ދުނިޔެ

ލަންކާ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހަމަނުޖެހުންތަކެއް ހިންގައިފި

ސްރީލަންކާގެ ގޯލް ސަރަހައްދުގައިވާ ގިންޓޯޓާ ނަމަކަށް ކިޔާ ރަށުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހަމަނުޖެހުންތަކެއް ހިންގައި ހަތަރު މީހަކު ޒަހަމްކޮށްލައިފިއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ ގިންޓޯޓާގައި ހުކުރު ދުވަހު ހަމަނުޖެހުންތައް ހަމަނުޖެހުންތައް ފެށުނީ ސޯޝަލް މީޑިއާގައި ފެތުރި ދޮގު ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ފެތުރި ވާހަކައަކީ ބުޑިސްޓުންގެ ފައްޅިއަކަށް މުސްލިމުން ހަމަލާދޭން އުޅޭ ކަމުގެ ވާހަކައެވެ.

" އެހަމަނުޖެހުމަކީ ދެ ފަރާތުގައި ވެސް ތިބި ހައްދުފަހަނައަޅާފައިވާ މަދު ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް، " ލަންކާ ފުލުހުންގެ ފަރާތުން ރޮއިޓާސްއާ ވާހަކަ ދެއްކި ރުވާން ގުނަސޭކަރާ ބުނެފައި ވެއެވެ.

ހަމަޖުހެމަށް ފަހު ގިންޓޯޓާގައި ވަނީ ކާފިއު ހިންގާފައެވެ. އަދި ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފެތުރި އަންހެނަކުވެސް ހިމެނެއެވެ.

ލަންކާގެ ލޯއެންޑް އޯޑާ މިނިސްޓަރު ސަގަލަ ރަތުނަޔަކަ ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ހިނގީ ކުޑަ ކުޑަ ހަމަނުޖެހުމެއް ކަަމަށާއި އެހެން ނަމަވެސް މުސްލިމުންނާ ބުޑިސްޓުންނާ ދެމެދު ހިނގާ ބޮޑު ހަމަނުޖެހުމަކަށް އެކަން ބަދަލުކޮށްލަން ބައެއް ސިޔާސީ ގްރޫޕްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމަނުޖެހުންތައް ޖަމައަކަށް އަޅުވަން ލަންކާ ސަރުކާރުން ވަނީ ފުލުހުންގެ އިތުރު ފައުޖުތަކާއި ސިފައިން ވެސް އެ ސަރަހައްދަށް ފޮނުވާފައެވެ.

އާއްމު ގޮތެއްގައި ސުލްހެވެރިކޮށް އެކުގައި އުޅުނު ކަަމަށް ވިޔަސް ލަންކާ ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް ހިނގައެވެ. ފަހުގެ ތާރީހެއްގައި އެފަދަ އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ 2013 ވަނަ އަހަރު އެވެ. އެއަހަރުގެ ހަމަނުޖެހުންތަކުގައި މީހުން މެރުމާއި މިސްކިތްތަކަށް ގެއްލުން ދިނުން ފަދަ އަމަލުތައް ހިންގާފައެވެ. ސިންގަޅައިންގެ އަޣުލަބިއްޔަތު އޮންނަ ލަންކާގެ މުސްލިމުންގެ ތެރެއިން ގިނަ މީހުންނަކީ ތަމަޅައިންނެވެ.