ ނިދަންވެގެންނެވެ. ދެން ވެސް އެ ދެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އެހެންވެ އަރިމަތީ ހުރި ކުޑަ މޭޒުގެ މަތީ ބޭއްވި މޯބައިލް ނެގިއެވެ. ދެ ޚިޔާލެއްގައި ވިސްނަން އޮތް މީހަކުހެން ފޯނަށް ބަލަން އޮވެފައި ޒޭނަށް ގުޅަން ނިންމިއެވެ. ޒޭންގެ ގާތުގައި އިނދެފައި ކުއްލިއަކަށް ގެއަށް އަންނަން ނިންމި ނިންމުމާ މެދު ޒޭން ހީކުރާނޭ އެއްޗަކާ ދޭތެރޭ ޔާނާއަށް ވިސްނެނީއެވެ. ޔާނާގެ ޢަމަލުތައް ބެހެއްޓުނު ގޮތުން އޭނާ އައީ ހިތްހަމަނުޖެހިފައި ހެން ޒޭނަށް ހީވާނޭކަން ޔާނާ ޤަބޫލުކުރެއެވެ.
ޒޭންގެ ނަންބަރަށް ޑައިލުކޮށްލުމާއެކު ފުރަތަމަ ރިންގުން އޭނާ ފޯނުނަގައިފިއެވެ. މަޑުމަޑުން ޔާނާއަށް ޒޭން ގޮވާލި އަޑު އިވުނެވެ. އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރީން ޔާނާ "ސޮރީ"އޭ ބުންޏެވެ.
"އިޓްސް އޯކޭ" ޒޭންގެ އަޑު އައީ ކުރެހިފައިވާ ހެންނެވެ. އެއާއެކު އެ ބަދަލު ޔާނާއަށް ވަގުތުން ފާހަގަވިއެވެ.
"ޒޭން! ޔޫ އޯލްރައިޓް... އައި އޭމް ރިއަލީ ސޮރީ، އަނެއްކާ ނިދާފަ އޮއްވަތަ މި ގުޅުނީ" ޔާނާ އަހާލިއެވެ. ޒޭން ފުންނޭވާއެއް ލީ އަޑު ޔާނާއަށް އިވިގެންދިޔައެވެ. ހިނދުކޮޅެއްގެ ހިމޭންކަން ދެމެދަށް ވެރިވިއެވެ.
"ޔާން! އަހަރެން ޤަބޫލުކުރަން ޔާން ދެއްކި ވާހަކަތައް، އަހަންނަށް ހީކުރެވުނީ ރަނގަޅަކަށް ނޫން، އައި ވޯޒް ރޯންގް...ސޯ ރޯންގ... ޑައިރީގަ ލިޔެފައި އެވަނީ ތެދު ވާހަކަތަކެއް ޔާން، އެކަން އަހަންނަށް ޔަގީންވެ ކަށަވަރުވެއްޖެ، އަހަރެންގެ ބައްޕައާ މެދު ކިހާ ފަޚުރުވެރި ވީން، އެކަމަކު މިއަދު ވަރަށް ދެރަވެއްޖެ... ޑައިރީގައި އޮތް ހާދިސާއަކީ ހަޤީޤަތުގައި ހިނގި ކަމެއް. ބައްޕަގެ އިތުރުން އެ ހާދިސާ ލޮލުން ދުށް މީހާ އަދިވެސް ދުނިޔޭގައި އެބަހުރި. ޔާން! އަހަރެންގެ ބައްޕައަކީ އެހާ ގޯސް މީހެއްނޫންކަން އަހަންނަށް އިނގޭ، އަހަރެން ކުޑައިރު ވެސް ދުވަހަކުވެސް ނުދެކެން ބައްޕަ ދޮންމަންމައަށް އަނިޔާއެއްކުރާތަނެއް... ފާޅުގައި ގޭތެރޭގައި އެ ދެ މީހުން ޒުވާބު ކުރާތަނެއް ވެސް... އެކަމަކު ބައްޕަ އަހަރެން ރާއްޖޭން ބޭރަށް ފޮނުވާލުމުގެ ބޭނުމަކީ އެއީ ކަމަށް ވެސް ވެދާނޭ ހިތަށް އަރާ... ރާއްޖޭން ބޭރުގައި އުޅެ ބޮޑުވިއިރު ގޭތެރޭގައި ހިނގާކަންކަން އަހަންނަށް އެނގޭނީ ކިހިނެއް؟ ބައްޕަ އަހަރެންގެ ގާތަށް އަންނައިރު ހުންނަނީ އުފަލުން... ދޮންމަންމައާ ދެކޮޅަށް އަހަރެން ވާހަކަދައްކައިފިނަމަ އެކަމާ ނުރުހުންވޭ. އެ އަންހެންމީހާއާ ނަމުން ގޮވިޔަސް ދޮންމަންމައޭ ނުކިޔާށޭ ބުނޭ. ޔާން! އައި އޭމް ރިއަލީ ކޮންފިއުޒްޑް... ބައްޕަ... އަހަރެންގެ ބައްޕަ" ޒޭންގެ އަރުބެދުނީއެވެ. އޭނާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ޔާނާއަށް ވެސް ޒޭންގެ ހާލު އެނގި އެ ހިތަށް ފުންއަސަރެއް ކުރިއެވެ.
