ހަބަރު

އެންމެ ސުވާލެއް: ގައުމީ ދުވަސް އެނގޭތަ؟

  • ގައުމީ ދުވަހަށް ސަމާލުކަން ދީފައެއް ނުވޭ
  • ގާނޫނުއަސާސީ ބަޔާން ކުރާ ހަމައެކަނި ދުވަސް
  • ދިވެހިން ފަހުރުވެރިވާންޖެހޭ އެންމެ ބޮޑު ދުވަސް
ގައުމީ ދުވަހާ ބެހޭ ގޮތުން ބައެއް ފަރާތްތަކަށް އެނގޭ މިންވަރަށް.

ރާއްޖޭގެ ގައުމީ ދުވަހަކީ ގާނޫނުއަސާސީގައި އެ ދުވަހުގެ ވާހަކަ ބަޔާން ކުރާ ހަމައެކަނި ދުވަހެވެ؛ އެއީ ގައުމީ ވަންތަކަން ދިވެހިންގެ ވިންދާއި ލޭގައި ކެކިއަރަންޖެހޭ ދިވެހިންގެ އެންމެ މުހިންމު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ވިލޭރޭ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމާއި އެ ދުވަހު ދިވެހި ބަތަލު ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ލީޑަޝިޕްގެ ޓީމް ކުރެއްވި ޖިހާދާއި މަސައްކަތް ހަނދާން އާ ކުރުމުގެ ގޮތުން ފާހަގަ ކުރާ މުހިންމު ދުވަހެކެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 74 ވަނަ އަހަރެވެ. މިއަދާ ހަމަޔަށް އާއިރު އެ ވަރުގަދަ ޖިހާދުގެ ހަނދާންތައް ދިވެހިންގެ ސިކުނޑީގައި ހަރުލަވާފައި ހުރީ ކިހާ ވަރަކަށްތޯ ސުވާލުކޮށްލަން ޖެހެ އެވެ. ހަމަ އެންމެ ސުވާލެކެވެ: ގައުމީ ދުވަސް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

އިއްޔެއަކީ ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. ނަމަވެސް ފެންނަ ފެނުމަށް ގިނަ މީހުންނަށް އިއްޔެއަކީ ރާއްޖޭގެ އެންމެ ހައިބަތު ބޮޑު ގައުމީ ދުވަސް ކަން ވެސް އެނގެނީ، ހިތުގައި ގައުމަށް އޮތް ލޯތްބާއި ދިވެހިވަންތަ ގައުމީ ރޫހުގެ ސަބަބުންހެނެއް ހީއެއް ނުވެވެ. އޭގެ ބަދަލުގައި ގިނަ ދިވެހިންނަށް ވެސް ގައުމީ ދުވަސްކަން އެނގެނީ ކަލަންޑަރުގައި ރަތް އަކުރުން އެއީ އޮފީސްތަކާއި ސްކޫލުތައް ބަންދުވާ ދުވަހަކަށް ވާތީހެން ހީވެއެވެ. މުހިންމު އެ ދުވަސް ހަނދާނުގައި ނުހުރުމުގެ އިތުރުން ގައުމީ ދުވަސް ފާހަގަ ކުރާ ސަބަބާއި ޕޯޗުގީޒުންނާ ދެކޮޅަށް މުހައްމަދު ތަކުރުފާނު ކުރެއްވި ވަރުގަދަ ހަނގުރާމައާ ބެހޭ ގޮތުން އެނގޭ މީހުން ވެސް ވަރަށް މަދެވެ.

ގައުމީ ދުވަހާ ބެހޭ ގޮތުން އާންމުންނަށް އެނގެނީ ކިހާ ވަރަކަށްތޯ ސާފުކޮށްލަން އާންމުނާ އެ ސުވާލު ކުރަމާ ހިނގާށެވެ. ގިނަ މީހުންނަށް ގައުމީ ދުވަސް ފާހަގަ ކުރާ ސަބަބު ނޭނގޭތީ އެ ސުވާލަށް ޖަވާބެއް ދޭން ކެމެރާއާ ކުރިމަތިލާކަށް ނުކެރެ އެވެ.

ތިރީގައި އެ ވަނީ ގިނަ މީހުންނަށް ގައުމީ ދުވަހާ ބެހޭ ގޮތުން އެނގޭ މައުލޫމާތުތަކާއި އެ ދުވަސް މިހާރު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ގޮތާ ބެހޭ ގޮތުން އާންމުންގެ ހިޔާލެވެ.

