އިންޑޮނޭޝިއާ ގެ ދައުލަތަށް 170 މިލިޔަން ޑޮލަރު ގެއްލުނު، ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ތުހުމަށް އެގައުމުގެ ޕާލަމެންޓުގެ ރައީސް ސެޓްޔާ ނޮވެންޓޯ ހައްުޔަރުކޮށްފިއެވެ.
ރޮއިޓާސް ބުނީ ނޮވަންޓޯ ހައްޔަރު ކުރީ އިންޑޮނޭޝިއާގައި އިލެކްޓްރޯނިކް އައިޑީ ކާޑު ތައާރަފް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގައި އޭނާ ދައުރެެއް އަދާކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އިންްޑޮނޭޝިއާގެ ކޮރަޕްޝަން އިރޭޑިކޭޝަން ކޮމިޝަނުު(ކޭޕީކޭ)އިންން ހައްޔަރުކުރެވޭ މީހުންނަށް ހާއްސަކޮށްފައިވާ އޮރެންޖް ކުލައިގެ ޔުނިފޯމް ލައްވައިގެން އެ ކޮމިޝަނުން މީހުން ބަންދު ކުރާ ތަނަކަށް ނޮވަންޓޯ ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ އެތަނަށް ގެންދިޔައީ ވެރިރަށް ޖަކާޓާގެ ހޮސްޕިޓަލަކުން ނެެރެގެންނެވެ.
ނޮވަންޓޯއަަކީ ކޮރަޕްޝަނުގެ ތުހުމަތަށް އިންޑޮނޭޝިއާގައި ފަހުގެ ތާރީހެއްގައި ހައްޔަރު ކުރި އެންމެ އިސް ފަރާތެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ހުކުރު ދުވަހުއެވެ. ނަމަވެސް އެ އަމުރު ތަންފީޒު ކުރުން ލަސްކުރީ ފަރުވާއަކަށް ހޮސްޕިޓަލުގައި އޮންނެވުމުން ކަމަށް ކޭޕީކޭއިން ބުންޏެވެ.
ކޭޕީކޭގެ ވެރިޔާގެ ނައިބު މުހައްމަދު ސިޔަރީފް އެ އެޖެންސީގެ އޮފިޝަލް ޕެރިސްކޯޕް ޕޭޖްގައި އާއްމު ކުރެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނޮވަންްޓޯއަށް އިތުރު ފަރުވާ ބޭނުން ނުވާކަން ޑޮކްޓަރުންގެ ލިއުންތަކުން އެނގޭ ކަމަށެވެ. އެހެންވީމާ އޭނާ ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުން އިތުރަށް ލަސް ކުރަން ނުޖެހޭ ކަމަށް ވެސް ސިޔަރީފް ވިދާޅުވިއެވެ.
ނޫސްތަކަށް ދެއްވި އިންޓަވިއުއެެއްގައި ނޮވަންޓޯ ވިދާޅުވެފައި ވަނީ އެކްސިޑެންޓެއްގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ކުރައްވަނިކޮށް ހައްޔަރު ކޮށްފާނެ ކަމަކަށް އޭނާ ނުބައްލަވާ ކަމަށެވެ. ނަމަވެސް ގާނޫނަށް ބޯލަންބަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޓްރޯނިކް އައިޑީ ކާޑު ހެދުމުގައި ދައުލަތަށް 170 މިލިޔަން ޑޮލަރުގެ ގެެއްލުން ލިބުނު މައްސަލަ ކޭޕީކޭއިން ބަލަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ތުހުމަތު ކުރެވިފައިވާ ގޮތުގައި އެކަމުގައި ޕްރޮކޮއުމަންޓް ކޮސްޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ފައިސާ އިންޑޮނޭޝިއާ ޕާލަމެންޓުގެ ބައެއް މެމްބަރުންގެ މެދުގައި ވަނީ ބަހާލާފައެވެ.