"ޒޭން! އެ ހުރިހާ ކަމެއް ހިނގާފައި އެވަނީ މާޒީގައި... އެކަންކަން އަލުން ބަދަލެއް ނުކުރެވޭނެ. ކޮންމެގޮތެއްވިޔަސް އެއީ ޒޭންގެ ބައްޕަ... ހީ ލަވްސް ޔޫ އަ ލޮޓް. ލައިފްގައި މިސްޓޭކެއް ހެދިދާނެ. އެކަން ޒޭންގެ ގާތުގައި ނުބުނީ އޭގެ ފަހަތުގައި ރަނގަޅު ރީޒަންއެއް އޮވެގެންނޭ ޤަބޫލުކުރޭ. ވީ ކާންޓް ޗޭން ދި ޕާސްޓް. ދެން ތިހާ ވަރަށް ނުވިސްނާ... ޒޭން ޕްލީޒް! ނުރޮއްޗޭ... އެހެންނޫނީ އަހަންނަށް ވެސް ރޮވިދާނެ. އަހަރެންގެ ހިތް ބުނަނީ ޒޭނަށް ހަޤީޤަތް ކިޔައިދޭން ޒޭންގެ ބައްޕަ ބޭނުންވޭހެން. މިންނުގެ ޑައިރީ ޒޭނަށް ފެނުނީ އެހެންވެ... ޒޭނަށް ފެންނަ ހިސާބުގައި ބާއްވާފައި އޮތީ ވެސް އެހެންވެ. ޔޫ ޝުޑް ކީޕް ރީޑީންގ އިޓް... ޓު ދި އެންޑް" ޔާނާ ޒޭންގެ ހިތްހަމަޖައްސާލަދެވޭތޯ މަސައްކަތްކުރިއެވެ.
"މާދަން ޔާންގެ ޑިއުޓީ އިނީ އާފުޓަނުންގަތަ؟" ޒޭން ހަމަޖެހިލަން މަސައްކަތް ކުރަމުން އަހާލިއެވެ.
"އާން! ކިހިނެއްވީ؟" ޔާނާއަށް އަހާލެވުނެވެ.
"އަހަރެން ބޭނުން އެޑައިރީ އެއްކޮށް ކިޔާ ނިންމާލަން، މިހިސާބަށް ވެސް މިއައީ ޔާނާ އާއެކު، ޑައިރީ ކިޔާ ނިންމާލަން ވެސް ބޭނުންވަނީ ޔާނާ ހުރެގެން، އަހަރެން ބޭނުން ދޮންމަންމަގެ ބަނޑުގައިވި ދަރިފުޅަށް ވީގޮތެއް ބަލަން، ޔާން އަންނާނަންތަ؟ އަހަރެން ހަވީރު ޑިއުޓީ ނިންމާފަ ބައްޕަގާތަށް ދާނަން" ޒޭން ކެތްތެރިކަން ކުޑަ ރާގެއްގައި ބުންޏެވެ.
