ރޯހިންޔާ ދަރިކޮޅުގެ މީހުންގެ މައްސަލަ ހައްލުކުރަން ވާނީ ބަންގްލަދޭޝްއާއި މިޔަންމާއިން އެކަނި ކުރާ މަޝްވަރާތަކުން ކަމަށް ޗައިނާއިން ބުނެފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ޗައިނާ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓަރު ވާންޔީ ހޮނިހިރު ދުވަހު ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ބައިނަލް އަގުވާމީ މުޖުތަމައުން ވަނުމަކީ މައްސަލަ އިތުރަށް ބޮޑުވާނެ ކަމެއް ކަމަށާއި އެގޮތަށް ކަންތައްކޮށްގެން ނުވާނެ ކަމަށެވެ.
" ބައިނަލް އަގުވާމީ މުޖުތަމައުން މައްސަލަ އިތުރަށް ބޮޑުކޮށްގެން ނުވާނެ. ސަލާމަތީ މަޖިލީހުގައި އަޅާ ފިޔަވަޅުތައް ވާން ޖެހޭނީ ބަންގްލަދޭޝްއާ މިޔަންމާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން މައްސަލަ ހައްލުކުރުމަށް އެހީތެެރިވެދޭ ފިޔަވަޅުތަކަކަށް،" ވާން ވިދާޅުވި ކަމަށް ޑާކާ ޓްރައިބިއުންގެ ހަބަރުގައ ވެއެވެ.
ދެދުވަހުގެ ރަސްމީ ދަތުރުރުޅެއްގައި ވާން ބަންްގްލަދޭޝަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުއެވެ. އެގައުމުން ދެން އޭނާ ވަޑައިގަންނަވާނީ މިޔަންމާއަށެވެ. އެއީ އޭޝިއާ- ޔޫރަޕް މީޓިން ( އާސީމް) ގައި ބައިވެރިވަޑައިގެންނެވުމަށެވެ.
މިޔަންމާގެ ރާޚައިން ސްޓޭޓުގައި ދިރއުޅޭ ބައިމަދު ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖަރީމާތަކުން ސަލާމަތް ވުމަށް ބަންގާޅަށް ހިޖުރަކުރިމީހުންގެ އަދަދު މިހާރު ވަނީ 600000 ( ހަލައްކަ) އަށް ވުރެ މަތިވެފައެވެ. ނަމަވެސް މިޔަންމަ ސަރުކާރުން ދަނީ އެމީހުންނާ ދެކޮޅަށް ޖަރީމާތައް ނުހިންގާ ކަމުން ބުނަމުންނެވެ.
ވާން ވިދާޅުވީ ރޯހިންޔާ މީހުންނަށް ހޯދައިދޭން ޖެހޭނީ ހުރިހާ ކަންތައްތަކެއް ހިމެނޭ ފުރިހަމަ ހައްލެއް ކަމަށެވެ. އެގޮތުން ރާޚައިން ސްޓޭޓަށް އިގުތިސާދީ ތަރައްގީ ގެންނަން ޖެހޭ ކަމަށާއި އެކަމަށް އެހީވާން ޗައިނާއިން ތައްޔާރަށް އޮތް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނޫސްކޮންފަރެންސްގެ ކުރިން ވާން ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ގަނޑުވަރަށް ވަޑައިގެން އެކަމަނާއާ ވެސް ބައްދަލުކުރައްވާފައެވެ. އަދިި މައްސަލަ ހައްލު ކުރުމުގައި ބަންގްލަދޭޝަށް ޗައިނާއިން އެހީތެރިވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ހަސީނާއަށް ދެއްވާފައެވެ.
ޝައިހު ހަސީނާގެ އޮފީހުން ވަނީ ރޯހިންޔާ މައްސަލައިގައި ބަންގާޅުން ބުނަމުން އަންނަ ބުނުން ތަކުރާރުކޮށްފައެވެ. އެގޮތުން ބުނެފައި ވަނީ ރެފިއުޖީންގެ ގޮތުގައި އެގަައުމަށް ގޮސް ތިބި ރޯހިންޔާ މީހުން މިޔަންމާއިން އަނބުރައި ގެންދަން ޖެހޭނެ ކަމަށެވެ.
ޗައިނާއަކީ މިޔަންމާއަށް މާލީ އަދި އަސްކަރީ ގޮތުން ބޮޑެތި އެހީތައް ވަމުން އަންނަ އެގައުމާ ވަރަށް އެކުވެރި ގައުމެކެވެ.