ކުޅިވަރު

ބާސެލޯނާ ކުރިއަށް، މެޑްރިޑްގެ ދެ ޓީމު ވީ އެއްވަރު

Nov 19, 2017

ލެގަނޭޒްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއް ވަނައިގައި ބާސެލޯނާއިން އިތުރަށް ކުރިއަށް ޖެހިލި އިރު، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑްގެ މެޑްރިޑް ޑާބީ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ލެގަނޭޒްގެ ދަނޑުގައި ކުޅުނު މެޗުގައި، ބާސާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޕައުލީނިއޯ އެވެ.

ފުރަތަމަ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނެޓްގައެވެ. ބާސާގެ ޕަކޯ އަލްކާސާ ލަގަނޭޒްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ، އެ ޓީމުގެ ކީޕަރު ޕިޗޫ ކުއެއްޔަރު ދިފާއު ކުރުމުން ސުއަރޭޒް ވަނީ ރީބައުންސަށް ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ދެ ވަނަ ލަނޑު 60 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ބާސާއިން އުފެއްދި ހަމަލާއެއް ކީޕަރު ކުއެއްޔަރާ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ވައިގެ ތެރޭގައި އޮއްވާ ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ. ސުއަރޭޒް އަކީ އެގޮތަށް ލަނޑު ޖެހުމުގައި އެކްސްޕާޓެކެވެ. އޭނާ ވަނީ މިދިޔަ ހަތަރު ސީޒަންގައިވެސް ފާހަގަ ކުރެވޭ ބައެއް މެޗުތަކުގައި އެގޮތަށް ލަނޑު ޖާހަފަ އެވެ.

ބާސާގެ ތިން ވަނަ ލަނޑުޕައުލީނިއޯ ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ.

އެތުލެޓިކޯގެ އާ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނާގައި ކުޅުނު ފުރަތަމަ މެޑްރިޑް ޑާބީ އެއްވަރުވުމުން މިއީ 2004 ވަނަ އަހަރުގެ ފަހުން ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޑްރިޑްގެ ޑާބީ އެވެ. ނަމަވެސް، އެމެޗަކީ ގިނަ ކުލަތަކެއް ފެނުނު މެޗެކެވެ. އެތުލެޓިކޯއިން ކުޅުނީ ރެއާލްގެ ފޯވަޑްލައިން ބަނދެލައިގެންނެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރޭގައި ރެއާލްގެ ކުޅުންތެރިންނަށް މާ ބޮޑު ފުރުސަތެއް ނުލިބެއެވެ. ރެއާލް އަށް ޕެނަލްޓީ ލިބެންޖެހޭ ހަލަތެއް ދިޔަނަމަވެސް ރެފްރީގެ ނިންމުން އެގޮތަކަށް ނައެވެ.

އެންޓޯން ގްރީޒްމަންގެ ފަރާތުން އެތުލެޓިކޯގެ ސަޕޯޓަރުން އެންމެ ބޭނުންވި ކުޅުމެއް ނުދެއްކުނެވެ. ރެއާލްގެ ރޮނާލްޑޯ އާއި ބެންޒެމާ އަށްވެސް ވީ ހަމަ އެހެންނެވެ.

މެޑްރިޑްގެ ދެ ޓީމު އެއްވަރުވުމުން ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު މިހާރު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. ބާސާ އަށް 34 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ރެއަލް މެޑްރިޑަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ. އެތުލެޓިކޯ އަށް ވެސް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ބާސާގެ ފަހަތުން ދެ ވަނައިގައި އޮތީ ވެލެންސިއާ އެވެ. އެ ޓީމު އޮތީ ބާސާ އަށް ވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. އެ ޓީމަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ. ވެލެންސިއާ މިއަދު ނިކުންނާނީ އެސްޕަނޯލް އާ ދެކޮޅަށެވެ.