"އޯކޭ... އައި ވިލް ބީ ދެއާ... މިންނުގެ ޑައިރީ ނިމޭންދެން ޒޭންއާއެކު ޑައިރީ ކިޔުމުގައި ބައިވެރިވާނަން. ދެން ނިދާލެވޭތޯ ބަލާ، ތިކަމާ އެހާބޮޑަށް ނުވިސްނާ" ޔާނާ އަދިވެސް ޒޭންއާ ދޭތެރޭ ކަންބޮޑުވެއެވެ. އެ ހިތުގެ އުދާސްތަށް ޔާނާއަށް އިހްސާސްވާކަހަލައެވެ. މިންނުގެ ޑައިރީގެ ސަބަބުން ޔާނާއަށް އެހާ ބޮޑު އަސަރެއް ކުރިއިރު އެ ޑައިރީގައި ވަނީ ޒޭންގެ ބައްޕަގެ މާޒީއެވެ. އެއީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ވީއިރު ޒޭނަށް ކިހާ އަސަރެއް ކުރާނޭކަން ޔާނާއަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ.
"ޔާން! އައި ލަވް ޔޫ... އެކަން ޤަބޫލު ކުރައްޗޭ، އަހަންނަކީ އަހަރެންގެ ބައްޕައެއްނޫން. އައި ވޯންޓް ޑޫ ސަމްތިންގ ދެޓް ހޮރިބަލް ޓު ޔޫ... އައި ރިއަލީ ލަވް ޔޫ" ޒޭން ލަސްލަހުން ބުނެލިއެވެ.
"ޒޭން! އަހަންނަށް އެނގެއޭ އެފަދަ ކަމެއް ޒޭން ނުކުރާނެކަން، އައި ބިލީވް ޔޫ، އެންޑް އައި ޓްރަސްޓު ޔޫ... ގުޑް ނައިޓު... އައި ލަވްޔޫ ޓޫ" ޔާނާ ބުނެލިއެވެ. ފޯނު ކަނޑާލީ ޔާނާއެވެ. ނިދަން އޮތްއިރު އޭނާއަށް ޒޭނާ ދޭތެރޭ ވިސްނެއެވެ. ޒޭންގެ ވާހަކަ ހުރި ގޮތުން ހީވީ އޭނާގެ ބައްޕަ ކުރިކަމެއްގެ ސަބަބުން ޒޭންގެ އަމިއްލަ ނަފްސަށް ވެސް އޮތް އިތުބާރު ގެއްލިފައި ވާހެނެވެ. ޚާއްޞަކޮށް ޔާނާ އޭނާއާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނޭ ޒޭން ހީކުރަނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ޒޭން ހީކުރި ނަމަވެސް އޭނާއަށް ހަޤީޤަތް އެ ވަނީ އެނގިފައެވެ. ޤަބޫލުކުރާން ބޭނުންނުވިޔަސް މިއަދު މިވަނީ އެކަން ޤަބޫލުކުރާން މަޖުބޫރުވެފައެވެ. މާޒީގެ އެ ސިއްރަކީ އޮޅުވާނުލެވޭނޭވަރުގެ ތެދު ހަޤީޤަތަކަށް ވީމައެވެ.
* * * *
ހެނދުނު ޑިއުޓީއަށް ދާންވިއިރު ރޭގެ ނިދި ޒޭނަށް ރަނގަޅަށް ނުލިބުނެވެ. އެކަމުގެ ސަބަބުން ކަޅު ކޮފީގެ އެހީ އޭނާ ހޯދިއެވެ. ޑިއުޓީ ނިމެންވިއިރު ހަތަށި ހަތްތަށިވަރަކަށް ކޮފީ ޒޭން ބޮއެ ހުސްކުރިއެވެ. ޑިއުޓީ ނިމުމާއެކު އަވަހަށް ގެއަށްދިޔައެވެ. ޔާނާ ޑިއުޓީއަށް އަންނަންވާއިރަށް އައުމަށެވެ. ނަމަވެސް ގެއަށް ގޮސް ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީ ނިދުމުގައި ގަސްދުގައި ނޫނަސް ޒޭން އެނދުގައި ޖެހޭއިރަށް ނިދިއްޖެއެވެ. އޭނައަށް ހޭލެވުނީ އިރުއޮއްސެނިކޮށެވެ. ތެދުވެ އެންމެ ފުރަތަމަވެސް ގުޅީ ޔާނާއަށެވެ. އަވަހަށް ވީގޮތް ކިޔާދިނެވެ.
