ދުނިޔެ

ބެއިޖިންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 19 މީހުން މަރުވެއްޖެ

ޗައިނާގެ ވެރިރަށް ބެއިޖިންގެ ހައުސިން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 19 މީހުން މަރުވެ، އަށް މީހުން ޒަހަމްވެއްޖެއެވެ.

ބީބީސީ ބުނީ ބެއިޖިންގެ ދެކުނު ޑިސްޓްރިކްޓެއްގައި ހިނގި އެ ހާދިސާގައި ރޯވި އަލިފާން ނިއްވައިލަން އަލިފާން ނިވާ މީހުން އެތައް ގަޑި އިރެއް ވަންދެން މަސަައްކަތް ކުރަން ޖެހުނު ކަމަށެވެ. ހާދިސާ ހިނގި ސަބަބެއް އަދި ނޭނގުނު ނަމަވެސް ބެއިޖިން ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަލިފާން ރޯވީ ޑޭކްސިން ޑިސްޓްރިކްޓްގައިވާ އަގު ހެޔޮކޮށް ބޯހިޔާވަހިކަން ލިބޭ އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގައެވެ. އެ ސަރަހައްދުގައި އާއްމުކޮށް ދިރިއުޅެނީ ޗައިނާގެ އެހެން ސަރަހައްދުތަކުން ބެއިޖިންއަށް މަސައްކަތް ކުރަން އައިސް ތިބޭ މީހުންނެވެ. އެ ސަރަހައްދުގައި އަންނައުނު އުފައްދާ ބައެއް ކުދި ކުދި ކާރުހާނާތައް ވެސް ހުރެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި މިވަނީ ބެއިޖިން ރީތި ކުރުމަށްޓަކައި އެރަށުގެ މެދުތެރޭގައި އުޅޭ މަސައްކަތްތެރީން އެހެން ސަރަހައްދުތަކަށް ފޮނުވައިލުމުގެ މަސައްކަތްތަކެއް ޗައިނާ ސަރުކާރުން ކުރަމުން އަންނަ ވަގުތެއްގައެވެ. ރައްކާތެރިކަމާ ބެހޭ ގަވައިދުތަކާ ގިނައިން ހިލާފުވާ ޗައިނާގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ގިނައިން ހިނގައެވެ.