ޒިމްްބާބްވޭގެ ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީގެ ލީޑަރުކަމުން އެގައުމުގެ ރައީސް ރޮބަޓް މުގާބޭ ވަކިކޮށްފިއެވެ.
ޒާނޫ-ޕީއެފްއިން މިއަދު ބޭއްވި ހާއްސަ ޖަލްސާއެއްގައި ލީޑަރުކަމުން މުގާބޭ ވަކިކުރުމަށް ފަހު އެމަގާމަށް އިސްކުރީ ޒިމްބާބްވޭގެ ނައިބު ރައީސްކަމުން ދާދިދަހުން ވަކިކޮށްފަައިވާ އެމާސަން ނަންގަގްވާއެވެ.
އިނގިރޭސީންގެ އަތްދަށުން ޒިމްބާބްވޭ މިިނިވަންވީ ފަހުން ފާއިތުވި 37 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވި މުގާބޭގެ ބާރު ކަނޑުވައިލީ މިދިޔަ އަންގާރަ ދުވަހުުގެ ރޭ އެގައުމުގެ ސިފައިން ކުރި ލޭ އޮހޮރުވުމެއް ނެތް ބަޣާވާތަކުންނެވެ. ސިފަައިން މުގާބޭގެ ބާރު ކަނޑުވައިލީ ނައިބު ރައީސް ކަމުން ނަންގަގްވާ ވަކިކުކުރުމުން އިންޒާރު ދިނުމަށް ފަހުގައެވެ.
ވެރިރަށް ހަރާރޭގެ ކޮންޓްރޯލްް އަތުލައި މުގާބޭއާއި އަނބިކަނބަލުން ގްރޭސް މުގާބޭ ގޭ ބަންދު ކުރި ނަމަވެސް އެއީ ވެރިކަން ވައްޓައިލި ކަމަކަށް ސިފައިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެމީހުން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް މުގާބޭއަށް ހުށަހަޅާފައެވެ. ނަމަވެސް މުގާބޭ މިހާތަނަށް އެކަމަށް އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.
ޒިމްބާބްވޭގެ އަސްކަރީ ވެރިން މުގާބޭއާ މިއަދު އަލުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި އިސްތިއުފާ ދެއްވުމަށް މުގާބޭ އެއްބަސްވެވަޑައި ނުގެންފިނަމަ ޒިމްބާބްވޭ ޕާލަމެންޓުން އޭނާ އިމްޕީޗް ކުރާނެ ކަަމަށް މިހާރު ވަނީ ހަބަރު ފެތުރިފައެވެ.