ހޮސްޕިޓަލަށް ޒޭން އައިއިރު އޭނާ ފެންނަނީ ނިކަން ހަމަޖެހިފައި ހުރި މީހަކު ފަދައިންނެވެ. މީހާ ފެންނަނީ ތަޒާ ކޮށެވެ. މަޑުކުލައެއްގެ ޓީޝާޓަކާއި އަޅިކުލައިގެ ސޯޓެއްގައި ހިނިތުންވެލައިގެން ހުރެ އަންނަ ޒޭން، ކައުންޓަރު ދޮށުގައި ހުރި ޔާނާއަށް ފެނުނެވެ. އެ ރީތި ޒުވާނާ ފެނުމާއެކު ޔާނަގެ ހިތުގައި ލޯބީގެ ވިންދު ޖަހާލިއެވެ. ރެއަށްވުރެ ޒޭން ހަމަޖެހިފަ ހުރިހެން ހީވުމާއެކު ޔާނާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ޒޭންގެ މިސްރާބު ހުރީ ހައިކަލް ބާއްވައިފައި އޮންނަ ކޮޓަރިއާ ދިމާއަށެވެ. ކައުންޓަރު ކައިރީ ޔާނާގެ އިތުރުން ދެތިން ނަރުސްކުދީން ތިއްބެވެ. ކައުންޓަރ ހުރަސްކޮށް ޔާނާއާ ވާހަކަދެއްކުމެއްނެތި ޒޭން ދިޔަ ސަބަބެއްކަމުގައި އެކަންވިއެވެ. އެހެންނަމަވެސް ނޭނގޭކަމަށް ހަދާ ޒޭން ދަމުން ދިޔައީ ކައުންޓަރުގެ ބޭރުގައި ހުއްޓިލައިގެން ހުރި ޔާނާގެ އަތުގައި އޭނާގެ އަތް ބީހިލާހާ ގާތުންނެވެ. ޔާނާއަށް އެއީ ޒޭން ގަސްދުގައި ކުރިކަމެއްކަން އެނގުނެވެ. އެ ރީތި ދެތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު ޒޭނަށް ނުބަލަން ނަޒަރު އެހެން ދިމާއަކަށް ހުއްޓާލިއެވެ.
ހައިކަލް ބާއްވާފައި އޮތް ކޮޓަރިއަށް ޒޭން ވަނުމަށްފަހު އެތަނުގައި އިން ޖަމީލު ގެއަށް ފޮނުވާލިއެވެ. ޖަމީލު ނުކުމެގެން ދިއުމާއެކު ހައިކަލްގެ ގާތުގައި ޒޭން އައިސް ހުއްޓުނެވެ. ބައްޕާއޭ ކިޔާ ގޮވާލަން ޒޭން ބޭނުންވިއެވެ. ނަމަވެސް ހައިކަލްއަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނީއެވެ. ދެން ޒޭން ގޮސް އޭނާގެ ލެޕްޓޮޕް ލާފައި އޮތް ދަބަހުގެ ތެރެއިން މިންނުގެ ޑައިރީ ނަގާ ޔާނާއަށް ގުޅާލިއެވެ. ނަމަވެސް އޭނާއަށް އާދެވޭގޮތްވީ ގަޑިއެއްހާ އިރުފަހުންނެވެ. ޔާނާއާއެކު ޑަކްޓަރެއް ވެސް ވަދެގެން އައެވެ. ހައިކަލް ޗެކު ކުރުމަށެވެ. ޒޭން ފެނުމުން ހިނިތުންވުމަކާއެކު ކިހިނެއްތޯ އަހާލިއެވެ. ޒޭން ވެސް ހިތްހެޔޮކަމާއެކު ޖަވާބުދާރީވިއެވެ. އެ ޑަކްޓަރު ކުރަން އައި ކަންތައްކޮށް ނިމުމުން ވަރަށް އަވަހަށް ނުކުމެގެން ދިޔައެވެ. އޭނާއާއެކު ޔާނާ ނުދިއުމުން ޒޭނަށް ވިސްނުނީ ޔާނާ އައިސް ހުރީ އެ ޑަކްޓަރާއެކު ނޫންކަމެވެ. އެހިނދު ޒޭން ގެނައި ކުއްލި ހަރަކާތަކާއެކު ޔާނާ ގެނެސް އެ އަތުގެ ތެރެއަށްލިޔެވެ.
"އައި މިސްޑު ޔޫ ސޯ މަޗް" ޒޭންގެ އަތުގެ ތެރެއަށް އަރިއަކަށް ވެއްޓިފައިއޮތް ޔާނާގެ ގައިގާ ހިފާ ބާރުކޮއްލަމުން ޒޭން ބުނެލިއެވެ.
