ދުނިޔެ

މުގާބޭ އިސްތިއުފާ ނުދެއްވީ ބަޣާވާތަކަށް ނުވެދާނެތީ

ސިފައިންގެ އަތްދަށުގައި ގޭބަންދުގައި ހުންނެވި ރޮބަޓް މުގާބޭ ޒިމްބާބްވޭގެ ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސިފައިންގެ ބައެއް މަސްދަރުތަކުން އޮތީ ނޫސްތަކަށް ކުރިން މައުލޫމާތު ދީފައެވެ. ޒިމްބާވްގޭގެ ރައްޔިތުން ކެތްތެރިކަމެއް ނެތި ޓީވީތަކުގެ ކައިރީގައި ތިބީ އެކަމުގެ އިންތިޒާރުގައެވެ.

ނަމަވެސް ޓީވީ މެދުވެރިކުރައްވައި މުގާބޭ ކުރެއްވި ތަގުރީރުގަައި އިސްތިއުފާގެ ވާހަކަ ވިދާޅެއް ނުވިއެވެ. ސިފައިންގެ އެތައް ޖެނެރަލުންނެއް އޭނާގެ ވަށައިގެން ތިއްބެވި ނަމަވެސް މުގާބޭ ވިދާޅުވީ މަދު ހަފުތާތަކެއްގެ ތެރޭގައި ވެރިކަން ކުރާ ޒާނޫ-ޕއެފް ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އޭނާ ކަމަށެވެ. އަދި ހިނގައި ދިޔަ ކަންތައްތައް ތަކަކީ އޭނާގެ ވެރިކަމަށް ކުރިމަތިވި ގޮންޖެހުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މުގާބޭއަށް ބޮޑުބޭބެ ވިދާޅުވާ ޕެޓްރިކް ޒުވާއޯ ރޮއިޓާސް އަށް ވިދާޅުވެފައި އަވަހާރަކޮށްލިޔަސް ،ބަޣާވާތް ސައްހަކުރުމަށް ޓައި މުގާބޭ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެބޭފުޅުން ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަކަށް ޓަކައި އަވަހާރަވާން ވެސް މުގާބޭއާއި ގްރޭސް ތިއްބެވީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.


ޒިމްބާބްވޭގެ ވެރިކަމަށް އެގައުމުގެ ސިފައިން އައި އައުން އެއީ ޑިމޮކްރަސީއާ އެއްގޮތަށް ހިނގި ކަމެއް ކަމުގެ ސިފަ ބޮޑަށް ޖެހުނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސިފައިންނާ އެއްކޮޅަށް މަގުތަކަށް ނުކުތުމުންނެވެ. ނަމަވެސް އެކަމުގައި ސިފައިން އަދާ ކުރި ދައުރު ބޮޑުކަމުން، މުގާބޭއާ ދެކޮޅު ބައެއް ފަރާތްތަކުން ވެސް މިހާރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

" މިހާރު އޮތް ހަގީގީ ނުރައްކަލަކީ އެމީހުން ބޭނުންވާ ކެންޑިޑޭޓު ސްޓޭޓް ހައުސް (ރިޔާސީ ގަނޑުވަރަށް) ވެއްދުމަށް ފަހު، އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ އެތަނުގައި ބަހައްޓަން ސިފަައިން ބޭނުންވާނެ ކަަން،" އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން މުގާބޭ ކުރިން އެކުލަވައިލި އެއްބައިވަންތަކަމުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑޭވިޑް ކޮލްޓާޓް ވިދާޅުވެފައި ވެއެވެ.