ވާހަކަދެއްކި މީހުންގެ ތެރެއިން ގައުމީ ދުވަހާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް މައުލޫމާތު އެނގުނީ މަދު ބަޔަކަށެވެ. ގައުމީ ދުވަހަކީ ކޮން ދުވަހެއްކަން ބުނެދިނުމުން އެއްބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. ހީވީ މުޅިން އާ ކަމެއް އެ މީހުންނަށް އެނގުނީ ހެންނެވެ.ސުވާލުކޮށްގެން ގައުމީ ދުވަހާ ބެހޭ ގޮތުން ރަނގަޅަށް ޖަވާބު ދިން މީހުންނަށް ވެސް އެ ދުވަހާއި ބަތަލުން ކުރެއްވި ވަރުގަދަ ޖިހާދާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތެއް ނޭނގެ އެވެ.

ގައުމީ ދުވަސް ކުރުކޮަށް

  • މުހައްމަދު ތަކުރުފާނުލްއައުޒަމް ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަސް
  • ޕޯޗުގީޒުން ރާއްޖެ ހިފައި ވެރިކަން ހިންގާން ފެށީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު
  • ޕޯޗުގީޒުންގެ އަތް ދަށުގައި ރާއްޖެ އޮތީ 15 އަހަރާއި 6 މަސް ދުވަސް
  • ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގެ ވެރިކަން ހިންގާން ހުރީ އަނދިރިއަނދިރިން
  • ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ، 4 ފެބްރުއަރީ 1946 ގައި

ކެމެރާއަށް އަރަން ނުކެރުން ނަމަވެސް ވާހަކަދެއްކެވި އެހެން މީހުން ވެސް ބުނީ ގައުމީ ދުވަސް ފާހަގަ ކުރާ ސަބަބެއް އެ މީހުންނަށް ނޭނގޭ ކަމަށެވެ.

"އަޅުގަނޑު އަސްލު ވަރަށް ޝޮކު ވެއްޖެ މިއީ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވި ދުވަހޭ ބުނީމަ ވެސް، މިއަދާ ހަމަޔަށް އައި އިރުު ތިވަރުވެސް ގިނަ މީހުންނަކަށް ނޭނގޭ، އެ މައުލޫމާތު އެންމެ ރަނގަޅަށް ފޯރުކޮށްދޭން މަސައްކަތް ވެސް ކޮށްފައެއް ނެތް،" ކެމެރާއަށް ނާރާ އަވަސްއާ ވާހަކަދެއްކި މެދު އުމުރުގެ މީހަކު ބުންޏެވެ.

ގިނަ މީހުންގެ ބޮޑު ޝަކުވާއަކަށްވީ ރާއްޖޭގައި މިހާރު ގައުމީ ދުވަސް ފާހަގަ ކުރާ ގޮތެވެ. އާންމުން ގަބޫލު ކުރާ ގޮތުގައި ގައުމީ ދުވަހާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މީހުން ހޭލުންތެރި ނުވަނީ ވެސް އެންމެ ފުރިހަމަކޮށް އެ ދުވަސް ފާހަގަ ނުކުރާތީ އެވެ. އެހެންވެ ސަރުކާރުން އެ ދުވަސް ފާހަގަ ކުރުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަން ޖެހެ އެވެ.

"ހަމައެކަނި ގޮނޑި ޖަހާލާފައި ޖަލްސާއެއް ބާއްވާލިޔަސް ފާހަގަވީ ކުރެވުނީއެއް ނޫން، ސިޔާސީ ޖަލްސާތައް ބާއްވާ ގޮތަށް ގައުމީ ދުވަސް ފާހަގައެއް ނުކުރެވޭނެ، ގައުމީ އެއްބައިވަންތަކަން ފެންނަ ގޮތަކަށް އެންމެން ގުޅިގެން ހުރިހާ ރަށެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް މި ދުވަސް ފާހަގަ ކުރަން ޖެހޭނީ، އޭރުން ގައުމީ ދުވަސް ހަނދާނުން ނައްތާވެސް ނުލެވޭނީ،" އެހެން މީހަކު ބުންޏެވެ.