"އަހަރެން ވެސް ވަރަށް މިސްވި ޒޭން މަތީން... ދެން ދޫކޮއްލަބަލަ! މިތަނަށް މީހަކު ވަދެއްޖެއްޔާ ބުނާނީ ކީކޭ" ޒޭންގެ އުނގުގެތެރެއިން ތެދުވަން ޔާނާ މަސައްކަތްކުރިއެވެ.
"އޯކޭ! ޔާން ބުނީމަ ޖެހޭނީ ދޫކޮއްލާކައްނު، ލޯބިވޭ ވިއްޔާ" ޔާނާގެ ގައިން ދޫކޮއްލަމުން ޒޭން ބުނެލިއެވެ. ޒޭން އިން ސޯފާގައި ޔާނާ ވެސް ހަމަޖެހިލިއެވެ. އޭރު ޒޭންގެ ކައިރީ ސޯފާ މަތީ ބާއްވާފައި އޮތް މިންނުގެ ޑައިރީ ޔާނާއަށް ވެސް ފެނިއްޖެއެވެ.
"މިހާރު ކިޔަންވީ ކިހާ ހިސާބަކުންތަ....އާނ!... އޯކޭ ފެނިއްޖެ" ޔާނާ ސޯފާގައި އޮތް ޑައިރީ ނަގާ ހުޅުވާލިއެވެ. އެއިން އެމީހުން ކިޔަންވީ ހިސާބު ފާހަގަކުރިއެވެ. ޒޭންގެ މޭގައި ލެގިލައިގެން އިނދެ ޔާނާ ޑައިރީކިޔަން ފެއްޓިއެވެ. ޒޭން ވެސް ޔާނާގެ ބޮލުގެ އެއްފަރާތުން ޑައިރީއަށް ބަލަންއިނެވެ.
* * * * *
މިންނުގެ ޑައިރީ:
ހައިކަލް އަހަންނަށް ބަލަން އިންގޮތަށް އިނީއެވެ. އެތައް އިރަކު ގިސްލާ ރުއިމަށްފަހު އެންމެފަހުން އަހަރެންގެ ރުއިން ހުއްޓާލީމެވެ. ރުޔަސްދެން އެއްވެސް ކަމެއް ބަދަލެއްނުވާނެކަން އެނގޭތީއާ އެކުވެސް މެއެވެ. އަހަރެން ރުއިން ހުއްޓާލުމުން އިރުކޮޅަކު އަހަންނަށް ބަލަން އިނދެފައި ހައިކަލް އިން ގޮނޑިން އޭނާ ތެދުވެ ކޮޓަރިން ބޭރަށް ނުކުތެވެ. އަހަރެން ތެދުވަން މަސައްކަތްކުރީމެވެ. ފިހުނުތަނުގެ ތަދު އިހްސާސްކުރެވެން ފެށީ އޭރުއެވެ. ތެދުވަން ބޭނުން ވިޔަސް ހިތްވަރު ކުރި ނަމަވެސް އަހަންނަކަށް ނުތެދުވެވުނެވެ. އެހެންވެ ފަރާތް ފަރާތަށް ހަރަކާތް ކުރުމުގެ ބަދަލުގައި އިހު އޮތް ހެން އުއްޑުން އޮތްގޮތަށް އޮތީއެވެ. އެހެން އޮތްއިރު ބަނޑުގައި އަތްލަން ވެސް ނުކެރުނެވެ.
