ދުނިޔެ

މުގާބޭގެ ވެރިކަން ވައްޓައިލާނެކަން އެމެރިކާ، ޗައިިނާއަށް ކުރިން އެންގި

ޒިމްބާބްވޭ ސިފައިން ނުކުމެ ރައީސް މުގާބޭގެ ވެރިކަން ވައްޓައިލަން އުޅޭކަން ޗައިނާއަށާއި އެމެރިކާއަށް ކުރިން އަންގާފައިވާ ކަމަށް ސައުތު އެފްރިކާ ނޫހަކުން ބުނެފިއެވެ.

ސައުތު އެފްރިކާގެ ސިޓީ ޕްރެސް ނޫހުން ބުނީ މުގާބޭއާ ދެކޮޅަށް ސިފައިން ނުކުންނަން ފުރަތަމަ ރާވާފައި އޮތީ އަންނަ ޑިސެމްބަރު މަހު، ވެރިކަން ކުރާ ޒާނޫ ޕީއެފް އިން ބާއްވަން ރާވާފައިވާ ކޮންގްރެސްއާ ދިމާކޮށް ކަމަށެވެ. އަދި އެކަމަށްޓަކައި ޑިޕްލޮމޭޓުންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި ސިފައިން ދުރާލައި ރާވާފައިވާ ކަމަށާއި ސަރަހައްދުގެ އެތައް ގައުމަކަށާއި އެމެރިކާއާއި ޗައިނާއަށް ވެސް އަންގާފައިވާ ކަަމަށެވެ،

އެނޫހުން ބުނީ އެކަމާ އެއްވެސް ސަރުކާރަކުން ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އެކަމުގައި ލޭ އޮހޮރުވުމެއް ހިނގިޔަ ނުދިނުމަށް ގައުމުތަކުން ބާރު އެޅި ކަމަށެވެ. ގައުމުތަކުން ބާރު އެޅި އަނެއް ކަމަކީ އެކަމުގައި ބަޣާވާތެއްގެ ސިފަ ނުޖެއްސުމެވެ.

އަންނަ ޑިސެމްބަރު މަހު ޒާނޫ ޕީއެފް އިން ބާއްވާ ކޮންގްރެސްގައި މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ މަގާމު ޕާޓީގައި މަތިކޮށް، މުގާބޭއަށް ފަހު ރައީސް ކަމަށް ކުރިމަތިލައްވާނީ އޭނާ ކަމަށް ކަނޑައަޅަން އޮތީ ރާވާފައެވެ. ސިފައިން ނުކުންނަން ރާވާފައި އޮތީ އެހާލަތަށް ދިއުމުންނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ވެރިކަން ވައްޓައިލީ ގްރޭސް ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމުގެ ގޮތުން ނައިބުރައީސް ކަމުގެ މަގާމުން އެމާސަން ނަންގަގްވާ ވަކި ކުރުމުންނެވެ.

ޒިމްބާވްވޭ ސިފައިންގެ މަސްދަރުތަކާ ހަވާލާދީ ސިޓީ ޕްރެސް ބުނީ ސިފައިން ނުކުމެ ވެރިކަން ވައްޓައިލުމަށް ޗައިނާގެ ރުހުން ކުރިން ހޯދާފައިވާ ކަމަށެވެ. އެކަމަށްޓަކައި ޖެނެރަލް ޗިވެންގާ އެގައުމަށާއި ސަރަހައްދީ ބައެއް ގައުމުތަކަށް ވެސް ވަޑައިގެން ކަމަށާއި އޭނާ ވަޑައިގެންނެވީ ބޭސްފަރުވާއަކަށް ކަމަށް މުގާބޭއަށް ދެންނެވި ކަމަށް ވެސް އެނޫހުން ބުންޏެވެ.

ޖެނެރަލް ޗިވެންގާ ޗައިނާގެ ރުހުން ހޯއްދެވީ އެގައުމަކީ ޒިމްބާބްވޭގައި އިންވެސްޓްކޮށް، ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ގައުމަކަށް ވާތީއެވެ. އެގޮތުން މުގާބޭގެ ވެރިކަން ވައްޓައިލިޔަސް މަޝްރޫއުތައް ހުއްޓައިނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޗިވެެންގާ ވަނީ ހޯއްދަވާފައެވެ. ސަރަހައްދީ ގައުމުތަކަށް އެންގެވީ ވެރިކަން ވައްޓައިލުމުންް އަޅައިފާނެ އަސްކަރީ ފިޔަވަޅަކުން ސަލާމަތް ވުމަށެވެ.

މުގާބޭ ސުލްހަވެރިކަމާއި އެކު ވެރިކަން ދޫކޮށްލުމަށް ސިފައިން މިއަދު އޭނާއާ އެކު ބާއްވާ މަޝްވަރާތަކުގައި ބާރު އަޅާނެއެވެ. އަދި އެގޮތަށް އެއްބަސްވެވަޑައި ނުގެންފި ނަމަ މާދަމާ ޒިމްބާވްވޭ ޕާލަމެންޓުގެ ޖަލްސާއެއްގައި މުގާބޭ އިމްޕީޗް ކުރާނެއެވެ.