އެތައް އިރެއްފަހުން ހައިކަލް ކޮޓަރިއަށް އައެވެ. ތަބަކެއްގައި ކާއެއްޗެހި ހިފައިގެންނެވެ. ހައިކަލް އެނދުކައިރީ ހުރި ގޮނޑިމަތީ ތަބައް ބެހެއްޓިއެވެ. އަދި އަހަރެންގެ ކައިރީ އޮތް ބާލީސްނަގާ އަހަރެންގެ ބޯދަށަށް ލައްވާލަން އުޅުނެވެ. އަހަންނަށް އޭނަ އެ އުޅެނީ ކީއްކުރަންކަން އެނގުނެވެ. ނަމަވެސް ހައިކަލްއަށް އެހީތެރިވުމުގެ ގޮތުން އެއްކަމެއް ވެސް ނުކުރަމެވެ. އެހެންވިޔަސް އޭނާއަށް އަހަރެންގެ އެހީތެރިކަމެއް ބޭނުންނުވާ ކަހަލައެވެ. އަހަރެންނަށް ކުޑަކޮށް ކޮޅަށް އިނދެވޭނޭ ގޮތް ހަދައިދޭން ހައިކަލް އުޅުނެވެ. ހިލަ ބުދެހެން ހަރުކަށިކަން ގެނެސްގެން އޮތީމެވެ. ނަމަވެސް ހައިކަލް އަހަރެން ނަގަން މަސައްކަތް ކުރާން ފެށުމުން އަހަންނަށް މާ ބޮޑަށް ތަދުވާންފެށީއެވެ. ވޭން އިހުސާސްވުމުން ހައިކަލްގެ ކަނދުރާގައި އަތްއަޅުވާލެވުނީ ބޭއިޚްތިޔާރުގައެވެ. ގަސްދަކާ ނުލާ އަނގައިން ވޭނުގެ އަޑު ނުކުތީއެވެ. އެހިނދު ހައިކަލް އަހަންނަށް ބަލާލިއެވެ. ތަދުވާކަން އެނގުމުން އޭނާ ކަންބޮޑުވިކަން އެ މޫނުން ފާޅުވިއެވެ. އަވަސް އަވަހަށް އަހަރެން ނަގަން ނޫޅެ އޮތްގޮތަކަށް ބާއްވާފައި ދުރަށް ޖެހިލިއެވެ.
ހައިކަލް: "އެއްޗެއް ނުކައި އޮންނާކަށް ނުވާނެ. އޮށޯވެގެން އޮވެގެން ކިހިނެއް ކާނީ"
ހައިކަލް ގާތް ނުވިޔަސް އަހަރެން ތެދުވެދާނަން ކަމުގައި ބުނެ އަމިއްލައަށް ތެދުވާން މަސައްކަތް ކުރީމެވެ. ކިތަންމެ ގަދަވާން ބޭނުންވިޔަސް ދެ ލޯ ފެންކަޅިވާހާ ވޭން އިހުސާސް ވަމުންދިޔައެވެ. އަހަރެން އުޅޭ ގޮތް ބަލަން ހައިކަލް އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ކުއްލިއަކަށް އަހަންނާ ގާތަށް ޖެހިލާ އޭނާގެ އަތްދަނޑި މައްޗަށް އަހަރެން އުފުލާލި ތަނެވެ. އެއަށްފަހު ކޮޅަށް އަހަރެން ބެހެއްޓިއެވެ. އެނދާ ދިމާއަށް އިޝާރާތްކޮށްލީ އެ ތަނުގައި އިށީންނާށޭ ހައިކަލް ބުނާ ފަދައިންނެވެ. އެނދުގައި ފޫޖައްސާލުމާއެކު ފޫހިކަމާއެކު ހައިކަލްއަށް ލޯ އަޅާލީމެވެ.
ހައިކަލް: "މިންނުގެ އަމިއްލަ ހަށިގަނޑަށް ތިވަރުގެ ބޮޑު އަނިޔާއެއް ތި ދިނީ ކީއްވެ؟"
ހައިކަލް ކުރީން ވެސް އަހަންނާ ކުރި ސުވާލެއް ތަކުރާރުކުރިއެވެ. ދެބުމަ ކައިރިކޮށްލުމާއެކު އަހަންނަށް ތުންފިއްތާލެވުނެވެ. އަދި އިހުނަށްވުރެ ނުރުހުންތެރިކަމާއެކު ހައިކަލްއަށް ބަލާލާފައި ރައްދުދިނީމެވެ. އޭނާ ކުށްވެރި ކުރަމުންނެވެ. އަހަރެން ކީ ހުރިހާ އެއްޗެއް އަޑުއަހަން ހުރެފައި އޭނާ ގެނައި ތަބަކުން ޖޫސްތަށި ނަގާ އަހަރެންގެ އަތަށް ލައިދިނެވެ. ޖޫސްތަށި ފެނުމާއެކު ކަރުހިއްކައިގަނެފައި ހުރިވަރު އިހުސާސް ކުރެވުނެވެ. އެހެންވެ ތުނބުގައި ޖަހާލެވުނު ގޮތަށް އެއްނޭވާއިން ޖޫސްތަށި ބޮއެ ހުސްކޮށްލަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ އަތުގައި ހައިކަލް ހިފުމާއެކު ޖޫސްތަށި ތުނބުން ނައްޓުވާލިއެވެ.
ހައިކަލް: "ކޮށިއަރާފާނެ"
އަވަސް އަވަހަށް ޖޫސްތަށި ހުސްކޮށްނުލުމަށް ހައިކަލް އެދުނެވެ. އޭނާ އެހެން ބުނީތީ ވެސް އަހަރެން ބޭނުންވީ އެއްނޭވާއިން ޖޫސްތަށި ހުސްކޮށްލާށެވެ. އެކަން ވެސް ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް މަތިން އަރާހެން ހީވީއެވެ. ހަމަޖެހިލައިގެން ޖޫސްބޯން ފެށުމާއެކު އިނދެވުނު ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލެވުނެވެ. ބަންދުވެފައިވާ ތަނެއްހެން އެތަން ހީވާތީ ކުޑަދޮރެއް ވެސް ނެތީތޯ ސުވާލުކޮށްލެވުނެވެ. އެއާއެކު އަހަރެންގެ ކުރިމަތީގައި ހުރެފައި ހައިކަލް ހިނގައިގަތީ ކޮޓަރީގެ އެއްފަރާތުގައި އެލުވާފައި ހުރި ދޮރުފޮތިގަނޑަކާ ދިމާއަށެވެ. ދެފަރާތަށް ދޮރުފޮތިގަނޑު ކަހާލުމާއެކު ބިއްލޫރި ދޮރެއް ފެންނަން ހުއްޓެވެ. މަޑުމަޑުން ތެދުވެ އެ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ކައިރިވި ވަރަކަށް އެއީ ބެލްކަނިކޮޅެއްކަން އަހަންނަށް އެނގުނެވެ. ދޮރާ ކައިރިވުމުގެ ކުރީން ހައިކަލް އަވަސް އަވަހަށް ބިއްލޫރި ދޮރު އެއްފަރާތަށް ކަހާލާ ހުޅުވާލިއެވެ.
ކައިރި ކައިރީގައި ފިޔަވަޅު އަޅަމުން އައިސް ބެލްކަންޏަށް ނުކުތީމެވެ. މަގުމަތިން މީހުންތައް އުޅޭގޮތް އަހަންނަށް ފެނުނެވެ. އެތަނުންމީހަކު އިސްއުފުލާ މައްޗަށް ބަލާލިއްޔާ ނޫނީ އަހަންނެއް ނުފެންނާނެއެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ތަނަވަސް ބެލްކަނިކޮޅެކެވެ. އެ ގެއާ މެދު ސުވާލު އުފެދުމުން އެކަމާ ހައިކަލްއާ ސުވާލު ކުރީމެވެ.
ހައިކަލް: "މީ އަހަރެންގެ ބައްޕަގެ ގެ. މިހާރު އަހަރެންގެ"
މަޑުމަޑުން ހައިކަލް ބުނެލިއެވެ. އޭނާ ހުރީ އިސްޖަހާލައިގެން އެއް އަތުން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރުކަނީގައި ހިފަހައްޓާލައިގެންނެވެ. އޭނާ ގާތުން އަހަރެން ގެއަށް ގެންގޮސްދިނުމަށް އެދުނީމެވެ. ނަމަވެސް އޭނާ ގުޑައިނުލިއެވެ. އަހަރެން ބުނި އެއްޗެއް އަޑު ނީވުނީއޭ ހިތަށް އަނެއްކާ ވެސް ގެއަށް ގެންގޮސްދިނުމަށް އެދުނީމެވެ. މިފަހަރު ހައިކަލް އިސްއުފުލާ އަހަންނަށް ބަލާލިއެވެ. އެ މޫނުން ޖެހިލުންވުމުގެ އަސަރު ފާޅުވާހެން ވެސް ހީވިއެވެ. އިރުކޮޅަކު އަހަރުމެން ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެފައި ތިއްބެވެ. އަހަރެން މޫނު އަނބުރާލި ވަގުތު އަހަންނާ ގާތަށް ހައިކަލް ފިޔަވަޅެއް އެޅިއެވެ. ހަމައެއާއެކު އޭނާ ފެށީ އެހެން ވާހަކައެކެވެ. (ނުނިމޭ)